ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 19:40
ފުލުހުންގެ މައި އިދާރާ އަދި ގްރީން ޒޯންގައި ހުރި ބައެއް ލައިޓްތައް
ފުލުހުންގެ މައި އިދާރާ އަދި ގްރީން ޒޯންގައި ހުރި ބައެއް ލައިޓްތައް
ރާއްޖެއެމްވީ
ގްރީން ޒޯން އިން ވައްކަންކުރުން
ގްރީން ޒޯނުން ކޭބަލް ވަގަށް ނަގައިގެން ވަގުކަލޭގެ ފިލާ! މިއީ ތޯތޯ ކަމަކަށް ހެދޭތޯ؟
ޖުމްހޫރީ މައިދާނުގައި ހުރި ލެޑްލައިޓުތަކުން ބައެއް ބުރިކޮށްލައި ބައެއް ތަކެތި ވަަގަށް ގެންގޮސްފައިވޭ

ނޫނޭ ވާ ސާބަހެވެ! މި ހުރީ ހަމަ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހައިރާންވެ އަންތަރީސްވެފައެވެ. އެހެންޏާ ފަހެ ވަގު ކަލޭގެ އެހެރަ ކޭބަލްތައް ވަގަށް ނަގައިގެން ދަނީ ސީދާ ގްރީން ޒޯނުންނެވެ. ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ދިއްލާ ޓެސްޓްކޮށް ހުރިހާ ކަމެއް ނިމުނުފަހުން، ހޮނިހިރު ދުވަހުގެ ރޭ އެ ބޮކިތައް ދިއްލަން ބަލާލި އިރު އަސްތާ ކަމަކު ދާކަށް ނެތެވެ! ވަގު ކަކޭގެ މި ވަނީ އެ ލައިޓުތަކުގެ ކޭބަލްތައް ވެސް ގެންގޮސްފައެވެ. ގެންދިޔަ ގޮތެއް އެނގޭކަށް ނެތެވެ. މި މައްސަލައިގެ ޒާތުން ހައިރާންވާ ކިތަންމެ ކަމެއް އެބަ ހުއްޓެވެ. އެންމެ ބޮޑު ސުވާލަކަށް ވެގެންދިޔައީ ގްރީން ޒޯނުން ވައްކަން ކުރި އިރު އެ ސަރަހައްދުގެ އަމަން ބަލަހައްޓަން ތިބި ބަޔަކަށް ހަމަ ރޭކާ ވެސް ނުލީތޯ ކުރި ސުވާލެވެ.

މި ވަރުވީމަ ގައުމުގެ ސަލާމަތީ ބާރުތަކުގެ ޒިންމާދާރުކަމާމެދު އާއްމުން ސުވާލު ނު އުފައްދާ ތިބޭނެތޯއެވެ؟ މިއީ ތޯތޯ ވާހަކައަކަށް ހެދޭތޯއެވެ؟

އެނގި ސާފު ވާކަމަކީ ޖުމްހޫރީ މައިދާނުގައި ހުރި ލައިޓްތަކުން ކޭބަލްތައް ގެންދިޔަކަމެވެ. ސުވާލެއް ނެތް މިންވަރަށް އެނގޭ ކަމަކީ ކަމާއި ނުގުޅޭ މީހަކު އައިސް، ރާއްޖޭގެ އެންމެ ސަލާމަތީ ގޮތުން ވަރުގަދަ ވާން ޖެހޭ އެއް ސަރަހައްދުގައި ހުރި ދައުލަތުގެ މުދަލަށް އުނިކަން ގެނެސްފިކަމެވެ. ދައުލަތުގެ މުދަލަށް ގެއްލުން ވެސް ދިންކަމެވެ. މިކަމާއި ސުވާލުކުރުމުން ފުލުހުން ޖަވާބު ދިނުމުގެ ބަދަލުގައި ކުރެއްވީ ސުވާލެކެވެ. ވިދާޅުވީ ސިޓީ ކައުންސިލުން ސާފުވާން ޖެހޭ ބައެއް ކަންކަން ސާފު ނުވާ ކަމަށެވެ. އަދި "ގްރީން ޒޯން އިން ވައްކަން ކޮށްފިތޯ" ނޫސްވެރިންނާއި ސުވާލުކުރިއެވެ. ވަގަށް ގެންދިޔައީ ސިޓީ ކައުންސިލުން ބަހައްޓާފައި ހުރި ލައިޓްތަކުގެ ކޭބަލްއެވެ. ސިޓީ ކައުންސިލުން އެއޮތީ އެެކަން ފުލުހުންނަށް ހުށަހަޅާފައެވެ. ދެން ވައްކަމެއް ނުހިނގާ ކަމަށް ބުނާނީ ކޮން ހަމައަކުންތޯއެވެ؟ އަޖައިބެއް ނުވާނެހެއްޔެވެ. މުދަލާއި ހަވާލުވެ ހުރި މީހާ މި ބުނަނީ މުދަލެއް ވަގަށް ގެންދިޔަ ކަމަށެވެ. އެ މައްސަލަ ބަލާ މުދާ ހޯދުމުގެ ބަދަލުގައި ފުލުހުން މި އަހަނީ މުދަލެއް ގެއްލިޖެތޯއެވެ. މި ވަރު ކަމެއް ދެކުނީމު ހެއްޔެވެ؟

ފުލުހުންނާއި ސިފައިންގެ އަތް ދަށުން ކޭބަލް ހިފައިގެން ފިލި މީހަކު، ފިލާ ރައްކާވެއްޖެއެވެ. ގައުމީ ދިފާއީ ބާރުގެ މައި އެއް އިމާރާތްވެސް އެހެރީ މި ވައްކަން ހިނގި ކަމަށް ތުހުމަތު ކުރާ ޖުމްހޫރީ މައިދާނާއި އިން ވެގެންނެވެ. އެކަމަކު މިވަރުކަމެއް ހިނގުމުން އެކަމާއި ޒިންމާ ނެގުމުގެ ބަދަލުގައި ފުލުހުން ބޭނުމީ އެކަން ތޯތޯ ކަމަކަށް ހަދަންތޯއެވެ. އަދި ދިފާއީ ބާރުން މިކަމުގަ ވަކި އެއްޗެއް ނުވެސް ބުނަނީއެވެ. ކަހާތަން ހިރުވާވެސް ނުލަނީއެވެ. ތެދެކެވެ. ވައްކަމުގެ މައްސަލަ އަކާއި އެ އިދާރާއަކާއި ގުޅުމެއް ނެތެވެ. އެކަމަކު ގްރީން ޒޯނުން ވައްކަން ކުރި ވާހަކަ ބުނީމަ، އެ ތަނުގެ ސަލަމާތާއި މެދު ސުވާލު އުފެއްދީމަ ވެސް ހަމަ ވަރިހަމަކޮށްލަން ވީތޯއެވެ. ވަގުން ބިރު ފަހަނައަޅާ ގޮސް ގްރީން ޒޯނުން ވައްކަން ކުރީމަ އާއްމު ރައްޔިތު މީހާ އަށް ދެން ލިބޭނީ ކޮން ރައްކާތެރިކަމެއްތޯ އޭނާ ސުވާލު ނު އުފައްދާނެ ހަމަ އެއް ހަމައެއް ވެސް ނެތެވެ.

މި ވާހަކަ ވެސް ދެއްކީމަ، އެވާހަކަ ދައްކާ މީހާ އަށް ވުރެ ކަންފަލަ މީހެއް ނުހުންނާނެއެވެ. މިކަހަލަ ކަންކަން ވީމަ ރައްޔިތު މީހާ ހުންނަންވީ އެކަން ނުހިނގާ ކަމަށް ހެދިގެންނެވެ. ސަލާމަތީ ބާރުތަކުގެ ލޯ ކުރިމަތިން މި ވަރުކަމެއް ހިނގީމަ އާއްމުން ބިރު ނުގަންނާނެ އެއް ގޮތެއްވެސް ނޮއޮންނާނެކަން ގައިމެވެ. މި ވާހަކަ ދެއްކީމަ ރުޅި އައުމުގެ ބަދަލުގައި ޒިންމާދާރުކަމާއިއެކު ޖަވާބުދާރީވުން މާ މޮޅު ނޫންތޯއެވެ. ކަމެއް ހިނގީމަ އެކަން އޮއްބާލުމުގެ ސަޤާފަތް ދެން ދޫކޮށްލާށެވެ. ގްރީން ޒޯންގައި މީޑިއާ މީހަކު ވީޑިއޯ އެއް ނަގަންޏާ އެކަން ހުއްޓުވަން އާދެވެއެވެ. އެކަމަކު ކޭބަލްތައް ވަގަށް ނެގި ސޮރު، ސަލާމަތީ ބާރުތަކުގެ ލޮލުގަ އަޅައެއް ނުގަތެވެ. މީޑިއާ މީހަކަށް ވުން މާބޮޑަށް ކުށްވެރިވެއްޖެތާއޭ ހިތަށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
100%
0%
ކޮމެންޓް