ކ. މާލެ
|
10 ޖޫން 2024 | ހޯމަ 13:36
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީސް
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީސް
ރާއްޖެއެމްވީ
ފްލެޓްތަކާއި ގުޅިގެން އޭސީސީން ހިންގާ ތަހުގީގު
ފްލެޓް ދޫކުރުމުގައި އިސްކޮށް އުޅުނު ބޭފުޅުން ދިރިއުޅޭ އެޕާޓްމަންޓްތަކަށް އޭސީސީން ވަދެ ބަލާފާސްކުރަނީ
 
އެމަސައްކަތް ކުރަނީ ކޯޓު އަމުރެއްގެ ދަށުން
 
ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދަނީ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް
 
ބަލާ ފާސްކުރަނީ ކުރީ ސަރުކާރުގެ ފްލެޓު ކޮމެޓީގައި ތިއްބެވި 4 މެންބަރަކު ދިރިއުޅުއްވާ އެޕާޓްމަންޓްތައް

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓްގެ މައްސަލައިގައި، ފްލެޓު ދިނުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރި ބޭފުޅުންގެ ގެތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެއްޖެ އެވެ.

ރާއްޖެއެމްވީއަށް އޭސީސީގެ އޮފިޝަލެއް ވިދާޅުވީ ހޯމަ ދުވަހުގެ ހެނދުނު ވަގުތެއްގައި ފްލެޓު މައްސަލައިގައި ހިމެނޭ ބައެއް ބޭފުޅުންގެ ގެތަކަށް ކޮމިޝަނުގެ ޓީމެއް ވަދެފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދަނީ މައްސަލާގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމަށާއި، އެމަސައްކަތް ކުރަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އެ ކޮމިޝަނުން ބަލާ ފާސްކުރަނީ ކުރީ ސަރުކާރުގެ ފްލެޓު ކޮމެޓީގައި ތިއްބެވި 4 މެންބަރަކު ދިރިއުޅުއްވާ އެޕާޓްމަންޓްތައް ކަމަށާއި، މިހާރު ވެސް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ބަލާފާސްކުރާ ތަންތަނަކީ ހައުސިންގެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެޕާޓްމަންޓް، ކޮމެޓީގެ މެންބަރު މުހައްމަދު އާރިފްގެ އެޕާޓްމަންޓް، ކޮމެޓީގެ މެންބަރު މުހައްމަދު ލިރުގާމްގެ އެޕާޓްމަންޓް އަދި ކޮމެޓީގެ މެންބަރު އަހުމަދު ވިސާންގެ އެޕާޓްމަންޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކަމާގުޅުންހުރި އިތުރު ބޭފުޅުން ދިރިއުޅުއްވާ އެޕާޓްމަންޓްތަކަށް ކޮމިޝަންގެ ޓީމުގެ މެންބަރުން ވަދެ، ބަލާފާސް ކުރުމުގެ މަސައްކަތް ކުރާނެއެވެ.

އޭސީސީން ބުނީ ފްލެޓުގެ މައްސަލާގެ ޖިނާއީ ތަހުގީގު ކުރިއަށްދާ ކަމަށާއި، ނިމިފައިވަނީ މަދަނީ ބައިގެ މަސައްކަތް ކަމަށެވެ. މިމައްސަލަ ނިމޭނެ ވަކި ދުވަހެއް ހާމަކޮށްފައިނުވެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމަށް އެދި ހުށަހެޅި މީހުންގެ ތެރޭން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓު ދޭން ނިންމިއެވެ. ފުލެޓުތަކަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ވަނީ ހަމަވެފައެވެ. ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅީ، ތިން ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76ށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނެވެ. އަދި ދެ ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73ށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނަށެވެ.

ނަމަވެސް ފްލެޓު ލިސްޓުގައި މައްސަލަ އުޅޭކަމަށް ބުނެ، މި މައްސަލަ އޭސީސީން ތަހުގީގުކުރިއެވެ. އެގޮތުން އެ ލިސްޓުން ޝަރުތު ހަމަވަނީ ގާތްގަޑަކަށް އެންމެ 20 އިންސައްތަ ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެއެވެ. މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއަށް ހަވާލުކޮށްފައިވާއިރު، މި މަސައްކަތްތައް އެ މިނިސްޓްރީން ކުރިއަކަށް ނުގެންދެއެވެ. އަދި މިހާރު ސަރުކާރުން ވަނީ ފްލެޓް ލިސްޓު ބަލާ ކޮމިޓީއެއް އުފައްދާފައެވެ. ފްލެޓުތައް ދޫކުރަމުންދާނީ އެ ކޮމެޓީން މައްސަލަ ބެލުމުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
100%
0%
0%
0%
ކޮމެންޓް