ކ. މާލެ
|
17 ޖޫން 2024 | ހޯމަ 12:37
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
ރާއްޖެއެމްވީ
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުން
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މައްސަލަ މަޖިލީހުގައި ހާމަކަން ބޮޑުކޮށް ގެންދެވެންޖެހޭނެ: މެމްބަރު ޒިޔާދު
އެ މަސައްކަތްތައް ހިނގަމުންދާ ގޮތް ގާތުން ބައްލަވަމުން ގެންދަވާނެ
ސިއްރު ކުރަންޖެހޭ ބާވަތުގެ އެއްވެސް މަސައްކަތެއް ނުހިމެނޭނެ
ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް އެ މައްސަލަ ދިއުމަކީ މައްސަލަ ސިއްރު ކުރަން ލިބޭ ފުރުސަތެއް

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މައްސަލައިގައި ސިއްރު ކުރަންޖެހޭ ބާވަތުގެ އެއްވެސް މަސައްކަތެއް ނުހިމެނޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މައްސަލައިގައި މަޖިލީހުގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ސިއްރު ކުރަންޖެހޭ ބާވަތުގެ އެއްވެސް މަސައްކަތެއް ނުހިމެނޭނެ ކަމަށެވެ.

އެއްވެސް ކަމެއް ނޯންނާނެ ސިއްރުން ކުރަންޖެހޭ އޭގައި، ޤައުމީ މަސްލަޙަތަށް ފުށުއަރާ ކަހަލަ ކަމެއްވެސް ނެތް، އެހެންވީމާ އެކަމުގައި ހިއެއް ނުވޭ، އަޅުގަނޑު ޤަބޫލެއް ނުކުރާނަން ކުރިއްޔާ ނޫނިއްޔާ،
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

ޒިޔާދު ވިދާޅުވީ، ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް އެ މައްސަލަ ދިއުމަކީ މައްސަލަ ސިއްރު ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އޭގެ ބަދަލުގައި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމުން ގޮތް ނިންމިދާނެކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، މި މައްސަލައާ ގުޅޭ ކޮމިޓީ ސިއްރު ކުރާނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. މިއީ އެއަށްވުރެ ފަރިތަ، އަދި ދުވަސްވީ މައްސަލައެއް ކަމަށާއި، މި މައްސަލައިގައި ދެން ޖެހޭނީ ވީހާވެސް އަވަހަށް ގޮތެއް ނިންމަންކަމަށް ޒިޔާދު ވިދާޅުވިއެވެ.

އޭގެ އިތުރުން، މިއަދު އެކި ޤައުމުތަކުން ފަލަސްތީނާއެކު ތިބިކަން ހާމަ ކުރަމުންދާކަން ފާހަގަ ކުރައްވައި ޒިޔާދު ވިދާޅުވީ، އޭގެ ތެރޭގައި ހީ ނުކުރާ ފަދަ ޤައުމުތައްވެސް ހިމެނެމުންދާ ކަމަށެވެ.

އެހެންނަމަވެސް ރާއްޖެއިން އެކަން ދިގު ދަންމައި، ކޮމިޓީއާ ޙަވާލުކޮށް މައްސަލަ ދިގު ދެންމުމަށް މަސައްކަތް ކުރަމުންދާކަމަށް ޒިޔާދު ވިދާޅުވިއެވެ.

އަދި މުޅިންވެސް ފެންނަމުންދަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ކަމަށް ޒިޔާދު ވިދާޅުވިއެވެ.

އޭގެ އިތުރުން، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާ ގުޅޭ މަސައްކަތްތައް ހިނގަމުންދާ ގޮތް ގާތުން ބައްލަވަމުން ގެންދަވާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް