ކ. މާލެ
|
12 ޖޫން 2024 | ބުދަ 17:32
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދު
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދު
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން
ދަތިތައް ކުރިމަތި ވާތީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އިލްތިމާސްކޮށްފި
ސައިޓް ބީ އަދި ސައިޓް ސީގައި އަޅާފައި ހުރި ކަނޑު އުޅަނދުތައް ވިހާވެސް އަވަހަކަށް ނެގުމަށް އެދިފައިވޭ
ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް ދަނީ ތައްޔާރުވަމުން
ބިން ހިއްކާ ސަރަހައްދަށް ބާޖު އަދި ކޮޅުވެއްޓި ވަނުމުގެ ތެރޭގައި އުޅަނދުތަކުގައި ޖެހި އެކިވަރުގެ ގެއްލުން ލިބިފައިވޭ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ ކަނޑު އުޅަނދުތައް ނެގުމަށް އަނެއްކާވެސް އެޗްޑީސީ އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ބުނީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އެ މަސައްކަތަށް ދަތިވާ ގޮތަށް ބައެއް ކަނޑު އުޅަނދު އަޅާފައިވާ ކަމަށާއި، މިފަދަ އުޅަނދު ތަކަކީ އާންމުކޮށް ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ކަމުން އެތަކެތީގެ ވެރިފަރާތް ހޯދުމަށްވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ބިން ހިއްކާ ސަރަހައްދަށް ބާޖު އަދި ކޮޅުވެއްޓި ވަނުމުގެ ތެރޭގައި އުޅަނދުތަކުގައި ޖެހި އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން، ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އިތުރަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުންނާއި، އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން މި ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެކޯޕްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ހުޅުމާލޭގެ ފޭސް 2 ގެ ވަގުތީ ޖެޓީއަށް ފަޅުތެރެއިން ދާން އޮންނަ މަގު ހަނިވާގޮތަށް ބައެއް އުޅަނދުތައް އަޅާފައި ހުރުމުގެ ސަބަބުންނާއި، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އުޅަނދުތަކަށް ލިބިދާނެ އިތުރު ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުން ދާކަމަށް ފާހަގަކުރެވިގެން އީޕީއޭގެ އާންމު އިއުލާނަކުން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގާފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެހެންކަމުން، ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސައިޓް ބީ އަދި ސައިޓް ސީގައި އަޅާފައި ހުރި ކަނޑު އުޅަނދުތައް ވިހާވެސް އަވަހަކަށް ނެގުމަށް އެޗްޑީސީ ވަނީ އެދިފައެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް އެޗްޑީސީން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕްރޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް