ކ. މާލެ
|
14 ޖޫން 2024 | ހުކުރު 17:00
ޔަމަނުގެ އަންސަރުﷲ ޖަމާއަތުގެ ވެރިޔާ އަބްދުލް-މާލިކް އަލް-ހޫތީ
ޔަމަނުގެ އަންސަރުﷲ ޖަމާއަތުގެ ވެރިޔާ އަބްދުލް-މާލިކް އަލް-ހޫތީ
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ބައެއް އަރަބި ގައުމު ތަކުގެ ވެރިން މުސްލިމުންނަށް ގައްދާރުވެ، އިޒްރޭލަށް އެއްބާރުލުން ދެނީ: އަންސަރުﷲ ގެ ވެރިޔާ ހޫތީ
އަރަބި ބައެއް ގައުމު ތަކުން ފަލަސްތީނުގެ މައްސަލައިގައި އަޅާލަން ޖެހޭ ވަރަށް އަޅައެއް ނުލާ

ބައެއް އަރަބި ގައުމު ތަކުގެ ވެރިން މުސްލިމުންނަށް ގައްދާރުވެ އިޒްރޭލަށް ވާގިވެރިވެ އެހީތެރިވަމުންދާ ކަމަށް ޔަމަނުގެ އަންސަރުﷲ ޖަމާއަތުގެ ވެރިޔާ އަބްދުލް-މާލިކް އަލް-ހޫތީ ބުނެފިއެވެ.

ބުރާސްފަތި ދުވަހު ޔަމަންގެ ވެރިރަށް ސަނާ އިން ޓީވީ މެދުވެރިކޮށް ދެއްކި ވާހަކައިގައި، އިޒްރޭލް ސިފައިންގެ އަނިޔާވެރިކަން ހައްދުން ނައްޓައިގެން ދާއިރުވެސް ބައެއް އަރަބި ގައުމުތަކުގެ ވެރިން މަޑުން ތިއްބަވާތީ އެކަމާ ވަރަށް ބޮޑަށް ފާޑު ކިޔަމުން ހޫތީ ފާހަގަ ކުރި ގޮތުގައި، ގާޒާ އަށް އިޒްރޭލް ސިފައިން ދެމުންދާ ހަމާލާތަކުގެ ކުރިމަތީގައި ވަކި ފަރާތަކަށް ނުޖެހޭ ފަރާތެއްގެ ގޮތެއްގައި އެއްވެސް ފަރާތަކަށް ހުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އަރަބި ބައެއް ގައުމު ތަކުން ފަލަސްތީނުގެ މައްސަލައިގައި އަޅާލަން ޖެހޭ ވަރަށް އަޅާ ނުލާ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން އަންސަރުﷲ ގެ ވެރިޔާ ހޫތީ ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހިތްވަރަށް ތައުރީފް ކޮށްފައެވެ.

ޔަމަނުގެ ހަނގުރާމަވެރިން ގެންދަނީ ފަލަސްތީނު ރައްޔިތުންނާ އެކުގައި ތިބިކަން ހާމާ ކުރުމުގެ ގޮތުން، ރަތް ކަނޑާއި، އެރަބިއަން ކަނޑުން ދަތުރު ކުރާ އިޒްރޭލާއި އެމެރިކާ އާ ގުޅުން ހުރި ބޯޓު ފަހަރަށް ހަމަލާ ދެމުންނެވެ.

އަންސަރުﷲ ގެ ވެރިޔާ ހޫތީ ފާހަގަ ކުރި ގޮތުގައި ޔަމަނުގެ ހަނގުރާމަ ވެރިން މިހާތަނަށް އިޒްރޭލުގެ 145 އުޅަނދަކަށާއި، އިޒްރޭލާ ގުޅުން ހުރި އެތައް އާގުބޯޓު ފަހަރަށް ހަމަލާދީފައިވާ ކަމަށެވެ. ހަނގުރާމަވެރިންގެ ހަމަލާތަކުގެ ސަބަބުން ރަތް ކަނޑުގައި އޮތް އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ޔޫއެސްއެސް ޑުވައިޓް ޑީ.އެއިސެންހޯވަރ އެ ސަރަހައްދު ދޫކޮށް ހިނގައްޖެ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވުމާ ގުޅިގެން އިނގިރޭސިވިލާތާއި އެމެރިކާ އިން ހުސްވި ހަފްތާގެ ތެރޭގައި ދެ ތިން ފަހަރު މަތިން ޔަމަނުގެ ސަރަހައްދުތަކަށް ވަނީ ހަމަލާ ދީފައެވެ.

އަންސަރުﷲ ގެ ވެރިޔާ ހޫތީ ވަނީ އިޒްރޭލު ރުއްސަން އެމެރިކާ އާ ގުޅިގެން ޔަމަނަށް ހަމަލާ ދިނުމުގައި ބައިވެރި ނުވުމަށް ސައުދީ އަރަބިއްޔާ އަށް ގޮވާލާފައެވެ.

- ކޮމެންޓް