ކ. މާލެ
|
12 ޖޫން 2024 | ބުދަ 09:02
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ބެނާޑޯ ސިލްވާ
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ބެނާޑޯ ސިލްވާ
ރޮއިޓާރސް
މެންޗެސްޓަރ ސިޓީ
ސިލްވާ ހޯދުމަށް އެއްވެސް ބަޔަކު މަސައްކަތެއް ނުކުރޭ: ގާޑިއޯލާ
އޭނާގެ އުންމީދަކީ ސިލްވާ އެ ކުލަބުގައި ދެމި ހުރުން ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފައި

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ހޯދުމަށް އެއްވެސް ކުލަބަކުން މަސައްކަތް ނުކުރާ ކަމަށް، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ، ސިޓީގައި ސިލްވާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ސިޓީ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ސިލްވާ ހޯދުމަށް ބައެއް ކުލަބުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި މީގެ ކުރިން ވެސް ރިޕޯޓުކުރި އެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އިން ވަނީ ސިލްވާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، އެކަމަށް މަސައްްކަތް ކޮށްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ސިލްވާއާ ގުޅޭ ގޮތުން ހަގީގަތެއް ނެތް އެތައް ވާހަކައެއް މީޑިއާ ތަކުގައި ދެކެވެމުންދާ ކަަމަށެވެ. ޚާއްސަކޮށް އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ތަފާތު ވާހަކަތަކެއް ދެކެވެމުންދާ ކަމުގައި ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ބާސެލޯނާ އިން ސިލްވާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ގާޑިއޯލާ ބުނީ، ބާސެލޯނާގެ ފަރާތުން ވެސް އަދި އެހެން އެއްވެސް ކުލަބެއްގެ ފަރާތުން ވެސް ސިލްވާ ހޯދުމަށް އެދި ހުށަހެޅުމެއް ހުށަހަޅާފައި ނެތް ކަމަށެވެ. ނުވަތަ އެކަމާ ގުޅުން ހުރި ވާހަކައެއް ވެސް ދެކެވެމުން ނުދާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

މީގެ ކުރިން ވެސް ސިލްވާގެ ކުޅުމަށް އެތައް ފަހަރެއްގެ މަތީން ތައުރީފުކޮށްފައިވާ ގާޑިއޯލާ ބުނީ، ސިލްވާ އަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އަދި ސިޓީގައި އޭނާ އަންނަނީ އެކަން ސާބިތު ކޮށްދެމުން ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އެހެންކަމުން އޭނާގެ އުންމީދަކީ ސިލްވާ އެ ކުލަބުގައި ދެމި ހުރުން ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މޮނާކޯ ދޫކޮށް 2017 ވަަަނަ އަހަރު ސިޓީ އަށް ބަދަލުވި ސިލްވާ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 355 މެޗުގައި 67 ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު އޭނާ ވަނީ 16 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، ކޮމިއުނިޓީ ޝީލްޑް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް