ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 15:22
ތިން ބާރު ވަކިވެފައިވާ މި ދައުލަތުގައި އިންސާފު ހޯދުމަކީ ދަތިކަމަކަށް ވަނީ ވެފައި
ތިން ބާރު ވަކިވެފައިވާ މި ދައުލަތުގައި އިންސާފު ހޯދުމަކީ ދަތިކަމަކަށް ވަނީ ވެފައި
ރާއްޖެ އެމްވީ
މަގޭ ރިޕޯޓު
މި ދައުލަތުގައި ނެތް އެއްޗަކީ އިންސާފު!
ފުރާފުރިހަމަ ވެފައިވާ ކަމަށް ދައުވާ ކުރާ މި ދައުލަތުގައި ނެތް އެއްޗަކީ އިންސާފު ކަމަށް ގިނަ މީހުން ބުނޭ

ޑިމޮކްރަސީގެ އެންމެ ފުރިހަމަ އުސޫލުތަކަށް ތަބާވެގެން ތިބޭ، ޑިމޮކްރަސީގެ އަހުލުވެރިންނޭ ކިޔައިގެން އަޅުގަނޑުމެން އުޅޭތާ ޒަމާންތަކެއް ވެއްޖެ އެވެ. ތިން ބާރު ވަކިވެފައިވާ، ރައްޔިތުންގެ ވެރިކަމުގެ ނިޒާމެއް ހޯދައިގެން އަޅުގަނޑުމެން އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. ދައުލަތެއްގެ ސިފައިގައި އަޅުގަނޑުމެން ހިނގަމުން އަންނަތާ، ލައްކަ ދުވަަސް ވެއްޖެ އެވެ.

ކޮންމެ ފަސް އަހަރުން އެއް އަހަރަކު އަޅުގަނޑުމެން ވޯޓު ލަނީ، ފެހި ޤާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ހޮވާށެވެ. ވެރިކަމުގެ ބާރަށް މީހަކު އިސް ކުރަނީ ސީދާ ރައްޔިތުންގެ އަތުން ޖަހާ ފާހަގައިންނެވެ. އޭގެ ދުވަސް ކޮޅެއް ފަހުން، ޤާނޫނު ހަދާ ބާރަށް "ޢިއްޒަތްތެރި މެމްބަރުން" ހޮވަނީ ވެސް އަޅުގަނޑުމެންގެ އަތުން ޖަހާ ފާހަގައިންނެވެ. އެއީ ތިން ބާރު ވަކިވެފައިވާ ކަމަށް ދައުވާ ކުރާ މި ދައުލަތުގެ، އެއް ބާރެވެ. ޤާނޫނު ހެދުމުގެ ބާރެވެ.،

ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމާއި، އަދުލުވެރިކަން އިސް ކުރުމަށް ވައުދު ނުވާ ވެރިޔަކު ނެތެވެ. ކޮންމެ މީހަކު ވެސް ވެރިކަމަށް ނިކުންނައިރު، އެންމެ ފަލަ އަކުރުން އޮންނަނީ އިންސާފުވެރި ވެރިކަމެއް ކުރާނެ ވާހަކަ އެވެ. އަދުލުވެރި ވެރިޔަކަށް ވާނެ ވާހަކަ އެވެ. ވަކި މީހަކަށް ވަކި ގޮތެއް ނުހަދާނެ، ރައްޔިތުންގެ ޚާދިމަކަށް ވާނެ ކަމަށެވެ. ދެން ވެސް ހުރި ރައްޔިތުންނާ ގުޅުން ހުރި ވައުދުތައް ވަމުންނެވެ.

ޑިމޮކްރަސީގެ އެންމެ ފުރިހަމަ ސިފަތަކުން ޖަރީވެ، އަޅުގަނޑުމެން ފުރާ ފުރިހަމަ ވެފައި ތިބި ކަމަށް ދައުވާ ކުރަމުންދާއިރު، ހަގީގަތުގައި އަޅުގަނޑުމެންގެ ދައުލަތް އޮތީ "ނުކުޅެދޭ" ހާލުގަ އެވެ. އިންސާފު ޤާއިމު ކުރުމާއި، އިންސާފު ލިބުމާ އޮތީ ވާގު ނެތިފައޭ ވެސް އަޅުގަނޑަށް ދެންނެވިދާނެ އެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އިންސާފުގެ ވާހަކަ އެވެ. މާރުކޭޓު ގޮޅި އަކުން ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހަކު، ހަ އަހަރަށް ޖަލަން ލާން ކުރި ހުކުމުގެ މަތިން އަޅުގަނޑުމެން ހަނދާނެއް ނުނެތޭނެ އެވެ. މި ޤައުމުގައި އިންސާފު އޮތް، ނެތް މިންވަރު ބުނެދިނުމަށް އަބަދުމެ އަޅުގަނޑުމެން ދައްކަމުން އަންނަ މިސާލަކީ ވެސް އެއީ އެވެ. ރަނގަޅެވެ. އޭނާ ކުރީ ވައްކަމެކެވެ. އޭނާ ކުރި ކުށަށް އަދަބު ވެސް ދޭން ވާނެ އެވެ.

އެކަމަކު، ދައުލަތުގައި ނެތް އެއްޗަކީ އިންސާފު ކަމަށް އަޅުގަނޑު މި ދަންނަވާ ވާހަކަ ފެށެނީ އަދި މި ދަންނަވާ ވާހަކަ އިންނެވެ. މީގެ އެއް ދުވަސް ކުރިން މީޑިއާ ތަކުގެ ސުރުޚީގައި އޮތީ، "ނިހާންގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކެއް އަނބުރާ ގެންނަން ނިންމައިފި" ކަމަށެވެ. އިންސާފުގެ ވާހަކަ ދައްކާލަން ބޭނުންވީ ވެސް މިހިސާބުންނެވެ.

ދައުލަތުގެ އެއް ބާރު ކަމަށްވާ، ޤާނޫނު ހަދާ ބާރުގެ މެމްބަރުކަން ދެ ދައުރު ފުރިހަމަ ކޮށްފައިވާ ފަރާތަކާ ދެކޮޅަށް ކޮށްފައިވާ ތުހުމަތާއި، އުފުލާފައިވާ ދައުވާތަކަކީ އާދައިގެ ތުހުމަތެއް އަދި ދައުވާއެއް ވެސް ނޫނެވެ. ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ރިޝްވަތަށް އެދުމުގެ ދައުވާ އާއި، ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެވެ. މި ދައުވާތަކުގެ ތެރޭގައި ހަ ލައްކަ ރުފިޔާ އިން ރިޝްވަތު ނެގުމާާއި، ރޮލެކްސް ގަޑި އަކަށް އެދިގެން ރިޝްވަތު ނެގި ކަމުގެ ތުހުމަތުތައް ވެސް ހިމެނެ އެވެ.

ދައުވާތައް އަނބުރާ ގެންދިޔުމުގެ ކުރިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިހާަންގެ ފަރާތުން ވަނީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ހާލަތު ބަޔާން ކޮށްދިނުމުގެ އިތުރުން، ދެން އެދިފައި ވަނީ މައްސަލަ މުރާޖާ ކޮށްދިނުމަށެވެ. އެ ސިޓީ ނިހާން ފޮނުވާފައި ވަނިކޮށް، މަހެއްހާ ދުވަސް ކުރިން ޕީޖީން ވަނީ އެ ދައުވާތައް އަނބުރާ ގެންދަން ނިންމައި، އެކަން ނިހާން އަށް ވެސް އަންގައިފަ އެވެ.

ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވާއިރު އެކަމަށް ގޮތެއް ނިންމަން ޖެހެނީ ޝަރުއީ މަރުހަލާ އިން ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެ އެވެ. އެއީ ފޮނުވާ ސިޓީ އަކުން، ނުވަތަ ތިބެލާފައި ދައްކާ ވާހަކަ އަކުން ނިންމޭނެ ނިންމުމެއް ނޫން ކަމަށް ވެސް ޤަބޫލު ކުރެވެ އެވެ. ރިހާކުރު ފުޅި ވަގަން ނަގައިގެން، ޖަލު ޙުކުމް އިއްވި މީހާގެ ފަރާތުން މިޒާތުގެ ސިޓީއެއް ފޮނުވިޔަސް، "ވެރިމީހާ" ގެ މޭޒުކޮޅުގައި އެ ސިޓީ އޮވެ، އެ ސިޓީ ގައި ވެސް މަކުނުވާ އަޅާނެ އެވެ.

ދައުލަތުގައި ނެތް ކަމަށް އަޅުގަނޑު މި ދަަންނަވާ އިންސާފަކީ މިއީ އެވެ. ނިކަމެތި މީހާ އަށް ނިކަމެތި ގޮތެވެ. މޮޅު އަދި ބާރުވެރި މީހާ އަށް މޮޅު ގޮތްތަކެވެ. އާދޭހެވެ! ފުރާފުރިހަމަ ވެފައި ކަމަށް ދައުވާ ކުރާ މި ދައުލަތުގައި ނެތް އެއްޗަކީ އިންސާފެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް