ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 19:39
އީރާނުގެ ތެހެރާނުގައި ބަހްރެއިންގެ ރަސްގެފާނު ހަމާދު ބިން އީސާ އަލް ޚަލީފާއާ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ބައްދަލުކުރައްވަނީ
އީރާނުގެ ތެހެރާނުގައި ބަހްރެއިންގެ ރަސްގެފާނު ހަމާދު ބިން އީސާ އަލް ޚަލީފާއާ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ބައްދަލުކުރައްވަނީ
ގެޓީ އިމޭޖަސް
އީރާން އާއި ބަހުރެއިންގެ ގުޅުން
އިރާން އާ ގުޅުން އަލުން ގާއިމް ކުރަން ބޭނުންވާކަން ބަހުރެއިނުން ރަޝިއާ މެދުވެރިކޮށް ބުނެފި
މީގެ ކުރިން ބަހުރެއިންގެ އޮފިޝަލުން ވަނީ އީރާނާ އެކު ގުޅުން އަލުން އުފައްދަން ބޭނުންވާ ވާހަކަ ވަރަށް ގިނަ ފަހަރު މަތިން ދައްކަވާފަ

އިރާން އާ ގުޅުން އަލުން ގާއިމް ކުރަން ބޭނުންވާކަން ބަހުރެއިނުން ރަޝިއާ މެދުވެރިކޮށް އީރާނުގައި އެދެފި ކަމަށް، އީރާނުގެ ރައީސް ގެ އެޑްވައިޒަރ މުހައްމަދު ޖަމްޝީދީ އާ ހަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާ ޕްރެސް ޓީވީން ހާމަކޮށްފިއެވެ.

އެތައް އަހަރު ތަކެއް ވަންދެން ގުޅުން ގޯސް ވެފައިވާ މި ދެގައުމުގެ ގުޅުން އަލުން ގާއިމު ކުރަން ބަހުރެއިނުން ހުށަހެޅި ޚަބަރު ހުކުރު ދުވަހު ފެންމަތިވެފައިވާ އިރު، މީގެ ކުރިން ބަހުރެއިންގެ އޮފިޝަލުން ވަނީ އީރާނާ އެކު ގުޅުން އަލުން އުފައްދަން ބޭނުންވާ ވާހަކަ ވަރަށް ގިނަ ފަހަރު މަތިން ދައްކަވާފައެވެ.

ސައުދީ އަރަބިއްޔާ އާއި އީރާނުގެ ގުޅުން ގޯސް ވެގެން ދިޔަ ދަނޑިވަޅު ބަހުރެއިނުން އީރާނާ އެކު އޮންނަ ގުޅުން ކަނޑާލީ 2016 ވަނަ އަހަރުއެވެ. އޭގެ އިތުރުން 2011 ވަނަ އަހަރު ބަހުރެއިން ގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ބޭއްވީ އިރާނުގެ އަތެއް އޮވެގެން ކަމަށް ވެސް ބަހުރެއިނުން އީރާނަށް އޮތީ ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ.

ޗައިނާ މެދުވެރި އެއްގެ ރޯލު އަދާކޮށްގެން ސައުދީ އަރަބިއްޔާ އިން ވަނީ ހުސްވި އަހަރު އީރާނާ ގުޅުން އަލުން ގާއިމް ކޮށްފައެވެ.

ބަހުރެއިންގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ޚަލީފާ ހުސްވި މަހު ރަޝިއާ އަށް ކުރެއްވި ދަތުރުފުޅުގައި އީރާނާ ގުޅުން ބަދަހި ކުރައްވަން ބޭނުންފުޅު ވާ ވާހަކަ އޮތީ ވިދާޅުވެފައެވެ. ބަހުރެއިންގެ ރަސްގެފާނު ވިދާޅުވި ކަމަށް ބަހުރެއިންގެ ދައުލަތުގެ މީޑިއާ ބީއެންއޭ އިން ބުނެފައިވަނީ ދެގައުމުގެ ގުޅުން ގާއިމް ނުކޮށް އިތުރަށް ލަސްކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ހުސްވި މަހު އީރާނުގެ ރައީސް ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ ވެއްޓި ކުއްލި ގޮތަކަށް އީރާނުގެ ރައީސް އަވަހާރަވި ހާދިސާ އާ ގުޅިގެން ބަހުރެއިނުން ވަނީ އީރާނުގެ ރޫހާނީ ލީޑަރަށް ތައުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.

2020 ވަނަ އަހަރު ބަހުރެއިނުން ވަނީ އީރާނުގެ އެންމެ ބޮޑު ދުޝްމަނުގެ ގޮތުގައި ބެލޭ އިޒްރޭލާ އެކު ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި އިޒްރޭލާ އެކު ސޮއި ކޮށްފައެވެ. އޭގެ ދެ އަހަރު ފަހުން ބަހުރެއިނުން އިޒްރޭލާ އެކު ވަނީ ސަލާމަތީ ކަންކަމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް