ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 17:19
2022 ވަނަ އަހަރު ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ ޕީއެންސީގެ ލީޑަރ އަބްދުއްރަހީމު އަބްދުالله (އަދުރޭ) ވާހަކަފުޅު ދައްކަވަނީ
2022 ވަނަ އަހަރު ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ ޕީއެންސީގެ ލީޑަރ އަބްދުއްރަހީމު އަބްދުالله (އަދުރޭ) ވާހަކަފުޅު ދައްކަވަނީ
ޕީޕީއެމް
އިންޑިއާ އާ ރާއްޖެގެ ގުޅުން
މުއިއްޒު ސަރުކާރުން މިވީ ދުވަސްކޮޅުގެ ތެރޭގައިވެސް އިންޑިއާ އިން މުހިންމު އެތައް އެހީ އެއް ހޯދައިފި
މުއިއްޒު ބޭނުން ފުޅުވަނީ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށް ދެއްކެވުމަށް

އިންޑިއާ އާ ރާއްޖެ އާ އޮތް ޒާމާންވީ ގާތް ގުޅުން ހީނަރުވެފައި ވަނިކޮށް މޯދީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތައް ޑރ މުއިއްޒު އަށް ދައުވަތު އެރުވުމުން އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވާ އެއީ ލިބިވަޑައިގަންނަވާ ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެ ޑރ މުއިއްޒު ވަނީ އާދިއްތަ ދުވަހު ބާއްވާ ރަސްމިއްޔާތައް އިންޑިއާ އަށް ވަޑައިގެންފައެވެ.

މުއިއްޒުގެ ސަރުކާރަށް މިވީ ހަތެއްކަ މަސް ދުވަހުގެ ތެރޭގައި އިންޑިއާ އިން އެ ގައުގެ އެހީތެރިކަމަށް އެދުނު ކޮންމެ ކަމެއްގައި މުއިއްޒުގެ ސަރުކާރަށް އެހީވަމުން ގޮސްފައިވާކަން މީޑިއާ ރިޕޯޓުތަކުން ވަނީ ފާހަގަ ވެފައެވެ.

ޑރ.މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެއްލައްވަނީ - އިންޑިއާ ޓައިމްސް

"އިންޑިއާ އައުޓް" ސްލޯގަންގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދަކަށް ހެއްދެވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށް ވުމާއެކު އެކަމުގައިވެސް އިންޑިއާ އިން ވަނީ ފުރިހަމަ އެހީތެރިކަމާ އެއްބާރު ލުން ދީފައެވެ.

އެތައް ހާސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ޚުދު މުއިއްޒު ވިދާޅުވެފައިވާ އިރު، އިންޑިއާއިން ރާއްޖެއަށް ދޭ ފަންނީ އެހީގެ ތެރެއިން ރާއްޖޭގައި ތިބި ސިފައިން ބޭލި އިރު އެ އަ އަދަދު 100 ވެސް ހަމަ ނުވެއެވެ. މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގެ 80 ވަރަކަށް ސިފައިން މި އަހަރުގެ މާޗު މަހުން ފެށިގެން މެއި މަހުގެ 10 ގެ ނިޔަލަށް ރާއްޖޭން ގެންގޮސް ނިމިފައިވާ ކަމަށެވެ.

ރާއްޖެއަށް އިންޑިއާ އިން ދޭ ޚާއްސަ އެކްސްޕޯޓް ކޯޓާ ވަނީ އޭޕްރީލް މަހުގެ ތެރޭގައި އައު ކޮށްދީފައެވެ. މިއީ ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތީގެ ތެރޭގައި ހިމެނޭ ބާވަތްތަކެވެ. އިންޑިއާ އިން އެކްސްޕޯޓު ކުރުން މަނާ މި ބާވާތްތައް ރާއްޖެއަށް އެކްސްޕޯޓު ކުރަން ހުއްދަ ދެނީ 1981 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އޮންނަ ޚާއްސަ އެއްބަސްވުމެއްގެ ތެރެއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަހަރު ރާއްޖެއަށް ދޫކޮށްފައިވަނީ މިހާތަނަށް ރާއްޖެއަށް ދޫކުރާ އެންމެ ބޮޑު ކޯޓާއެވެ. މި ކޯޓާގެ ދަށުން 2024-2025 ގެ ތެރޭގައި ބިހާއި، އަލުތްވާއި، ހަނޑުލާއި، ފުށާއި، ހަކުރާއި، ހިލަ އާއި ހިލަވެލި އެއްވެސް ދަތި ކަމެއް ނެތި އިންޑިއާ އިން ރާއްޖެއަށް ލިބޭނެއެވެ.

މެއި މަހުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖައިޝަންކަރ އާ ބައްދަލު ކުރެއްވިއެވެ. ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެއިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑުގެ ލޯނު ދެއްކުން ފަސްކޮށް ދިނުމަށް ހުށަހެޅުމުން އެކަން އިންޑިއާ އިން ވަނީ މެއި މަހުގެ ތެރޭގައި ކޮށްދީފައެވެ.

ޕީޕީއެމް ޕީއެންސީން އިންތިޒާމްކޮށްގެން ބޭއްވި އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން - އިންޑިއާ ޓައިމްސް

ދިވެހިންގެ ހިތުގައި އިންޑިއާ އާ މެދު ނަފްރަތު އުފެއްދުމުގެ ތެރެއިން އުފެދުނު ޕީއެންސީ/ޕީޕީއެމް ގެ ހިނގަމުންދާ ވެރިކަމުގައި އިންޑިއާ އާ އޮތް ގުޅުން ރަނގަޅު ނޫން ކަމަށް މީޑިއާގައި ފާހަގަ ކުރަމުން ދާއިރު، މުއިއްޒު ބޭނުން ފުޅުވަނީ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށް ދެއްކެވުން ކަމަށް މި ދަތުރުފުޅާ މެދު ކުރެވޭ އުއްމީދުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުއިއްޒުގެ ޚާރިޖީ ވަޒީރު ޒަމީރު ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް