ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 08:38
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި މަސްވެރިއަކު ސުވާލުކުރަނީ
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި މަސްވެރިއަކު ސުވާލުކުރަނީ
ރާއްޖެއެމްވީ
މަސްވެރިންގެ މުޒާހަރާ
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުމަށް ހުއްދަ ދިނުމަށް މަޝްވަރާތައް ކުރެވެމުންދޭ، އަދި ހުއްދަ ދީފަ އެއް ނުވާނެ - މިނިސްޓަރ ޝިޔާމް
ޝިޔާމް ވިދާޅުވީ ސަރުކާރުން މާލީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް
މަސްވެރިން ވަނީ ލޭނު އަޅައިގެން ކަންނެލި މަސްވެރިކަން ކުރަން ހުއްދަދޭން އުޅޭ ކަމަށް ފާހަގަކޮށް އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުމަށް ހުއްދަ ދިނުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި އަދި އެފަދަ ކަމަކަށް ހުއްދަ ދީފައި ނުވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެފަދައިން ވިދާޅުވީ 1 ނަންބަރު ޖެޓީގައި ބުދަ ދުވަހު މަސްވެރިން ކުރި މުޒާހަރާ އަށް ވަޑައިގެން މަސްވެރިންގެ ޑިމާންޑުތައް އަޑު އެއްސެވުމަށް ފަހު ވާހަކަދަވަމުންނެވެ.

މަސްވެރިން ވަނީ ލޭނު އަޅައިގެން ކަންނެލި މަސްވެރިކަން ކުރަން ހުއްދަދޭން އުޅޭ ކަމަށް ފާހަގަކޮށް އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މިނިސްޓަރ ޝިޔާމް ވިދާޅުވީ އެއްވެސް ކަމެއް މަޝްވަރާ އާއި ނުލާ ނުނިންމާނެ ކަމަށެވެ. ކަންނެލި ސިނާއަތުގައި ތިބި އެއްވެސް ކުންފުންޏެއްގެ ޖީބުގައި އޮތް ތަނަކަށް ނުވަތަ ކުންފުންޏަކަށް ގަނެވޭނެ ތަނަކަށް ފިޝަރީޒް މިނިސްޓްރީ ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ގައުމަށް އިތުރަށް އާމްދަނީ ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ ސަރުކާރުން މާލީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމާއި މެދު މަޝްވަރާކޮށްފައިވާ ކަމަށާއި އެކަމާއި މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމާއި މެދު މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާނެ ކަަމަށް ޝިޔާމް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ބޮޑުކަންނެލީގަ ވެސް ލިބިފައި އޮތް ކޯޓާ އެނގޭނެ މަސްވެރިންނަށް. އެ ކޯޓާ އާއި ގާތަށް ވެސް މަސްވެރިކަން ނުކުރެވޭ. އެހެންވީމަ ރިވައިސްކުރާ އިރު އެ ވެސް ވިސްނަން ޖެހޭ ކަމެއް. މިވަގުތު މާލީ ހާލަތު އޮތީ ރަނގަޅުކުރަން ކުރަން ޖެހޭ ހާލަތުގައި. ކަމެއް ކުރާ ވާހަކަ އެއް ނޫން މި ދަންނަވަނީ. އަޅުގަނޑު އެކަނި ނިންމާ ނިންމުމަކަށް ނުވާނީ އެވެނި ކަމެއް މިވެނި ކަމެއް ނުކުރާނަމޭ ނުދަންނަވާނަން. އެއްވެސް ހާލެއްގާ މާދަމާ ލޭނު މަސްވެރިކަމަށް ހުޅުވާލާ ވާހަކަ އެއް ނޫން މި ދަންނަވަނީ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ބޮޑުކަންނެލި މަސްވެރިކަން ކުރާ މަސްވެރިން މުޒާހަރާ ކޮށްފައި ވަނީ, ސަރުކާރަށް 7 މަސްވެގެންދިޔަ އިރުވެސް، ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ މަސްވެރިންނަށް ގެއްލުންވާގޮތަށް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ސަރުކާރުން ބޭނުންވާ ކުންފުނިތަކަށް ދިނުމަށް ކުރަމުން އަންނަ މައްސަލައިގައެވެ. މީގެ އިތުރުން ޑީސަލް ލިބުމުގައި ހުރި ތަފާތުކުރުންތަކާއި، މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައިގެ އިތުރުން މަސްވެރިންނަށް އަޅާނުލާ މައްސަލައިގައެވެ.

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަ ކުރުމުން އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން އިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ލޭނު އެޅުން ހުއްދަ ކުރުމަކީ ލޭނު ބޯޓުތައް މެދުވެރިކޮށް ބޭރުކަނޑުން ގިނަ އަދަދެއްގެ ކަންނެލި ހޯދުމާއި، ކަނޑުމަތިން އެއްބޯޓުން އަނެއްބޯޓަށް މަސްގަނެ ވިއްކަން މަގުފަހިވެގެންދާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރުވެގެންދާނެކަން އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް