ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 20:18
ޗައިނާ އާއި ރަޝިއާ ސަމިޓްގައި ނެތުމުން ސަމިޓުން ފައިދާވި ނަތީޖާ އާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ
ޗައިނާ އާއި ރަޝިއާ ސަމިޓްގައި ނެތުމުން ސަމިޓުން ފައިދާވި ނަތީޖާ އާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ
އީޕީއޭ
ސްވިސް ސަމިޓް
ޔޫކްރެއިންގެ އިސްތިގްލާލަށް ގިނަ ގައުމުތަކުން ތާއީދު ކުރަމުން، ހަނގުރާމައިގެ ޒިންމާ ރަޝިއާ އިން ނަގަން ޖެހޭނެ ކަމަށް ގޮވާލަމުން ސުލްހައިގެ ސަމިޓް ނިންމާލައިފި
ސަމިޓްގެ ބައިވެރިން ފާސްކުރި ގަރާރުގައި ޔޫކްރެއިން ގައި ހިނގަމުންދާ ހަނގުރާމައިގެ ގެއްލުންތަކުގެ ޒިންމާ ނަގަންޖެހޭނީ ރަޝިއާ އިން ކަމަށާއި އަދި އެކަމުގައި ރަޝިއާ ކުށްވެރި ކުރާ ކަމަށް ބުނެފައިވޭ
ޔޫކްރެއިން އިން ދެކޭ ގޮތުގައި ސަމިޓްގެ މި ނިންމުމަކީ ސިޔާސީ ގޮތުން އެ ގައުމަށް ލިބުނު ކާމިޔާބެއް

ޔޫކްރެއިންގެ ސުލްހަ އަށް ދުނިޔޭގެ ވެރިންގެ ފެންވަރުގައި ސްވިޓްޒަރލޭންޑުގައި ބޭއްވި ސަމިޓް އާދިއްތަ ދުވަހު ނިމިއްޖެއެވެ.

ސަމިޓްގައި ބައިވެރިވި ގިނަ ގައުމުތަކުން ޔޫކްރެއިންގެ އިސްތިގްލާލު ދެމެހެއްޓުމުގައި އެ ގައުމަށް ތާއީދު ކުރާކަން ހާމަ ކޮށްފައިވެއެވެ.

ސަމިޓްގެ ބައިވެރިން ފާސްކުރި ގަރާރުގައި ޔޫކްރެއިން ގައި ހިނގަމުންދާ ހަނގުރާމައިގެ ގެއްލުންތަކުގެ ޒިންމާ ނަގަންޖެހޭނީ ރަޝިއާ އިން ކަމަށާއި އަދި އެކަމުގައި ރަޝިއާ ކުށްވެރި ކުރާ ކަމަށް ބުނެފައިވެއެވެ.

ޔޫކްރެއިން އިން ދެކޭ ގޮތުގައި ސަމިޓްގެ މި ނިންމުމަކީ ސިޔާސީ ގޮތުން އެ ގައުމަށް ލިބުނު ކާމިޔާބެކެވެ.

އަނެއްކޮޅުން ސަމިޓަށް ދައުވަތު ދީގެން ބައިވެރިވި ބައެއް ގައުމުތަކުން ސަމިޓުން ފާސްކުރި ގަރާރުގައި ސޮއިކޮށްފައެއް ނުވެއެވެ. އޭގެ ތެރޭގައި އިންޑިއާ، ދެކުނު އެފްރިކާ އަދި ސައުދީ އަރަބިއްޔާ ހިމެނެއެވެ.

ސަމިޓުގެ މައިގަނޑު މަގްސަދަކަށް ވެފައި އޮތީ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ މަގަކަށް ކަންކަން ގެންދިއުމުގައި ވީހާވެސް ގިނަ ގައުމުތަކެއްގެ ތާއީދު ޔޫކްރެއިނަށް ހޯދުމެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ޔޫކްރެއިނާ އެކު ތިބިކަން ރަޝިއާ އަށް ހާމަ ކޮށްދިނުމާއެކު ސިޔާސީ ގޮތުން ވަރުގަދަ މެސެޖެއް ރަޝިއާގެ ރައީސް ވުލެޑެމިއަރ ޕުޓިން އަށް ދިނުމެވެ.

