ކ. މާލެ
|
7 ޖޫން 2024 | ހުކުރު 21:13
ރަޝިއާގެ ލުހާންސްކް އަށް ދިން ވަރުގަދަ ހަމަލާގައި ގެއްލުންވި ސަރަހައްދުގެ ބޭރުގައި ބަޔަކު ހަރަކާތްތެރި ވަނީ
ރަޝިއާގެ ލުހާންސްކް އަށް ދިން ވަރުގަދަ ހަމަލާގައި ގެއްލުންވި ސަރަހައްދުގެ ބޭރުގައި ބަޔަކު ހަރަކާތްތެރި ވަނީ
އާރްއެފްއީ
ޔޫކްރެއިން ރަޝިޔާ ހަނގުރާމަ
ޔޫކްރެއިން އިން އެމެރިކާގެ މިސައިލުން ރަޝިއާގެ ލުހާންސްކް އަށް ވަރުގަދަ ހަމަލާއެއް ދީފި
ރަޝިއާ އިން ބުނީ، 5 މިސައިލް ހަމަލާ ލުހާންސްކް ސިޓީއަށް ޔޫކްރެއިނުން ފޮނުވާލި ކަމަށާއި މި ހަމަލާގައި 3 މީހުން މަރުވެ 35 މީހުން ޒަޚަމްވި ކަމަށް

ޔޫކްރެއިން އިން އެމެރިކާ އިން ފޯރުކޮށްދިން ދުރު ރާސްތާ މިސައިލުން ރަޝިއާގެ ލުހާންސްކް އަށް ވަރުގަދަ ހަމަލާއެއް ދީފިއެވެ.

ހަމަލާ އާ ބެހޭ ގޮތުން ރަޝިއާގެ ދިފާއީ ވުޒާރާ އިން ހުކުރު ދުވަހު ބުނީ، ޔޫކްރެއިނުން ގަސްދުގައި ހަމަލާ ދިނީ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށެވެ. ރަޝިއާ އިން ބުނީ، 5 މިސައިލް ހަމަލާ ލުހާންސްކް ސިޓީއަށް ޔޫކްރެއިނުން ފޮނުވާލި ކަމަށާއި މި ހަމަލާގައި 3 މީހުން މަރުވެ 35 މީހުން ޒަޚަމްވި ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ހަމަލާއާ ބެހޭ ގޮތުން ރަޝިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔޫކްރެއިނުން ފޮނުވާލި 5 މިސައިލްގެ ތެރެއިން 4 މިސައިލް ރަޝިއާގެ އެއަރ ޑިފެންސް ސިސޓަމުން ވައްޓާލި ކަމަށާއި، ފަސްވަނަ މިސައިލް އާއްމުން ދިރިއުޅޭ 2 އިމާރާތަކަށް އަރާ އިމާރާތްތަކަށް ގެއްލުންވި ކަމަށެވެ.

ރަޝިއާއިން ބުނީ އިމާރާތުގެ ފުނޑުވެފައިވާ ބައިތަކުގެ ތެރެއިން ދިރި ތިއްބާ 7 މީހަކު ސަލާމަތް ކުރެވުނު ކަމަށެވެ.

ލުހާންސްކް ސަރަހައްދަކީ 2022 ވަނަ އަހަރުން ފެށިގެން ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ސަރަހައްދެކެވެ.

ޔޫކްރެއިނުން ރަޝިއާގެ ކޮންޓްރޯލްގައިވާ ސަރަހައްދަކަށް ހަމާލާ މި ދިނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ހަތިޔާރު ފޯރު ކޮށްދީގެން ރަޝިއާގެ ސަރަހައްދުތަކަށް ޔޫކްރެއިނުން ހަމަލާ ދީފިނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ރަޝިއާ އިން ބުނެ އިންޒާރު ދީފައިވަނިކޮށްނެވެ.

ހުސްވި ހަފްތާގެ ބުދަ ދުވަހު ރަޝިއާގެ ރައީސް ވަނީ ރަޝިއާ އިން އެހެން ގައުމުތަކަށް ހަތިޔާރު ފޯރުކޮށްދީގެން އެ ގައުމުތަކުން ހުޅަނގުގެ ޓާގެޓްތަކަށް ހަމަލާ ދިނުމަށް މިކަމުގެ ސަބަބުން ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ބުދަ ދުވަހު ރަޝިއާގެ ރައީސް ސެއިންޓް ޕީޓަސްބާގް ގައި ދުނިޔޭގެ މަޝްހޫރު މީޑިއާ ތަކާ ބައްދަލު ކުރައްވާ ވިދާޅުވީ، ހަނގުރާމަ ހިނގަމުންދާ ސަރަހައްދަކަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ވަރަށް ގޯސް ކަމެއް ކަމަށާއި، ޚާއްސަ ކޮށް މި ކަމުގައި ހުޅަނގުގެ ގައުމުތަކުން ހަތިޔާރު ފޯރުކޮށްދެނީ އެކަނި ނޫން ކަމަށާއި، ހަތިޔާރު އޮޕަރޭޓް ކުރުމުގައިވެސް އެފަރަތްތަކުން ބައިވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްން އެ ގައުމުން ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާގެ ޓާގެޓް ތަކަށް ހަމަލާ ދިނުމުގެ ހުއްދަ ވަނީ ދެއްވާފައެވެ. އެމެރިކާގެ މި ނިންމުމާއެކު ޖަރުމަނު ވިލާތުން ވެސް ވަނީ އެގައުމުން ފޯރުކޮށްދޭ ހަތިޔާރުވެސް ރަޝިއާ އަށް ހަމަލާ ދިނުމުގައި ބޭނުން ކުރެވޭނެ ކަމަށް ބުނެފައެވެ. އިނގިރޭސި ވިލާތާއި ފްރާންސުން ވަނީ އޭގެ ކުރިން އެ ހުއްދަ ޔޫކްރެއިނަށް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް