ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 10:52
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ޗެމްޕިއަން އިޓަލީ އަށް ރަނގަޅު ފެށުމެއް
އަލްބޭނިއާ އިން ލީޑު ނަގާފައި ވަނިކޮށް، އިޓަލީން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހާފައި

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.

ޖަރުމަނުގެ ޑޯޓްމަންޑުގައި ހުންނަ ސިގްނަލް އިދުކާ ޕާކް ގައި ހޮނިހިރު ދުވަހުގެ ރޭ އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗު އިޓަލީން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި އަލްބޭނިއާ އިން ލަނޑު ޖަހައި ލީޑު ވެސް ނަގާފައި ވަނިކޮށެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އަލްބޭނިއާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އިޓަލީގެ ފެޑެރިކޯ ޑިމާކޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަލްބޭނިއާ އަށް ލީޑު ނަގައިދިނީ ނެޑިމް ބަޖްރަމީ އެވެ. ނަމަވެސް އޭގެ ފަހުން އިޓަލީން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހައިގެން މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ.

މެޗުގެ 11 ވަނަ މިނެޓުގައި އިޓަލީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލެސާންޑްރޯ ބަސްޓޮނީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލޮރެންޒޯ ޕެލެގްރިނީ އެވެ. އޭގެ ފަސް މިނެޓު ފަހުން ނިކޮލޯ ބަރެއްލާ ވަނީ އިޓަލީ އަށް ލީޑު ނަގައިދީފަ އެވެ. އޭނާ އެ ލަނޑު ޖެހީ އަލްބޭނިއާގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް އެއް ފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ.

މޮޅާއެކު އިޓަލީން އޮތީ ގްރޫޕް ބީގެ ދެ ވަނައިގަ އެވެ. މި ގްރޫޕްގެ ކޮންމެ ޓީމަކުން ވެސް އެއް މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި ސްޕެއިން އޮތީ ފައިދާ ލަނޑުންނެވެ. ދެ ވަނައިގައި އޮތީ އިޓަލީ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިޓަލީގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

- ކޮމެންޓް