ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ 3-0 ން ސްޕޭން އަތުން ބަލިވުމުން ކްރޮއޭޝިޔާގެ ކޯޗު ލަޓްކޯ ޑަލިކް މައާފަށް އެދިއްޖެ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ ފުރަތަމަ ހާފުގައި ސްޕޭން ޖެހި ތިން ގޯލުން މެޗު ގެއްލުނީ ގިނަ ގޯސްތަކެއް ހެދިގެން ކަމަށެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ގޯސްތައް ގިނަ ކަމަށާއި ނަމަވެސް ފަހު ހާފުގައި އެކަންކަން ރަނގަޅު ކުރެވުނު ކަމަށެވެ.
"އަހަރެންނަކަށް ނޭނގެ ކިތައް ސަޕޯޓަރުން ކަމެއް ޓްރޭންގައި ދަތުރުކޮށްފައި މި މެޗު ބަލަން އައީ. އަހަރެން އެންމެހާ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން. އަހަރުމެންގެ ޓީމު ފެނުނީ ވަރަށް އާދައިގެ ޓީމެއްގެ ގޮތުގައި. އެގްރެސިވްކަމެއްނެތް. ހެދުނު ގިނަ މިސްޓޭކްތައް ފަހު ހާފުގައި ރަނގަޅު ކުރެވުނަސް މިއީ ގޯސް ނަތީޖާއެއް،"ކްރޮއޭޝިޔާގެ ކޯޗު ލަޓްކޯ ޑަލިކް ބުންޏެވެ.
2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ފައިނަލް ކުޅެ، އެންމެ ފަހުގެ ވޯލްޑްކަޕުގެ ތިން ވަނަ ހޯދައިދިން ކޯޗު ބުނީ މެޗުގައި ހެދުނު އެންމެ ބޮޑު ގޯހަކީ ސްޕޭން ކުޅުންތެރިންނަށް މާގިނަ ހުސް ޖާގަ ދެވުން ކަމަށެވެ. އޭގެ ސަބަބުން އެމީހުގެ ފޯވަޑުންނަށް ބޭނުން ގޮތަކަށް ކުޅެން ފުރުސަތު ލިބުނީ ކަމަށެވެ.
"އަހަރުމެން މާގިނަ ސްޕޭސް ދިނީ އެމީހުންނަށް. އެމީހުންގެ ކުޅުންތެރިންނަށްވުރެ އަހަރުމެން ތިބީ މާ މަޑުމަޑުން. ހާއްސަކޮށް ފުރަތަމަ ހާފުގައި. އެމީހުންނަށް ޖާގަ އާއި ވަގުތު ދެވިއްޖެނަމަ ވަރަށް ނުރައްކާވާނެ. ލަމީން ޔަމާލާއި ނިކޯ ވިލިއަމްސް އަދި އަލްވާރޯ މޮރާޓާ އުޅުނީ އުޅޭނެ ގޮތަކަށް އަހަރުމެން ޖާގަ ދިނީމަ. އެކަހަލަ މޮޅު ޓީމަކަށް ދޭންނުވާ ސްޕޭސް ދީފިނަމަ އެމީހުން ފަސޭހަކަމާއެކު މޮޅުވާނެ،"ކްރޮއޭޝިޔާގެ ކޯޗު ލަޓްކޯ ޑަލިކް ބުންޏެވެ.
މި މެޗަކީ ސްޕެއިނުން ޓިކިޓަކާ ކުޅެން ފެށިފަހުން ބޯލް ޕޮޒިޝަން ލީޑް ނުކުރެވި މޮޅުވި ފުރަތަމަ މެޗެވެ. މެޗުގެ 53 ޕަސެންޓް ބޯޅަ ހިފެހެއްޓީ ކްރޮއޭޝިޔާ އެވެ. ސްޕޭނަށް ބޯޅަ ހިފެހެއްޓުނީ 47 ޕަސެންޓަށެވެ.