ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 08:48
ތޯމަސް ޓުޗެލް
ތޯމަސް ޓުޗެލް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ޔުނައިޓެޑުގެ ކޯޗުކަމާ ޓުޗެލް ހަވާލެއް ނުވާނެ
ކުރިއަށް އޮތް ސީޒަންގައި އޭނާ އެއްވެސް ޓީމަކާ ހަވާލު ނުވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނޭ

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާ، ޖަރުމަނުގެ ތޯމަސް ޓުޗެލް ހަވާލު ނުވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޔުނައިޓެޑުގެ ކޯޗުކަމުގައި މިވަގުތު ހުރީ ނެދަލެންޑްސްގެ އެރިކް ޓެން ހާގް އެވެ. އެ މަގާމާ އޭނާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. ޔުނައިޓެޑާ އެކު އޭނާ ސޮއި ކޮށްފައިވާ ތިން އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، ޔުނަައިޓެޑުން ޓެން ހާގް ވަކި ކުރަން އުޅޭ ކަމުގެ ވާހަކަ ވެސް ދެކެވެ އެވެ. އެކަމާ މެދު ޔުނައިޓެޑުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އުމުރުން 50 އަހަރުގެ ޓުޗެލް އެންމެ ފަހުން ހުރީ ޖަރުމަނުގެ ބަޔާން މިިއުނިކްގެ ކޯޗުކަމުގެ މަގާމުގަ އެވެ. ނިމުނު ސީޒަނަށްފަހު ބަޔާންގެ ކޯޗުކަމުން ވަކިވާން ޓުޗެލް ނިންމީ، އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބުގެ ނަތީޖާތައް ދަށްވުމުންނެވެ. އެގޮތުން މިފާއިތުވި އަހަރުތަކުގައި ބަޔާނުން ހޯދަމުން އައި ޖަރުމަނު ލީގު ވެސް އެ ޓީމަށް ވަނީ ގެއްލިފަ އެވެ. ބަޔާނުން މިދިޔަ ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ.

މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުނ ޔުނައިޓެޑުން ވަނީ ޓުޗެލް އާއެކު މަޝްވަރާ ކުރުންތައް ކުރިއަސް ގެންގޮސްފަ އެވެ. ނަމަވެސް، ޓުޗެލް ނިންމީ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލު ނުވާން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭގެ ބަދަލުގައި މިވަގުތު ޓުޗެލް ބޭނުން ވަނީ ކުޑަ ބްރޭކެއް ނަގަން ކަމަށާއި، ކުރިއަށް އޮތް ސީޒަންގައި އޭނާ އެއްވެސް ޓީމަކާ ހަވާލު ނުވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އޮގްސްބާގް އިން 2007 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޓުޗެލް އަކީ ތަޖުރިބާ ހުރި މޮޅު ކޯޗެކެވެ. އޭނާ ވަނީ ކޯޗިން ކެރިއަރުގައި މައިންޒް، ބޮރޫޝިއާ ޑޯޓްމަންޑު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ޗެލްސީ އަދި ބަޔާނަށް ވެސް އިރުޝާދު ދީފަ އެވެ. މީގެ ތެރެއިން ޑޯޓްމަންޑު، ޗެލްސީ، ޕީއެސްޖީ އަދި ބަޔާނާއެކު ޓުޗެލް ވަނީ ޖުމުލަ 11 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޗެލްސީ އަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުން ވެސް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް