ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 14:30
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ކަނޑުތަކުގެ ދުވަސް
ދިވެހި ކަނޑުތަކުގައިވާ ރޯއްޖާއި، ހަޒާނާ ތަކަކީ ދިވެހީންގެ ތިޔާގި އިގްތިސާދަށް އޮތް އެންމެ ބޮޑު އުއްމީދު - ރައީސް
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަސް

ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާއި، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާއި، އެކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

މިއަހަރުގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުއިޒް މުބާރާތެއް ކުރިޔަށް ގެންދިއުމާއި، "ކަނޑުފަޅަށް ލޯ ހުޅުވަމާ"ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މައުލޫމާތު ސެޝަނެއް ކުރިޔަށްގެންދިއުމާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވާ ޑައިވް" ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމާއި، "އެންމެން މޫދަށް"ގެ ނަމުގައި މޫދަށް އެރުމުގެ ހަރަކާތެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި "ކަނޑުރޯދި އުފާ ފެސްޓިވަލް"ގެ ނަމުގައި ހުޅުމާލޭގައި ކުރިއަށް ގެންދާ ހަރަކާތާއި، މި ނޫންވެސް މިދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިޔަށްގެންދާ އެކިއެކި ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ތީމަކީ "ކަނޑުތަކާއި މޫސުމަށް ހެޔޮ ބަދަލު ގެނައުމުގެ މަސައްކަތް ހަލުވިކުރުން" މިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް