ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 01:05
ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދާތީ ބުދަ ދުވަހު ކުރި މުޒާހަރާގެ ތެރެއިން
ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދާތީ ބުދަ ދުވަހު ކުރި މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
މަސްވެރިންގެ މުޒާހަރާ
ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން މަސްވެރިންނަށް ހުޅުމާލޭން ވިއްކާ ތެލުގެ އަގު ޝެޑްތަކުން ވިއްކާ އަގަށް ހެޔޮ ކޮށްފި
ބުނެފައިވަނީ ސަރުކާރަށް ޖެހޭ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް

ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން މަސްވެރިންނަށް ހުޅުމާލޭން ވިއްކާ ތެލުގެ އަގު ޝެޑްތަކުން ވިއްކާ އަގައް ހެޔޮ ކޮށްފި ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ އެ މިނިސްޓްރީން "އެކްސްގައި" ހާމަ ކޮށްފައިވަނީ މި އިންތިޒާމް ހަމަޖެއްސީ މެނިފެސްޓޯގައިވާ ވައުދު ފުއްދުމައްޓަކައި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެ އިސް ނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދު ފުއްދުމައްޓަކައި ހުޅުމާލޭ އިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑް ތަކުން ވިއްކާ އަގަށް ހެޔޮ ކޮށްފި." މަސްވެރިކަމާ ބެހޭ ވުޒާރާގެ ޕޯސްޓްގައި ވެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާ އިން ތެލުގެ އަގަށް އައި ބަދަލުގެ ތަފްސީލް ހާމަ ކޮށްފައެއް ނުވެއެވެ.

ސަރުކާރުން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ހެޔޮ ބަދަލެއް ގެނައި ކަމަށް ދޭހަވާ ގޮތައް މިކަން އިއުލާން ކުރި އިރު ބުދަ ދުވަހު ބޮޑު ކަންނެލި މަސްވެރިން ވަނީ ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދާތީ އެކަމާ ހިތްހަމަ ނުޖެހި މާލޭ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި މުޒާހަރާ ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިންނާ ބައްދަލު ކުރައްވާ މަސްވެރިކަމާ ބެހޭ ވަޒީރު ބުދަ ދުވަހުގެ މެންދުރު ފަހު ވިދާޅުވީ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނީ ސަރުކާރަށް އާމްދަނީ ލިބެގެން ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިން ބުނަމުން އަންނަނީ ސަރުކާރުގެ ވައުދުގައިވާ ގޮތުގެ މަތިން ސަރުކާރަށް ތެޔޮ ގަންނަން ލިބޭ އަގަށް މަސްވެރިންނަށް ތެޔޮ ގަންނަން ލިބޭނެ ކަމަށް ބުނެފައިވާ ބުނުމާ އެއްގޮތައް އެކަން ހަމަ ޖައްސައިދޭން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ލޭނު އަޅައިގެން ބޮޑު ކަންނެލި ބާނަން ސަރުކާރުން ހުއްދަ ނުދިނުމަށާއި، ކަންނެލީގެ އަގު މައްޗަށް ޖައްސައި ދިނުމަށާއި، މިފްކޯ އަށް މަސް ކިރާނެ ކަމަށް ވީ ވައުދާ އެއް ގޮތަށް ސަރުކާރުން އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ބޮޑު ކަންނެލި މަސްވެރިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް