ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 08:46
ފުލަމް އަށް ކުޅެމުން އަންނަ ޔާއޯ ޕަލީނާ
ފުލަމް އަށް ކުޅެމުން އަންނަ ޔާއޯ ޕަލީނާ
ރޮއިޓާސް
ބަޔާން މިއުނިކް
ޔާއޯ ޕަލީނާ ހޯދުމަށް ބަޔާނުން މަސައްކަތް ކުރަނީ
ފުލަމް އާއެކު ޕަލީނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތްއިރު، އެ އެއްބަސްވުން އުވާލަން ބަޔާނުން ގާތް ގަނޑަކަށް 45 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ

ފުލަމް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ޕަލީނާ ހޯދުމުގެ މަސައްކަތް، ޖަރުމަނުގެ ބަޔާން މިއުނިކުން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ފުލަމް އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބޭރުގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބަޔާނުން އަންނަނީ ޕަލީނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ އާއެކު ބަޔާނުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ބަޔާނަށް ބަދަލުވުމުގެ ޝައުޤުވެރިކަން ޕަލީނާގެ ހުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޕަލީނާ އާއެކު ބަޔާނުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މުސާރައިގެ އަގަކާ މެދު އެއްބަސްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަނެއްކޮޅުން އެއްބަސްވުމާ މެދު ވެސް މަޝްވަރާ ކޮށްފައިވާއިރު، އޭނާ ހުރީ ބަޔާނަށް ބަދަލުވާން ތައްޔާރަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެންކަމުން ދެން ބަޔާނުން ކުރާނެ މަސައްކަތަކީ އޭނާ ހޯދުމަށް ފުލަމް އާއެކު ކުރަން ޖެހޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން ފުލަމް އާއެކު ޕަލީނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތްއިރު، އެ އެއްބަސްވުން އުވާލަން ބަޔާނުން ގާތް ގަނޑަކަށް 45 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ބަޔާނުން ވަނީ އަންނަ ސީޒަނަށް އެ ޓީމުގެ ކޯޗަކަަށް ވިންސެންޓް ކޮމްޕެނީ ހަމަޖައްސައިފަ އެވެ. އެއަށްފަހު ބަޔާނުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އައު ކުޅުންތެރިން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކަން ބަޔާނުން ކުރަމުން ދަނީ އައު ކޯޗުގެ މަޝްވަރާގެ މަތީންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް