ކ. މާލެ
|
19 ޖޫން 2024 | ބުދަ 09:15
އިސްރާއިލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ އަދި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން
އިސްރާއިލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ އަދި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން
ޓައިމްސް އޮފް އިސްރާއީލް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ހިފަހައްޓާފައިވާ ހަތިޔާރު ޝިޕްމަންޓް ދޫކުރާނެ ކަމުގެ ޔަގީންކަން އެމެރިކާއިން އިސްރާއިލަށް ދީފި
އެމެރިކާއިން އިސްރާއިލަށް ދިނުމަށް ނިންމާފައިވާ ބޮޑެތި ބޮމުގެ ޝިޕްމަންޓް ދިނުން ހުއްޓުވާފައިވަނީ އެޕްރީލް މަހުގެ ތެރޭގައި. ނަމަވެސް އެހެނިހެން ހަތިޔާރު ހިމެނޭހެން އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ދީފައިވޭ.

ފަލަސްތީނުގެ ގައްޒާއަށް ހަމަލާދިނުމަށް، އެމެރިކާއިން އިސްރާއިލަށް ފޯރުކޮށްދޭ ހަތިޔާރު ޝިޕްމަންޓް ވަރަށް އަވަހަށް ދޫކުރާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ދީފައިވާކަމަށް އިސްރާއިލުގެ ހަރުކަށި ބޮޑުވަޒީރު މެންޖަމިން ނަތަންޔޫހު ބުނެފިއެވެ.

ރޮއިޓަރސްގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި އިސްރާއީލުގައި ބްލިންކެންއާ ބައްދަލުކުރިއިރު ފާއިތުވި މަސްތަކުގައި އެމެރިކާއިން އިސްރާއިލަށް ދޭން ބުނި ހަތިޔާރާއި އާލާތްތައް ހިފަހައްޓާފައިވާކަމަށް ބުނި ކަމަށެވެ.

ބައިޑަންގެ ސަރުކާރުން މެއި މަހު 2،000 ޕައުންޑާއި 500 ޕައުންޑްގެ ބޮންތަކުގެ ޝިޕްމަންޓް މަޑުޖައްސާލީ އެ ހަތިޔާރު ބޭނުންކޮށްގެން ތޮއްޖެހިފައިވާ ގައްޒާގެ އާބާދީތަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާއިމެދު ވިސްނުމަށްފަހުގައެވެ. ކަން މިހެން އޮތް ނަމަވެސް އެމެރިކާއިން އިސްރާއިލަށް އަދިވެސް ދޭންބުނި އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ނުދީ ހިފަހައްޓާފައިވެއެވެ.

ވޮޝިންޓަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބްލިންކެން ވަނީ ނަތަންޔާހޫއާ އެކު ކުރި މަޝްވަރާތަކުގެ ތަފްސީލު ކިޔައިދިނުމަށާއި އިސްރާއީލުގެ ލީޑަރަށް އެފަދަ ޔަގީންކަން ދިންކަން ކަށަވަރުކޮށްދިނުމަށް ތަކުރާރުކޮށް ދެކޮޅު ހަދާފައެވެ.

އޭނާ ވިދާޅުވީ ބޮޑެތި ބޮންތަކެއް ފިޔަވައި ހަތިޔާރު ޝިޕްމަންޓްތައް އިސްރާއިލަށް ދެމުން އަންނަ ކަމަށާއި، އެކަން ކުރަމުންދަނީ ގައްޒާގެ ބޭރުން، ހިޒްބުއްﷲ އަދި އީރާނުން ދީފާނެ ހަމަލާތަކާއި ގުޅިގެން އިސްރާއިލުގެ ސަލާމަތަށް ނުރައްކާވެދާނެތީކަމަށެވެ.

ބްލިންކެން ބުނީ 2000 ޕައުންޑްގެ ބޮންތަކާ ގުޅޭ ގޮތުން ރައީސް ބައިޑަން ވާހަކަ ދެއްކެވި އެއް ޝިޕްމަންޓް ރިވިއު ކުރަމުންދާ ކަމަށާއި، ރަފަހް ފަދަ އާބާދީ ބޮޑު ސަރަހައްދެއްގައި އެ ބޮން ބޭނުންކުރުމާ މެދު ކަންބޮޑުވާތީ އެކަން އަދިވެސް ރިވިއު ކުރަމުންދާ ކަމަށެވެ.

ބްލިންކެން ބުނީ އެހެން ހުރިހާ ކަމެއްވެސް ހިނގަމުންދަނީ އާންމުކޮށް ހިނގާ ގޮތަށް ކަމަށާއި، އިސްރާއިލަށް ދިމާވާ ގޮންޖެހުންތަކުން ދިފާއުވުމަށް ބޭނުންވާ ކަންކަން އިސްރާއީލަށް ލިބިފައިވާކަން ޔަގީން ކުރާނެ ކަމަށެވެ.

ގައްޒާގެ ދެކުނުގައި ރެފިއުޖީން ގިނަ ސިޓީއެއް ކަމަށްވާ ރަފަހަށް އިސްރާއީލުގެ ސިފައިން އަރައިގަނެފިނަމަ އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާނެ ކަމަށް ބައިޑެން ވަނީ އޭޕްރީލް މަހު އިސްރާއީލަށް އިންޒާރު ދީފައެވެ.

އޭގެ ދުވަސްތަކެއް ފަހުން އިސްރާއީލުގެ ސިފައިން ރަފަހުގައި ހަމަލާއެއް ފެށިއިރު، ހަމާސްގެ ހަނގުރާމަވެރިން އެތަނުގައި ފޮރުވިފައި ތިބި ކަމަށް ބުނެ، ހަމާސް ނައްތާލުމާއި ރަހީނުން އަނބުރާ ގެނައުމަކީ އިސްރާއީލުގެ މައިގަނޑު އަމާޒު ކަމަށް ބުނަމުންދިޔައެވެ.

އިސްރާއީލުގެ ހަމަލާއަކީ ބޮޑު އަސްކަރީ އޮޕަރޭޝަނެއްގެ ގޮތުގައި ވޮޝިންޓަނުން ސިފަކޮށްފައި ނުވެއެވެ.

އިސްރާއިލުގެ ނިރުބަވެރި ސިފައިން އަރާ ހިންގަމުންދާ ގަތުލުއާންމުގައި މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު 37،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ގައްޒާގައި އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަން އިހުނަށްވުރެ ވަނީ ވަރުގަދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް