ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 16:41
ޖީ-7 ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ދުނިޔޭގެ އެންމެ މުއްސަނދި 7 ގައުމުގެ ވެރިން އިޓަލީ ވިލާތުގައި
ޖީ-7 ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ދުނިޔޭގެ އެންމެ މުއްސަނދި 7 ގައުމުގެ ވެރިން އިޓަލީ ވިލާތުގައި
ގެޓީ އިމޭޖަސް
ޖީ-7 ސަމިޓް
ދުނިޔޭގެ އެންމެ މުއްސަނދި 7 ގައުމުގެ ވެރިން އިޓަލީ ވިލާތުގައި ބައްދަލު ކުރައްވަނީ
މި ފަހަރުގެ ޖީ-7 ގެ ސަމިޓުގައި މަޝްވަރާ ކުރެވޭ މައުޟޫއު ތަކުގެ ތެރޭގައި އެންމެ މުހިންމު ދެ މައުޟޫއަކަށް އޮންނާނީ ޔޫކްރެއިން އާއި ގާޒާގައި ހިނގަމުންދާ ހަނގުރާމަ

ޖީ-7 ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ދުނިޔޭގެ އެންމެ މުއްސަނދި 7 ގައުމުގެ ވެރިން އިޓަލީ ވިލާތައް ވަޑައިގެންފިއެވެ.

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޮނީ ގެ މެހުމާންދާރީގައި ބާއްވާ މި ބައްދަލު ވުމުގައި ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ޖަޕާން، އިނގިރޭސި ވިލާތް އަދި އެމެރިކާގެ އެންމެ މަތީ ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ފަހަރުގެ ޖީ-7 ގެ ސަމިޓުގައި މަޝްވަރާ ކުރެވޭ މައުޟޫއު ތަކުގެ ތެރޭގައި އެންމެ މުހިންމު ދެ މައުޟޫއަކަށް އޮންނާނީ ޔޫކްރެއިން އާއި ގާޒާގައި ހިނގަމުންދާ ހަނގުރާމަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖީ-7 ގެ ބައްދަލުވުމުގައި އެންމެ މުއްސަނދި 7 ގައުމުގެ އިތުރުންވެސް އެފްރިކާ އާއި އިންޑޯ-ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން ވެސް ބައެއް ލީޑަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ދުނިޔޭގައި އިތްގިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކާއި، ތަރައްގީ ވަމުން އަންނަ ގައުމުތަކާއި ދެމެދު އިގްތިސާދީ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.

ޖީ-7 ގެ ބައްދަލުވުމަކީ ވަރަށް ބާރުގަދަ ބައްދަލުވުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބައްދަލުވުމެކެވެ. ޖީ-7 ގެ ނިންމުން ތަކަކީ ދުނިޔޭގެ ފެންވަރުގައި ގާނޫނީ ގޮތުން އަމަލުކުރުން ލާޒިމް ނިންމުން ތަކެއް ކަމަށް ނުވިޔަސް ވަރަށް ބޮޑެތި ކަންކަން ޖީ-7 ގެ ނިންމުމާ ގުޅިގެން ދުނިޔޭގައި ހިނގާފައި ހުރިކަން ފާހަގަ ކުރެވެއެވެ.

އިޓަލީގައި މި ބާއްވާ ޖީ-7ގެ ބައްދަލުވުމުގައި ފްރީޒް ކޮށްފައިވާ އެތައް ބިލިއަން ޑޮލަރުގެ ރަޝިއާގެ އެސެޓްތައް ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް އެހީވުމަށް ބޭނުން ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެއެވެ.

1998 ވަނަ އަހަރު ރަޝިއާ އިން މި ގްރޫޕް އާ ގުޅުމާއެކު ޖީ-8 އަށް ގްރޫޕްގެ ނަން ބަދަލުވި އެވެ. އެހެން ނަމަވެސް 2014 ގައި ރަޝިއާ އިން ކްރީމިއާ ހިފުމާއެކު މި ގްރޫޕުން ރަޝިއާ ވަނީ ބޭރުކޮށްލާފައެވެ.

މިފަހަރުގެ ބައްދަލުވުމަށް އާޖެންޓިނާގެ ރައީސް ހާވިއާ މިލެއި އަށާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ވަނީ ދައުވަތު ދީފައެވެ.

އިޓަލީ އަކީ މިއަހަރުގެ ޖީ-7 ގެ ރިޔާސަތު ބަލަހައްޓާ ގައުމެވެ. ސަމިޓް ކުރިއަށް ދަނީ އިޓަލީގެ ޕުގްލިއާ ގައެވެ.

ޖީ-7 ގައި މިހާރު ހިމެނެނީ ދާއިމީ 7 މެމްބަރު ގައުމެވެ. އެ ގައުމުތަކުން ދުނިޔޭގެ ޖީޑީޕީގެ 30 އިން ސައްތަ ހިއްސާވެއެވެ. އެހެން ނަމަވެސް އާބާދީގެ ނިސްބަތުން ބަލާއިރު މި 7 ގައުމަކީ ދުނިޔޭގެ އާބާދީގެ ދިހަ ބައިކުޅަ އެއްބައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް