ކ. މާލެ
|
17 ޖޫން 2024 | ހޯމަ 23:34
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮމޭނިއާގެ މަރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮމޭނިއާގެ މަރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ޔޫކްރެއިން އަތުން ރޮމޭނިއާ އަށް ތާރީޚީ މޮޅެއް
މިއީ ފާއިތުވި 24 އަހަރުގެ ތެރޭގައި ޔޫރޯ މުބާރާތުގެ މެޗަކުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރު

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޔޫކްރެއިން އަތުން ހޯދި މޮޅާއެކު، ރޮމޭނިއާ އިން މުބާރާތުގެ ތާރީޚީ މޮޅެއް ހޯދައިފި އެވެ.

ޖަރުމަނުގެ އެލިއާންޒް އެރީނާގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗު ރޮމޭނިއާ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރޮމޭނިއާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ރޮމޭނިއާ އަށް ލީޑު ނަގައިދިނީ ނިކޮލައެ ސްޓަންޗޫ އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި ރޮމޭނިއާ އިން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ރަޒްވާން މަރިން އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޑެނިސް ޑްރަގޫސް އެވެ.

މިއީ ޔޫރޯ މުބާރާތުގައޮ ރޮމޭނިއާ އަށް ހޯދުނު ތާރީޚީ މޮޅެކެވެ. އެގޮތުން މިއީ ފާއިތުވި 24 އަހަރުގެ ތެރޭގައި ޔޫރޯ މުބާރާތުގެ މެޗަކުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރޮމޭނިއާ އިން ވަނީ 2008 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި، 2016 ވަނަ އަހަރުގެ ޔުރޯ މުބާރާތުގައި ވާދަކޮށްފަ އެވެ. ނަަމަވެސް އެ ދެ އަހަރު ވެސް ރޮމޭނިއާ އިން މުބާރާތް ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރޮމޭނިއާގެ ދެ ވަނަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ނިކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ.

- ކޮމެންޓް