ކ. މާލެ
|
17 ޖޫން 2024 | ހޯމަ 14:13
ޕީޖީ ހުސައިން ޝަމީމް
ޕީޖީ ހުސައިން ޝަމީމް
ޕީޖީ އޮފީސް
ކްރިމިނަލް ކޯޓު
ހުޅުމާލޭގައި ކްރިމިނަލް ކޯޓު ހިންގަން ފެށި އިމާރާތަކީވެސް ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލެއް ނޫން، ދާއިމީ ޙައްލު އަވަސް ކުރަންޖެހޭ: ޕީޖީ އޮފީސް
މި ބަދަލާއެކު، މިހާރު ޝަރީޢަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސް، ބާރަށް ހިނގައިގަންނާނެ

ހުޅުމާލޭގައި ކްރިމިނަލް ކޯޓު މިހާރު ހިންގަން ފެށި ޢިމާރާތަކީވެސް، ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލެއް ނޫން ކަމަށާއި، ދާއިމީ ޙައްލު އަވަހަށް ހޯދަންޖެހޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ދާއިމީ ހައްލެއް ލިބެންދެން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި، ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި ހުރި ޝަރީޢަތްކުރާ 03 މާލަމުގައި، ކްރިމިނަލް ކޯޓުގެ B2, B3, B5, B8, B10 އަދި B11 މި 06 ސެކްޝަންގެ އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ.

ޕީޖީ އޮފީހުން ބުނީ، މި ބަދަލާއެކު، މިހާރު ޝަރީޢަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސް، ބާރަށް ހިނގައިގަންނާނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

Advertisement

އޭގެ އިތުރުން، ހުޅުމާލޭގައި ކްރިމިނަލް ކޯޓު މިހާރު ހިންގަން ފެށި ޢިމާރާތަކީވެސް، ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލެއް ނޫންކަން ފާހަގަކޮށް ޕީޖީ އޮފީހުން އިތުރަށް ބުނީ، ދާއިމީ ޙައްލަކީ، ހުޅުމާލޭ ކޮވިޑް ފެސިލިޓީ ބަދަލުކޮށް، ކްރިމިނަލް ކޯޓުގެ ބޭނުމަށް ނިންމައިދިނުން ކަމަށެވެ.

އަދި އެމަސައްކަތް ނިމި، ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ އެއްކޮށް ޙައްލުވެގެންދާއިރު، ކޯޓުން މަސައްކަތް ކުރަން ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުަތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރާނެ ނިޒާމުތައް، އެކަން މަތިކޮށްފައިވާ ދައުލަތުގެ އިދާރާތަކުން އެކުލަވައިލައްވައި، އެ މަގަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަޞީލަތްތައްވެސް ކޯޓަށް ފޯރުކޮށްދެއްވާނެކަމަށް އުއްމީދު ކުރާކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އޭގެ އިތުރުން، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ވާނީ ހުރިހާ އިދާރާއެއް އެއްކޮށް، މަސައްކަތް ކޮށްގެން ކަމަށާއި، މިހާރު މި ލިބުނު ވަގުތީ ޙައްލާއެކުވެސް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކާއި މުޖްތަމަޢުގެ ބޮޑެތި މަޞްލަޙަތުތަކާ ގުޅިފައި ހުރި މައްސަލަތައް އަވަހަށް ހިންގަވާނެކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މާލޭގައި ހުންނަ ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ ބޭނުން ނުކުރެވޭވަރުވުމުގެ ސަބަބުން ގިނަ ޝަރީއަތްތަކެއް ކެންސަލްކޮށް އަދި ތާވަލް ނުކުރެވި އެބަހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް