ކ. މާލެ
|
10 ޖޫން 2024 | ހޯމަ 07:56
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އޯޓެގާ
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އޯޓެގާ
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
ސިޓީގެ އެއްބަސްވުން ކީޕަރު އޯޓެގާ އައު ކޮށްފި
ސިޓީ އާއެކު އޯޓެގާ ސޮއި ކޮށްފައި ވަނީ އިތުރު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ގޯލު ކީޕަރު، ސްޓެފާން އޯޓެގާ އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފުރަތަމަ އޭނާ ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ހިނގާ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް ސިޓީން ވަނީ އޯޓެގާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެގޮތުން ސިޓީ އާއެކު އޯޓެގާ ސޮއި ކޮށްފައި ވަނީ އިތުރު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑު ކުރާނެ އެވެ.

އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން އޯޓެގާ ބުނީ، ދިގު މުއްދަތަކަށް އަނެއްކާ ވެސް ސިޓީގައި މަޑު ކުރުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ. އަދި އޭނާގެ އަޒުމަކީ ސިޓީގައި ކުރިއަށް ދިޔުން ކަމަށާއި، އެ ކުލަބާއެކު ކާމިޔާބު ސީޒަނަކަށް އަނެއްކާ ވެސް އުންމީދު ކުރާ ކަމަށް އޯޓެގާ ބުންޏެވެ.

އޯޓެގާ ވަނީ މި ފާއިތުވެގެން ދިޔަ ދެ ސީޒަންގެ ތެރޭގައި 34 މެޗެއްގައި ސިޓީގެ ގޯލު ބަލަހައްޓައިފަ އެވެ. ފުރަތަމަ ސީޒަންގެ 14 މެޗުގައި އޭނާ ސިޓީގެ ގޯލު ބެލެހެއްޓިއިރު، މި ސީޒަންގައި ވަނީ 20 މެޗުގައި ސިޓީގެ ގޯލު ބަލަހައްޓައިފަ އެވެ.

ސިޓީ އާއެކު އޯޓެގާ ވަނީ ހަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެވެ. މީގެ ތެރެއިން ޕްރިމިއާ ލީގު ވަނީ ދެ ސީޒަނެއްގައި ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް