ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 23:23
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް
އަދަދު
ގެދޮރުވެރިޔާ ފްލެޓް މައްސަލަ
4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
 
ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި ސަރުކާރު ކެންޑިޑޭޓުން ވޯޓު ހޯދުމަށް ފްލެޓް ލިސްޓުގެ ނާޖާއިޒް ބޭނުން ހިފި
 
ބައެއް ކެންޑިޑޭޓުން ވަނީ އެކި ފަރާތްތަކަށް ފްލެޓް ހޯދަ ދޭނެ ކަމުގެ ޔަގީންކަންވެސް ދީފަ
 
އިތުބާރު ހިފޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ސަރުކާރުގެ ކޮންމެ މެމްބަރަކަށް 5 ނުވަތަ 10 ފްލެޓް ވަނީ ކަނޑައަޅާފަ

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ދޫކުރި 4000 ފްލެޓް ލިބުނު ފަރާތްތަކަށް އަދިވެސް އެކަމުގައި ވާ ނުވާ ނޭގޭ ކަމަށާއި، އެކަން ގޮސް ނިމޭނީ ކިހިނެއްކަމެއް ބުނެދޭން ކަމާ ބެހޭ އޮފިޝަލުންނަށްވެސް ނޭނގޭ ކަމަށް ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުން ރާއްޖެއެމްވީ އާ ހިއްސާ ކުރަމުން ބުނެފިއެވެ.

އާދިއްތާ ދުވަހު ފްލެޓްގެ ކަންކަން މިހާރު ގޮސް އޮތް ހިސާބު ސާފުކުރަން ފްލެޓް ގެ އެގްރީމެންޓް ލިބިފައިވާ ފަރާތަކުން ގުޅުމުން ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ބުނި ކަމަށް ވަނީ ލިސްޓާ ބެހޭ ގޮތުން ލަފާ ހޯދުމަށް މިހާރު މާލޭ ސިޓީ ކައުންސިލްގައި އުފައްދާފައިވަ ކޮމިޓީ އަކަށް ފޮނުވާފައިވާ ކަމަށެވެ.

އޮފިޝަލް ކިޔައިދިން ގޮތުގައި ސިޓީ ކައުންސިލްގެ ލަފައެއް މިހަފްތާގައި ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ސިޓީ ކައުންސިލުން އެކަމަށް އެއްޗެއް ނުބުނެވިގެން އުޅެނީ އެކަމަށް އުފެއްދި ކޮމިޓީގެ ކޯރަމް ހަމަ ނުވެގެން ކަމަށެވެ.

އޮފިޝަލް ބުނާ ގޮތުގައި، ސިޓީ ކައުންސިލުން ރެކޮމެންޑޭޝަނެއް ލިބުމުން ހައުސިންގ މިނިސްޓަރަށް އެ ރެކޮމެންޑޭޝަންތައް ހުށަހަޅާނެ ކަމަށެވެ. އަދި އެކަމަށް ގޮތެއް ނިންމަވާނީ މިނިސްޓަރ ކަމަށްވެސް އޭނާ ބުންޏެވެ.

ސިޓީ ކައުންސިލްގައި ފްލެޓް ލިސްޓާ ބެހޭ ގޮތުން އުފައްދާފައިވާ ކޮމިޓީއެއްގެ ވާހަކަ ހައުސިންގ މިނިސްޓްރީގެ އޮފިޝަލް ފާހަގަ ކުރިއިރު، ހައުސިންގ މިނިސްޓަރަށް ލަފާ ދިނުމަށް ރައީސް ޑރ. މުއިއްޒުވަނީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދަވާފައެވެ.

ފްލެޓް ލިބުނު ކަމުގެ ލިޔުމާއި، އެގްރީމެންޓް ލިބުނު މީހުންގެ އަނެއް ކަންބޮޑުވުމަކީ ކުރީ ސަރުކާރުން ފައިނަލް ކޮށްފައިވާ ލިސްޓް މި ސަރުކާރުން ގަޑުބަޑު ކޮށް އެއަށް ގޮތްގޮތް ހަދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުވާނެ ގޮތެއް ނެތުމެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި ސަރުކާރު ކެންޑިޑޭޓުން ވޯޓު ހޯދުމަށް ފްލެޓް ލިސްޓުގެ ނާޖާއިޒް ބޭނުން ހިފިކަން އެއީ އެތައް ފަރާތަކަށް އެނގޭ ހަގީގަތެކެވެ. ބައެއް ކެންޑިޑޭޓުން ވަނީ އެކި ފަރާތްތަކަށް ފްލެޓް ހޯދަ ދޭނެ ކަމަށް ޔަގީންކަންވެސް ދީފައެވެ.

މިހާރު ފެންމަތިވެގެން އުޅޭ ވާހަކައަކީ އަދި ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުމަކީވެސް ސަރުކާރުން، ސަރުކާރު މެމްބަރުންނަށް ވަކި އަދަދަކަށް ފްލެޓް ކަނޑައަޅާފައިވާ ކަމަށް ބުނާ ވާހަކައެވެ.

މިކަމުގައި ހައުސިންގ މިނިސްޓްރީގެ އޮފިޝަލް އާ ފްލެޓް ލިބުނު ފަރާތަކުން ސުވާލު ކުރުމުން އޭނާ ވަނީ އެއީ ހަގީގަތެއް ނޫން ކަމަށް ބުނެފައެވެ.

ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ރާއްޖެއެމްވީ އާ އެމީހުންގެ ކަންބޮޑުވުން ހިއްސާ ކުރަމުން ބުނެފައިވަނީ އޭގެ ތެރެއިން ބައެއް މީހުންނަށް އިތުބާރު ހިފޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ސަރުކާރުގެ ކޮންމެ މެމްބަރަކަށް 5 ނުވަތަ 10 ފްލެޓް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ފަސްޓްލޭޑީގެ ލިސްޓަކަށް ފްލެޓް ދިނުމާއި، މިނިސްޓަރުން ބުނާ ބަޔަކަށް ފްލެޓް ދޭން އުޅޭ ވާހަކަ އެމީހުންނަށް ވަނީ އެތައް ފަރާތަކުން އިވިފައެވެ.

"އަޅުގަނޑުމެންގެ އަދި ވަކިން ބޮޑު ކަންބޮޑުވުމެއް، އެއް ގޮތަކަށްވެސް މި ސްކީމަށް އެޕްލައި ނުކުރާ ބައެއް މީހުންނަށްވެސް ފްލެޓް ދޭން އުޅޭ ވާހަކަ އެބައިވޭ. ނޭނގޭ ހަދާ ނުހަދާއެއް." ފްލެޓް އެގްރީމެންޓް ލިބުނު މީހަކު އޭނާގެ ކަންބޮޑުވުން ހިއްސާ ކުރަމުން ބުނެފައިވެއެވެ.

އެމްޑީޕީ ސަރުކާރުން ފްލެޓާ ގޯތި ދޫކުރި މީހުންނަށް އެ ދޫކުރި ތާކުން ދޫކުރި އެއްޗެއް، އެއްވެސް ބަދަލެއް ނުގެނެސް ދޭނެ ކަމުގެ ޔަގީންކަން ރިޔާސީ ކެމްޕޭންގެ ތެރޭގައި ޑރ. މުއިއްޒު އެތައް ފަހަރެއްގެ މަތިން އާއްމު ބައްދަލުވުން ތަކުގައި ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް، ސަރުކާރަށް 7 މަސް ފުރިގެންދާއިރު، ކުރީ ސަރުކާރުން ދޫކުރި ފްލެޓްތަކަށް ހަދާ ނުހަދާ އެއް ނޭގި ފްލެޓް ލިބުނު މީހުން ގޮތް ހުސްވެ މާޔޫސްވެފައިވާ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމުގެ ލިޔުންދީ އެގްރީމެންޓް ހަވާލު ކޮށްފައިވީ ނަމަވެސް ހައުސިންގ މިނިސްޓްރީން މިހާރު ބުނަނީ އެ ލިސްޓާ އެއް ގޮތައް ފްލެޓް ހަވާލު ކުރާނެ ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށެވެ.

ހައުސިންގ މިނިސްޓްރީގެ އޮފިޝަލް މިކަން އޮތް ގޮތް ސާފުކޮށްދެމުން ބުނެފައިވަނީ، ފްލެޓަށް ޝަރުތު ހަމަވަނީ ކޮން ބައެއްތޯ ބުނަން އެނގޭނީ ދެ ކޮމިޓީގެ މަސައްކަތް ނިމި އެކަމާ ގުޅޭ ގޮތުން މިނިސްޓަރަށް އަރުވާ ލަފާގެ މައްޗަށް ބަލާ މިނިސްޓަރު ނިންމަވާ ގޮތެއްގެ މަތީން ކަމަށެވެ.

ކުރީ ސަރުކާރުން ފްލެޓް ލިބުނު ކަމަށް ދީފައިވާ އެގްރީމެންޓް މި ސަރުކާރުން ބާތިލް ކޮށްފާނެ ކަމުގެ އިޝާރާތެއް ވެސް ހައުސިންގ މިނިސްޓްރީގެ އޮފިޝަލް ވަނީ ދީފައެވެ.

އެގްރީމެންޓް ބާތިލް ކޮށްފާނެތޯ ފްލެޓް ލިބުނު ފަރާތަކުން ސުވާލު ކުރުމުން އޮފިޝަލް ބުނީ އެއީ ސީދާ ކޮމިޓީގެ ނިންމުމެއް ކަމަށްވާތީ، ނިންމި ގޮތެއް ހިއްސާ ނުކުރެވޭނެ ކަމަށެވެ.

ފުލެޓް މައްސަލައިގައި ހައުސިން މިނިސްޓްރީއަށް ދިޔަ މީހުންގެ ގެންގުޅުނު ޕޯސްޓަރު ނުގެންގުޅުމަށް ފުލުހަކު އައިސް އިރުޝާދު ދެނީ - ރާއްޖެއެމްވީ

ފްލެޓްގެ މައްސަލައިގައި އޮޅުން ބޮޅުން ބޮޑުވެފައިވާތީ، ފްލެޓް ލިބުނު ފަރާތްތަކުން އުފައްދާފައިވާ ޔުނިއަން އިން ވަނީ ފްލެޓްގެ މައްސަލަ ބަލާ ކޮމިޓީއާ ބައްދަލު ކުރަން އެދި ހައުސިންގ މިނިސްޓްރީއަށް ސިޓީއެއްވެސް ފޮނުވާފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ކޮމިޓީއަށް ބައްދަލު ކުރެވޭނެ ގޮތެއް ޔޫނިއަންގެ މެމްބަރުންނަކަށް ނުލިބެއެވެ.

ހައުސިންގ މިނިސްޓްރީން ބުނަނީ ކޮމިޓީއަކީ މިނިސްޓަރަށް ލަފާދޭން އުފައްދާފައިވާ ކޮމިޓީއަކަށް ވާތީ އާއްމު ފަރާތްތަކާ އެ ކޮމިޓީ އަށް ބައްދަލު ކުރުމުގެ މެންޑޭޓެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް
- ގުޅުންހުރި
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
ދަތިތައް ކުރިމަތި ވާތީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އިލްތިމާސްކޮށްފި
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެއް އަތުން އިންޑިއާ އާ ގުޅުން ބަދަހި ކުރަނީއެވެ. އަނެއް އަތުން ގުޅުމުން އުފަންވި ފައިދާތައް ވީދާ ކުދި ކުރަނީއެވެ
ފްލެޓް ދޫކުރުމުގައި އިސްކޮށް އުޅުނު ބޭފުޅުން ދިރިއުޅޭ އެޕާޓްމަންޓްތަކަށް އޭސީސީން ވަދެ ބަލާފާސްކުރަނީ
އިންޑިއާ ވާނީ އަދި އަބަދުވެސް އޮންނާނީ އެންމެ ގާތް އެކުވެރިޔާ ކަމުގައި: ޚާރިޖީ ވަޒީރު ޒަމީރު
ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު ދަނީ ގޯހުން ގޯހަށް: އަމީރު
ރައީސް މުއިއްޒުގެ ސަރުކާރު ހިންގަނީ ޕޭޕަރުގައި، އެކްޝަނެއް ނުފެނޭ: މެންބަރު އަހުމަދު ދީދީ