ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 19:08
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލެ ދެކުނު ފަރާތު ފަޅު ސާފުކުރުމުގެ ހަރަކާތުގައި މާލޭގެ މޭޔަރ ވާހަކަދައްކަވަނީ
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލެ ދެކުނު ފަރާތު ފަޅު ސާފުކުރުމުގެ ހަރަކާތުގައި މާލޭގެ މޭޔަރ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ކުނި އެޅުމުގެ މައްސަލަ ހައްލުކުރުން
ކުނި އެޅުމުން ކުރާ ޖޫރިމަނާ އިތުރުކުރަން ޖެހޭ - މޭޔަރ އާޒިމް
ތިމާގެ އަމިއްލަ ސާފުތާހިރުކަމަށް އިސްކަން ދޭ ފަދައިން ވެށީގެ ސާފުކަމަށް ސަމާލުކަން ނުދެވޭކަމަށް އާޒިމް ފާހަގަކުރެއްވި
ނެގޭ ކުނީގެ އަދަދު އަހަރުން އަހަރަށް އިތުރުވުމަކީ އިދާރާތަކާއި މުއައްސަސާތަކުން ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވި
ޖޫރިމަނާތައް ކުރުމުން އެ ޖޫރިމަނާ ދެއްކޭތޯ ބެލުމުގެ ހަރުދަނާ ނިޒާމެއް ވެސް ނެތް ކަމަށާއި އެއީ ވެސް ހައްލުކުރަން ޖެހޭ ކަމެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފަ

ކުނި އެޅުމުން ކުރާ ޖޫރިމަނާ އިތުރުކުރަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ސިޓީ ކައުންސިލްގެ އިސްނެގުމާއިއެކު މާލެ ސިޓީގެ ފަޅު ސާފުކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވަނީ ސާފުކުރުމުގެ ހަރަކާތްތައް ހިންގާ އިރު ނެގޭ ކުނީގެ އަދަދު އަހަރުން އަހަރަށް އިތުރުވުމަކީ އިދާރާތަކާއި މުއައްސަސާތަކުން ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. ފަޅުތަކުން ނަގާ ކުނި އަހަރަކަށް ވުރެ އަހަރެއް ދަނީ އިތުރުވަމުން ކަމަށާއި އެއިން އިނގެނީ ކުނި އެޅުމުގެ މައްސަލަ ހައްލު ނުވާކަން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ އަމާޒަކަށް ހަދަންވީ އަހަރަކަށް ވުރެ އަހަރެއް ފަޅުތަކުން ނެގޭ ކުނި މަދުކުރުމަށްކަމަށާއި ކުނި މަދު ކުރަން ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށް ބެލެވޭނީ އޭރުން ކަމަށް ވިދާޅުވެފައެވެ.

އިތުރަށް އާޒިމް ވިދާޅުވި ކުނި އެޅުމަކީ އެހާ ބޮޑު ކަމެއް ކަމަށް އާންމުން ނުދެކޭ ކަމަށެވެ. އަދި ތިމާގެ އަމިއްލަ ސާފުތާހިރުކަމަށް އިސްކަން ދޭ ފަދައިން ވެށީގެ ސާފުކަމަށް ސަމާލުކަން ނުދެވޭކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. ޤަވާއިދާއި ޚިލާފަށް ކުނި އެޅުމުން ކުރާ ޖޫރިމަނާގެ އަދަދު ބޮޑުކޮށްފިނަމަ އެކަމުގެ ސަބަބުން ކުނި އެޅުމަށް ޖެހިލުން ވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ހައްލު ކުރެވޭނީ ޤާނޫނުތައް ވަރުގަދަކޮށް، ފަރުދީ ޒިންމާ އަދާކޮށްގެން ކަަމަށް އޭނާ ވިދާޅުވިއެވެ.

ކުނި ނެގީ އެޅީ. މާލެ ތަޢައްޔަރުވެ މެރިން ރިސޯސެސް މަދު ވަނީ ވަރަށް މަދު މީހެއްގެ ސަބަބުން. ޖޫރިމަނާކުރަންވީ 500 ރުފިޔާ އަކުން ނޫން. ކުނި އެޅުމަކީ ކުޑަ ކަމެއްގެ ގޮތުގައި ދެކޭ ދެކުން ނިމުމަކަށް ގެންނަން ޖެހޭ. މިއީ ކުޑަ ކަމެއް ނޫން. މިއީ ބޮޑު ކަމެއް. އެ ޖޫރިމަނާ ނުދެއްކީމަ ވެސް ކުރެވޭނެ ކަމެއް ނޯވޭ. އެ މީހަކަށް ހުރިހާ ޚިދުމަތެއް ވެސް ލިބޭ.
މާލެ ސިޓީގެ މޭޔަރ، އާދަމް އާޒިމް

މީގެ އިތުރުން ޖޫރިމަނާތައް ކުރުމުން އެ ޖޫރިމަނާ ދެއްކޭތޯ ބެލުމުގެ ހަރުދަނާ ނިޒާމެއް ވެސް ނެތް ކަމަށާއި އެއީ ވެސް ހައްލުކުރަން ޖެހޭ ކަމެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމް ވަނީ އެކަމާއި ގުޅޭ ގޮތުން މިހާރުވެސް ކަމާގުޅޭ އިދާރާތަކާއި އެކު މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބިދޭސީން ކުޅި އެޅުމުން ރިޕޯޓްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ހޯމް މިނިސްޓްރީ އާއެކު މަޝްވަރާކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ މައްސަލަތައް ހައްލުކުރެވޭނީ އިދާރާތަކުން ގުޅިގެން ކަމަށް ވިދާޅުވެފައެވެ. އެ މީހެއްގެ ކުންޏަށް އެ މީހަކު ޒިންމާވާން ޖެހޭ ކަމަށާއި، ކުނި އެޅުމަށްފަހު ސާފުކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އާދަކުރަންވީ ކުނި އެޅުން ވީހާވެސް ބޮޑަށް މަދު ކުރަން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް