ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 15:44
ނުސީރަތު ރެފިއުޖީ ކޭމްޕަށް އިޒްރާއިލް ސިފައިން ދިން ހަމަލާ
ނުސީރަތު ރެފިއުޖީ ކޭމްޕަށް އިޒްރާއިލް ސިފައިން ދިން ހަމަލާ
އަލް- ޖަޒީރާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް އޮތް އެއް ހުރަހަކީ އެމެރިކާގެ ޚާރިޖީ ވަޒީރު: ހަމާސް
އެމެރިކާ ސަރުކާރުން މި ކަމުގައި އިޒްރޭލު ކޮޅަށް ބުރަވެ، އިޒްރޭލަށް މޮޅުވާ ގޮތައް ކަންކަން ކުރުމުގެ ނަތީޖާއެއް ގޮތުން ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާނުލާން ބަހާނާ ދައްކަން އިޒްރޭލަށް ފުރުސަތު ލިބޭ

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އަކީ ގާޒާއަށް ސުލްހަ ހޯދުމަށް އޮތް ހުރަހެއް ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސް ގެ އިސް އޮފިޝަލަކު އެމެރިކާގެ ޚާރިޖީ ވަޒީރަށް ފާޑު ކިޔާ ވާހަކަ ދެއްކީ ގާޒާއަށް ސުލްހަ ގެނައުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ޕްލޭނަށް އެއްބަސްވުމަކަށަ ނާދެވިގެން އުޅެނީ ހަމާސްގެ ސަބަބުން ކަމަށ ދޭހަވާ ގޮތައް ބްލިންކަން ދެއްކެވި ވާހަކަފުޅަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ހަމާސް ގެ އިސް އޮފިޝަލެއް ކަމަށްވާ އޮސާމާ ހަމްދާން އަލް އަރަބީ ޓީވީ އަށް ބުދަ ދުވަހު ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، ސުލްހަ ގާއިމް ކުރުމަށް އެއްބަސްވުމަކަށް ނާދެވިގެން އުޅޭ އެންމެ އަސާސީ ސަބަބަކީ އިޒްރޭލުން ގާނޫނާ ގަވައިދާ ޚިލާފަށް ފަލަސްތީނަށް އަރާ ތިބުން ކަމަށެވެ.

އަދި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ދެކޮޅު ހަދަނީވެސް އިޒްރޭލުން ކަމަށް ހަމްދާން ވަނީ ބުނެފައެވެ.

ހަމްދާން ފާހަގަ ކުރި ގޮތުގައި އެމެރިކާ ސަރުކާރުން މި ކަމުގައި އިޒްރޭލު ކޮޅަށް ބުރަވެ، އިޒްރޭލަށް މޮޅުވާ ގޮތައް ކަންކަން ކުރުމުގެ ނަތީޖާއެއް ގޮތުން ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާނުލާން ބަހާނާ ދައްކަން އިޒްރޭލަށް ފުރުސަތު ލިބޭ ކަމަށްވެސް ހަމްދާން ބުނެފައިވެއެވެ.

އެމެރިކާގެ ރައީސް ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް ހަމާސް އިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި އެއްބަސްވުމަކަށް އައުމަށް އެ ޖަމާއަތުން ހުށަހަޅާ ކަންތައްތައް ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ މިސްރާއި ގަތަރު މެދުވެރިކޮށް ހަމާސް އިން ވަނީ އަންގާފައެވެ.

ހަމާސްގެ ހުށަހެޅުމާ ބެހޭ ގޮތުން ގަތަރުގެ ވެރިރަށް ދޯހާގައި ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްލިންކަން ވިދާޅުވީ، ހަމާސް އިން ހުށަހަޅާފައިވާ ބައެއް ކަންކަމަކީ އެއްބަސްވާން އުދަނގޫ ކަންކަން ކަމުގައެވެ.

ބްލިންކަން ވިދާޅުވީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށާއި އަދި މިކަން ކާމިޔާބު ކުރުމަށް ޒިންމާ އޮތީ ހަމާސްގެ އަތްމަތީގައި ކަމަށެވެ.

މެއި މަހުގެ 31 ގައި ރައީސް ބައިޑްން ހާމަ ކުރެއްވި ޕްލޭންގައިވާ ގޮތުން ސުލްހައިގެ އެއްބަސްވުން ތަންފީޒް ކުރެވޭނީ 3 މަރުހަލާ އަކަށް ބަހާލައިގެންނެވެ. އޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގާޒާ އިން އިޒްރޭލް ސިފައިން ފޭބުމާއި، ދެފަރާތުގެ ބަންދުގައި ތިބި ރަހީނުން މިނިވަން ކުރުމާއި ގާޒާ އާރާސްތު ކުރުމެވެ.

ގަތަރުގައި ނޫސްވެރިނާ ވާހަކަ ދައްކަވަމުން ބްލިންކަން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށްފަހު ގާޒާގެ އިދާރީ ހިންގުން އޮންނާނެ ގޮތުގެ ހުށަހެޅުމެއް އެމެރިކާއިން ހުށަހަޅާނެ ކަމަށެވެ. އެ ޕްލޭންގައި ގާޒާގެ އިދާރީ ހިންގުމުގެ އިތުރުން ސެކިއުރިޓީ ކަންކަމާއި، އެ ސިޓީ އަލުން އާރާސްތު ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ހިމެނޭނެ ކަމަށް ބްލިންކަން ވިދާޅުވިއެވެ.

ހަމާސް އިން ވަނީ ބްލިންކަންގެ މި ވާހަކަފުޅު ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ. ހަމާސް އިން ދެކޭ ގޮތުގައި ހަނގުރާމައަށް ފަހު ގާޒާ ހިންގާނެ ގޮތް ނިންމާނީ ފަލަސްތީނުގެ ރައްޔިތުންނެވެ.

ހަމާސް އިން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އިޒްރޭލުގެ ފުރިހަމަ ކޮމިޓްމެންޓް އެ ޖަމާއަތައް ބޭނުންވެއެވެ. ހަމާސް ބުނަނީ އިޒްރޭލުން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށްފަހު ނޭވާ އެއްލައި ހަމަޖެހިގެން އަލުން ގާޒާއަށް ހަމަލާދިނުމަށް ހޯދާ ފުރުސަތަކަށް މިކަން ވެގެން ނުވާނެއެވެ.

ބްލިންކަން އާ އެކު ނޫސްވެރިންނާ ބައްދަލު ކުރެއްވި ގަތަރުގެ ބޮޑު ވަޒީރު ޝެއިޚް މުހައްމަދު ބިން އަބުދުއްރަހްމާން އައް-ތާނީ ވިދާޅުވީ، އެއްބަސްވުމާ ބެހޭ ގޮތުން އިޒްރޭލާ ހަމާސް އާ އެންމެ ބޮޑަށް ޚިޔާލު ތަފާތު ވެފައިވަނީ ހަނގުރާމަ ހުއްޓާލަނީ ވަގުތީ ގޮތުންތޯ ނުވަތަ ދާއިމީ ގޮތުންތޯ ކުރެވޭ ސުވާލާ މެދުގައެވެ.

ހަމާސް އިން ތަކުރާރުކޮށް ބުނަމުން ގޮސްފައިވަނީ އެއްބަސްވުން ވާންޖެހޭނީ ދާއިމީ ގޮތުން ހަމަލާތައް ހުއްޓާލާ އެއްޗަކަށް ކަމަށާއި، އަދި އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން މުޅިން ގާޒާ އިން ފައިބަން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް