ހައްޖުގެ އަޅުކަން އަދާ ކުރުމާ ގުޅޭ ގޮތުން ސައުދީ ސަރުކާރުން އާއްމު ކޮށްފައިވާ ގަވައިދުތަކާ އެއްގޮތައް އަޅުކަމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހައްޖުގެ އަޅުކަން އަދާ ކުރާ ފަރާތްތަކަށް ސައުދީގެ ގްރޭންޑް މުފްތީ ޝެއިޚް އަބްދުލް އަޒީޒް އަލް އައްޝެއިޚް ވިދާޅުވެއްޖެއެވެ.
ހައްޖުވެރިންނަށް އޭނާ ގޮވާލެއްވީ ސެކިއުރިޓީ އަދި އިދާރީ އޮފިޝަލުންގެ އިރުޝާދު ތަކަށް ބޯލެނބުމަށެވެ.
ގްރޭންޑް މުފްތީ ޝެއިޚް އަލް އައްޝެއިޚް ވިދާޅުވީ، ސައުދީ ސަރުކާރުން ދޫކުރާ ހުއްދަ ނެތި ހައްޖުގެ އަޅުކަން އަދާ ކުރުން ވާނީ ފާފައެއް ކަމަށެވެ. އެއީ އިސްލާމީ ޝަރީއަތުގެ ހަމަތަކުން އެކަން އޮންނާނެ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ހުއްދަ ނެތި ހައްޖު ވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މުފްތީ ވިދާޅުވި ކަމަށް ސައުދީ ގެޒެޓް ނޫހުގައި ލިޔެފައިވެއެވެ.
މުފްތީ ވަނީ ހައްޖުގެ އަޅުކަން އަދާ ކުރުމަށް އަންނަ އެންމެންނަށް ވަގުތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާ ދުއާ ކުރުމާ އަޅުކަމުގައި ވީހާވެސް ގިނަ ވަގުތު ހޭދަ ކުރުމަށް ގޮވާލައްވާފައެވެ.