ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 14:49
ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ކަރުނަޔަކެ
ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ކަރުނަޔަކެ
ހިންދުސްތާނީ ޓައިމްސް
ލަންކާ ފޮރިން މިނިސްޓަރު
ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ލަންކާގެ ފޮރިން މިނިސްޓަރު އިސްތިއުފާ ދެއްވައިފި
ކުންފުންޏަކުން އޭނާގެ އެޕާޓްމެންޓް ކުލި ދައްކާ ކަމަށް
އިދިކޮޅު ފަރާތްތަކުން ދިޔައީ އިސްތިއުފާއަށް ގޮވަމުން
ގާނޫނާ ޚިލާފު ކަމެއް ކުރައްވާފައިނުވާނެ ކަމަށް ވިދާޅުވޭ

ސްރީލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަޔަކެ އިސްތިއުފާ ދެއްވައިފި އެވެ.

ކަރުނަޔަކެ އިސްތިއުފާ ދެއްވާފައި މިވަނީ ސްރީލަންކާގައި މިހާރު ފެންމަތިވެގެން އުޅޭ ފަސާދައިގެ ބޮޑު މައްސަލައެެއްގެ ނާރެހަށް ވެފައިވާ ކުންފުންޏަކުން ކަރުނަޔަކެގެ އެޕާޓްމަންޓަކަށް ކުލި ދައްކާ ކަމަށް ތުހުމަތުކޮށް، އިދިކޮޅު ފަރާތްތަކުން އޭނާގެ އިސްތިއުފާއަށް ގޮވަމުންދަނިކޮށެވެ.

އިސްތިއުފާ ދެއްވިކަން އިއުލާނުކުރައްވައި ގާނޫނު ހަދާ މަޖިލީހަށް ކަރުނަޔަކެ ފޮނުއްވި ބަޔާނެއްގައި ވިދާޅުވީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ ލަންކާގައި ސިޔާސީ އާ ސަގާފަތެއް ގާއިމްކުރުމުގެ ގޮތުން ފަޚުރުވެރިކަމާ އެކު ކަމަށެވެ.

ކަރުނަޔަކެ ކުއްޔަށް ހިއްޕަވާފައިވާ ލަގްޒަރީ އެޕާޓްމަންޓަކަށް ކުލި ދެއްކި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކުންފުންޏަކީ ލަންކާ ސަރުކާރުން 2015 ވަނަ އަހަރު ވިއްކި ބޮންޑުގެ ދެބައިކުޅަ އެއްބައި ގަތް ކުންފުންޏެވެ. ޕާޕެޗުއަލް ޓްރެޒަރީސް ލިމިޓެޑް ނަމަކަށް ކިޔާ އެކުންފުންޏަށް ބޮންޑުތަކުގެ ދެބައިކުޅަ އެއްބައި ވިއްކި އިރު އެ ކުންފުންޏަކީ ލަންކާ ސެންޓްރަލް ބޭންކްގެ އޭރުގެ ގަވަރުނަރު އަރުޖުނާ މަހެންދުރަންގެ ދަނބިދަރިއަކު ހިންގަމުން އަންނަ ކުންފުންޏެއްގެ ސަބްސިޑަޔަރީއެކެވެ. 

މަަސްލަހަތު ފުށުއަރާގޮތަށް ކޮށްފައިވާ އެ މުއާމަލާތުގެ މައްސަލަ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އުފެއްދެވި ކޮމިޝަނަކުން މިހާރު ވަނީ ބަލަން ފަށާފައެވެ. އަދި އެގައުމުގެ ސެންޓްރަލް ބޭންކުން ވެސް މިހާރު ވަނީ އެކުންފުނީގެ މަސަައްކަތްތައް ހުއްޓުވާފައެވެ. 

އެ ކޮމިޝަނުން ވަނީ ކަރުނަޔަކެ ހާޒިރުކޮށް އޭނާއާ ސުވާލުކޮށްފަ އެވެ. އެ ކޮމިޝަނުން ކުރި ސުވާލުތަކުގެ ޖަވާބުގައި ކަރުނަޔަކެ ވަނީ ބޮންޑް ޑީލަރާއެކު އޭނާގެ އާއިލާއިން ވިޔަފާރީގެ މުއާމަލާތްތަކެއް ހިންގި ކަމަށް އެއްބަސްވެވަޑައިގަންނަވާފަ އެވެ.

ޚިޔާނާތުގެ މި މައްސަލަ ފެންމަތިވި އިރު ކަރުނަޔަކެ ހުންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގަ އެވެ. މައްސަލަ ފެންމަތިވުމާއެކު ކެބިނެޓަށް ބަދަލު ގެނެސް ކަރުނަޔަކެ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މެއި މަހުގެ ތެރޭގަ އެވެ.

އިސްތިއުފާ ދެއްވި އިރު، ލަންކާގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ކަރުނަޔެކަގެ އިތުބާރުގެ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހެޅުމާއެކު ވޯޓު އަޅައިގެން މަގާމުން ދުރުކުރުމުގެ ކުރިން އިސްތިއުފާ ދެއްވުމަށް ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ކަރުނަޔަކެއަށް ލަފާ ދެއްވި ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ކަރުނަޔަކެގެ އިތުބާރުގެ މައްސަލައިގައި ވެރިކަން ކުރާ ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ އޭނާއާ ދެކޮޅަށް ވޯޓް ލައްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ. އެގޮތުން، އެ މެންބަރުން ވިދާޅުވަމުން ގެންދެވީ އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށާއި ވޯޓު އަޅައިގެން މަގާމުން ދުރުކުރުމަކީ މުޅި ސަރުކާރަށް ލިބޭ ލަދުވެތި ކަމެއް ކަމަށެވެ.

- ކޮމެންޓް