ސަމިޓްގައި 90 ށް ވުރެ ގިނަ ގައުމުންނާއި، ބައިނަލް އަގްވާމީ ޖަމްއިއްޔާ ތަކުން ބައިވެރިވެފައި ވާއިރު ސަމިޓަށް ރަޝިއާ އަށް ދައުވަތު ދީފައެއް ނުވެއެވެ. އަދި ރަޝިއާގެ އެންމެ ބޮޑު މަދަދު ވެރިޔާ ޗައިނާ އިން ސަމިޓަށް ދައުވަތު ދިން ނަމަވެސް ބައިވެރިވެފައެއް ނުވެއެވެ.

ޗައިނާ އާއި ރަޝިއާ ސަމިޓްގައި ނެތުމުން ސަމިޓުން ފައިދާވި ނަތީޖާ އާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ޔޫކްރެއިންގެ ސުލްހައިގެ ސަމިޓަށް ހާޒިރުވި ބައެއް ގައުމު ތަކަކީ ޔޫކްރެއިންގެ އެންމެ ބޮޑެތި ސަޕޯޓަރުންގެ ތެރޭގައި ބެލޭ ގައުމުތަކެއް ނޫނެވެ. މި ގޮތުން ސައުދީ އަރަބިއްޔާ ގެ ޚާރިޖީ ވަޒީރު ވަނީ ސުލްހަ ހޯދުމުގައި ޔޫކްރެއިނުން އުނދަގޫ ކަންތައްތަކެއް ނިންމަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ބައްދަލުވުމަށް އައި ކެންޔާ އިން ވަނީ ރަޝިއާ އަށް އެންމެ ފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅު ތަކާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.

ބައްދަލުވުމުގެ ސަބަބުން ޔޫކްރެއިނުން އުއްމީދު ކުރި ބައެއް ނިންމުންތައް ނިންމުނު ކަމުގައި ވިޔަސް އުނދަގޫ މައުޟޫއު ތަކުގެ ގޮތުގައި ބެލެވިފައިވާ ރަޝިއާ އިން ހިފާފައިވާ ޔޫކްރެއިންގެ ބިންތަކާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމާފައި ނުވާކަން ފާހަގަ ކުރެވެއެވެ. މި މައްސަލަ އާ މެދު ގޮތެއް އެހެން އިރަކުން ނިންމަން ވަނީ ފަސްކޮށްފައެވެ.

ޔޫކްރެއިންގެ ރައީސް ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި ސްވިސް ސަމިޓްގެ ނިންމުންތައް ރަޝިއާ އާ ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ސުލްހައިގެ ސަމިޓަކަށް ދެވޭ އިރު ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ހައްލު ކުރެވިގެންދާނެ ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާ އިން ސްވިސް ސަމިޓާ ބެހޭ ގޮތުން ބުނެފައިވަނީ އެއީ ވަގުތު ބޭކާރު ކުރުން ކަމުގައެވެ.

އަނެއްކޮޅުން ހުކުރު ދުވަހު ރަޝިއާގެ ރައީސް ވަނީ ހަނގުރާމަ ހުއްޓާލުމަށް އޭނާ ހުށަހަޅުއްވާ ޝަރުތު ތަކުގެ ގޮތުގައި ކަންތައްތަކެއް ހާމަ ކުރައްވާފައެވެ. އޭގެ ތެރޭގައި ރަޝިއާ ސިފައިން މިހާރު އަރާ ތިބި ޔޫކްރެއިންގެ ބިންތަކުން ޔޫކްރެއިން ސިފައިން ފޭބުން ހިމެނޭ ކަމަށް ޕުޓިން ވިދާޅުވެފައިވެއެވެ.

ޔޫކްރެއިންގެ ރައީސް ޕުޓިންގެ އެ ޑިމާންޑާ ބެހޭ ގޮތުން ވިދާޅުވީ އެއީ ހިޓްލަރު ޒާތުގެ ވާހަކަތައް ކަމަށެވެ.

އަނެއް ކޮޅުން އާދިއްތަ ދުވަހު ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ބުނި ގޮތުގައި ޔޫކްރެއިނާ އެކު ރަޝިއާ އިން މަޝްވަރާތައް ބޭއްވުމަށް ރަޝިއާގެ ލީޑަރު ދެކޮޅެއް ނުހައްދަވައެވެ. އެހެން ނަމަވެސް އެފަދަ މަޝްވަރާއެއް ގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ހިމެނިގެން ނުވާނެ ކަމަށް ތަރުޖަމާނު ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް