ކ. މާލެ
|
14 ޖޫން 2024 | ހުކުރު 17:03
ބަންޑާރަ ނައިބު އަހުމަދު އުޝާމް
ބަންޑާރަ ނައިބު އަހުމަދު އުޝާމް
ރާއްޖެއެމްވީ
އިސްރާއިލު ޕާސްޕޯޓް މަނާކުރުން
އިސްރާއީލު އެންމެން އައުން މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް - އުޝާމް
އިސްރާއިލު އެންމެންނަށް ނާދެވޭގޮތަށް އޮތުމަކީ ކަންބޮޑުވުމެއް
241 ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، ބަންޑާރަނައިބުގެ ފަރާތުން ވެސް އިސްލާހުތައް ހުށަހަޅާނެ

ފަލަސްތީނުގެ ކުށެއް ނެތް އެތައްހާސް ރައްޔިތުން ރަހުމެއް ނެތި ގަތުލުކޮށްލާ ކުޑަކުދިންނާއި އަންހެނުން މަރާ ހުސްކުރަމުންދާ ނިރުބަވެރި ދައުލަތް އިސްރާއިލުގެ އެންމެން ރާއްޖެ އައުން މަނާކުުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުށަހަޅާ ލެޖިސްލޭޓިވް އެޖެންޑާ ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ހުށަހަޅާފައިވާ ބިލް އޮތްގޮތަށް ފާސްކޮށްފިނަމަ ދަތިތައް ދިމާވެދާނެކަމަށާއި، އެހެންކަމުން ސަރުކާރުން އެ ބިލަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ.

އުޝާމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު މިހާރު ހުށަހެޅިފައި އޮތް ގޮތަށް ފާސްކޮށްފިނަމަ، ބައެއް ކަހަލަ "ކޮމްޕްލިކޭޝަންސް" އައުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެހެންކަމުން 241 ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، ބަންޑާރަނައިބުގެ ފަރާތުން ވެސް އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލް މަޖިލީހުން ބަލައިގަނެ، މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. އެ ބިލު ފޮނުވާފައިވަނީ 241 ކޮމިޓީއަށެވެ.

އަޅުގަނޑުމެން ބޭނުންވާ އިސްލާހުތައް އެ ބިލަށް ގެންނާނީ. އެ ބިލު މިހާރު އޮތީ އެ މައްސަލައަށް ހަލެއް ލިބޭ ގޮތަކަށް ނޫން. އެ ބިލު އިސްލާހު ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ކޮމިޓީ މަރުހަލާގައި އަޅުގަނޑުމެން ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހަޅާނަން.
ބަންޑާރަ ނައިބު އަހުމަދު އުޝާމް

އިސްރާއީލު ރައްޔިތުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް ބިލު ހުށަހަޅާފައި ވަނީ، އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރާ ގޮތަށެވެ. އެގޮތުން އެ އަކުރުގައި ބުނެފައިވަނީ ރާއްޖެއަށް އެތެރެވުން މަނާ މީހުންގެ ތެރޭގައި އިސްރާއިލު ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ މީހުން ހިމެނުމަށެވެ.

ބިލުގައި މިހެން އޮތުމުން އިސްރާއިލު ރައްޔިތުންގެ ތެރެއިން ޑުއަލް ސިޓިޒަންޝިޕްގައި ތިބޭ މީހުންނަށްވެސް ރާއްޖެއަށް އެތެރެނުވެވޭނެއެވެ. މާނައަކީ އެމެރިކާ ރައްޔިތަކަަށްވިޔަސް އޭނާ އަތުގައި އިސްރާއިލު ޕާސްޕޯޓެއް އޮންނަ ނަމަ ރާއްޖެއަށް ނާދެވޭނެއެވެ. އަދި އިސްރާއިލު ރައްޔިތަކަށްވެފައި އެހެން ގައުމުގެ ސިޓިޒިންޝިޕް އޮތަސް ނާދެވޭނެއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ބްލޭންކެޓްކޮށް އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ މެދު ކަންބޮޑުވުން އެބައޮތް ކަމަށެވެ.

އަޅުގަނޑު ދެންނެވި ވާހަކައަކީ، ބައެއް ބޭފުޅުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ، މިހާރު ބިލު ހުށަހެޅިފައި އޮތް ގޮތުން، އިޒްރޭލް ޕާސްޕޯޓު ހޯލްޑް ކުރާ ފަލަސްތީނުގެ ބައިވަރު ރައްޔިތުން ވެސް އެބަ ތިބި، މިލިއަނުން ގުނާލެވޭ. އެހެންވީމަ ބްލޭންކެޓް ބޭންއެއް އަޅުގަނޑުމެން އެހެން ކޮށްފި ނަމަ، ކިހިނެއްތޯ ވާނީ. އެހެންވީމަ، އެކަންކަމާ މެދު ވިސްނުމަށް ފަހު، އަޅުގަނޑުމެން މީގެ އެންމެ ރަނގަޅު ހައްލެއް ހޯދާނަން.
ބަންޑާރަ ނައިބު އަހުމަދު އުޝާމް

ބަންޑާރަ ނައިބު ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓު އޮންނަ ހުރިހާ އެންމެން އައުން މަނާކޮށްފިނަމަ އެކަމުގައި ދަތި އުނދަގޫތަކެއް ރާއްޖެއަށް ދިމާވެދާނެ ކަމަށެވެ. އަދި އެކަން ހައްލުކުރަން ކޮމިޓީ މަރުހަލާފައި އިސްލާހު ހުށަހަޅާނެކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް