ކ. މާލެ
|
10 ޖޫން 2024 | ހޯމަ 21:57
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން މިސްރުގެ ގާހިރާ އެއާޕޯޓަށް ފައިބައިވަޑައިގަންނަވަނީ
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން މިސްރުގެ ގާހިރާ އެއާޕޯޓަށް ފައިބައިވަޑައިގަންނަވަނީ
ރޮއިޓާސް
އެމެރިކާގެ ޚާރިޖީ ވަޒީރު
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން މެދު އިރުމައްޗަށް ވަޑައިގެންފި
މި ދަތުރުފުޅުގެ މަގްސަދަކީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ހާމަ ކޮށްފައިވާ ހުށަހެޅުމަށް ހަމާސް އެއްބަސް ކުރުވުމަށް ސަރަހައްދުގެ ގައުމުތަކަށް ބާރު އެޅުއްވުން

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ހޯމަ ދުވަހު މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ މަގްސަދަކީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ހާމަ ކޮށްފައިވާ ހުށަހެޅުމަށް ހަމާސް އެއްބަސް ކުރުވުމަށް ސަރަހައްދުގެ ގައުމުތަކަށް ބާރު އެޅުއްވުން ކަމަށް ވެއެވެ.

ބްލިންކަން ވިދާޅުވީ، އެމެރިކާގެ ހުށަހެޅުމާ އެއްގޮތައް މި ޑީލް ހަގީގަތަކަށް ނުވެގެން އުޅެނީ ހަމާސް އިން އެއްބަސް ނުވެގެން ކަމަށެވެ.

ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމުގައިވާ މިސްރުން އިޒްރޭލަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ބްލިންކަން ވިދާޅުވީ، ސަރަހައްދުގެ ގައުމުތަކުގެ ސަރުކާރު ތަކަށާއި، ރައްޔިތުންނަށް ދެއްވަން ބޭނުންވާ މެސެޖަކީ، ހަނގުރާމަ ހުއްޓާލަން ބޭނުން ނަމަ ކުރަން ޖެހޭ ކަމަކީ އެމެރިކާގެ ހުށަހެޅުމަށް ހަމާސް ލައްވާ އާނ ބަސް ބުނުވުން ކަމަށެވެ.

ހަމާސްގެ އިސް އޮފިޝަލަކު ރޮއިޓަރސް އަށް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ބްލިންކަން ދައްކަވާ ވާހަކަފުޅު ހުންނަނީ އިޒްރޭލް ކޮޅަށް ބުރަވެފައި ކަމަށެވެ.

މިސްރަށް ވަޑައިގެން ބްލިންކަން ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އާ ގާހިރާގައި ބައްދަލު ކުރައްވާފައެވެ.

އިޒްރޭލަށް ވަޑައިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރ ޔޯވް ގަލަންޓް އާ ބްލިންކަން ބައްދަލު ކުރައްވާ ގޮތައް ވަނީ ހަމަޖެހިފައެވެ.

މިއީ ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން ގާޒާއަށް އިޒްރޭލުން ދެމުންދާ އަނިޔާވެރި ހަމަލާތައް ފެށުނު ފަހުން ބްލިންކަން މެދު އިރުމައްޗަށް ވަޑައިގަންނަވާ 7 ވަނަ ފަހަރެވެ.

- ކޮމެންޓް