ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ގުއާޓްމަލާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާޖެންޓީނާ އިން ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތަށް ފުރިހަމަ އަށް ތައްޔާރުވެއްޖެ އެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން، ހުކުރު ދުވަހުގެ ރޭ ގުއާޓްމަލާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ، 4-1 އިންނެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ގުއާޓްމަލާ އަށް ލީޑު ލިބުނެވެ. އެއީ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް، މެޗުގެ 12 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނަލް މެސީ ވަނީ އާޖެންޓީނާ އަށް ލަނޑު ޖަހައި، ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާޖެންޓީނާ އަށް ލީޑު ނަަގައިދިނީ މާޓިނޭޒް އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. ދެ ވަނަ ހާފުގައި އާޖެންޓީނާގެ ތިން ވަނަ ލަނޑު މާޓިނޭޒް ޖެހީ 66 ވަނަ މިނެޓުގަ އެވެ. އޭގެ ފަހުން އާޖެންޓީނާގެ ހަތަރު ވަނަ ލަނޑު، މެޗުގެ 77 ވަނަ މިނެޓުގައި ޖެހީ ވެސް ކެޕްޓަން މެސީ އެވެ.
މި މަހުގެ 20 ވަނަ ދުވަހު ފަށާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގައި އާޖެންޓީނާ އޮތީ ގްރޫޕް އޭގަ އެވެ. މި ގްރޫޕްގައި އާޖެންޓީނާ އާއެކު ދެން އޮތީ ކެނެޑާ، ޕެރޫ އަދި ޗިލީ އެވެ. ފުރަތަމަ މެޗުގައި އާޖެންޓީނާ އިން ކެނެޑާއާ ދެކޮޅަށް ނިކުންނާނީ 21 ވަނަ ދުވަހު އެވެ.