އަޟްހާ އީދު ބަންދު ދުވަސްތަކުގެ ތެރެއިން ޖޫން 18 ވަނަ ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ އެމް.އެމް.އޭގެ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން، އަޟްހާ އީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައިވަނީ 18 ޖޫން 2024 ވާ އަންގާރަ ދުވަހު ހެނދުނު 08:30 އިން މެންދުރު 2:00 އަށް ކަމަށެވެ.
މި ބަންދު ދުވަސްތަކުގައިވެސް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑީއިރު ލިބޭނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ބީއެމްއެލްއިން ވަނީ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތްތައް ހޯއްދެވުމަށް އެދިފައެވެ.