ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 14:21
އާޖެންޓީނާގެ ފަރިތަކުރުމެއްގައި ކެޕްޓަން މެސީ ބައިވެރި ވަނީ
އާޖެންޓީނާގެ ފަރިތަކުރުމެއްގައި ކެޕްޓަން މެސީ ބައިވެރި ވަނީ
ޓްވިޓަރ
އިންޓަ މިއާމީ
މިއާމީ އަކީ މެސީގެ ފަހު ކުލަބު
އެހެން ނަމަވެސް، ފުޓުބޯޅަ އިން މުޅިން ދުރަށް ދާން އަދި އޭނާ ނުވިސްނާ ކަމަށާއ،ި ފުޓުބޯޅަ ކުޅުމުގައި ދެމި ހުންނަން ބޭނުންވާ ކަމުގައި ވެސް މެސީ ބުނި

އެމެރިކާގެ އިންޓަ މިއާމީ އަކީ ކެރިއަރުގައި ކުޅޭނެ އެންމެ ފަހު ކުލަބު ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީގައި ހުރުމަށްފަހު، މެސީ މިއާމީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެ ކުލަބާއެކު މެސީ ސޮއި ކޮށްފައި ވަނީ ދެ އަހަރާ ބައިގެ އެއްބަސްވުމެއްގަ އެވެ. މިއާމީ އަކީ މެސީގެ ކެރިއަރުގައި އޭނާ ކުޅޭ ތިން ވަނަ ކުލަބެވެ. ޕީއެސްޖީ އާއި މިއާމީގެ އިތުރުން މެސީ ވަނީ ސްޕެއިންގެ ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ.

މެސީ ދިން އިންޓަވިޔުއެއްގައި އޭނާ ބުނީ، މިއަދުގެ ޙާލަތަށް ބަލާއިރު، މިއާމީ އަކީ އޭނާ ކުޅޭނެ އެންމެ ފަހު ކުލަބު ކަމަށެވެ. އެހެން ނަމަވެސް، ފުޓުބޯޅަ އިން މުޅިން ދުރަށް ދާން އަދި އޭނާ ނުވިސްނާ ކަމަށާއ،ި، ފުޓުބޯޅަ ކުޅުމުގައި ދެމި ހުންނަން ބޭނުންވާ ކަމުގައި ވެސް މެސީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މެސީ ބުނީ، ފުޓުބޯޅަ ކުޅުމަކީ އޭނާ އެންމެ ގަޔާވާ އަދި އެންމެ ލޯބިވާ ކަންތައް ކަމަށެވެ. އޭނާ މުޅި ޙަޔާތް ފުޓުބޯޅައިގެ ތެރޭގައި ހޭދަކޮށްފައިވާކަން ފާހަގަކޮށް މެސީ ބުނީ، ކޮންމެ ދުވަހަކު ފުޓުބޯޅަ ކުޅުމާއި، ތަމްރީނުތައް ހެދުމުގައި އުޅުމަށް އޭނާ ލޯބި ކުރާ ކަމަށެވެ. އެހެން ނަމަވެސް، އެކަންކަމަށް ވެސް ނިމުމެއް އަންނަން ގާތްވެފައިވާ ކަމުގެ އިޙުސާސެއް ކުރެވޭކަން މެސީ ފާހަގަ ކުރި އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު އަށް ފަހަރު ކާމިޔާބު ކޮށްފައިވާ މެސީ ވަނީ، މިއާމީ އަށް ބަދަލުވި ފުރަތަމަ ސީޒަންގައި 14 މެޗުން 11 ލަނޑު ޖަހައިފަ އެވެ. މިއާމީ އާއެކު މިހާރު މެސީ ކުޅެމުން އަންނަނީ ދެ ވަނަ ސީޒަނެވެ. މި ސީޒަންގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަންގެ މިހާތަނަށް، މިއާމީ އަށް ކުޅެދިން 15 މެޗުން މެސީ ވަނީ 14 ލަނޑު ޖަހައިފަ އެވެ.

މިވަގުތު މެސީ އަންނަނީ އާޖެންޓީނާ އާއެކު ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުންނެވެ. އާޖެންޓީނާ އަކީ އެ މުބާާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިވަގުތު ރަނގަޅު ފޯމެއްގައި މެސީ ހުރިއިރު، އޭނާ އަކީ އާޖެންޓީނާ އިން އެންމެ ބޮޑަށް ބަރޯސާވާނެ އެއް ކުޅުންތެރިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް