ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 11:13
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރާއްޖެ އެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު
ތަރައްޤީ އަށް ކުރެވުނު ހޭދަ ބިލިއަނުން ދަށަށް، މުސާރައިގެ ޚަރަދު މިލިއަނުން މައްޗަށް!
މިއަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތުން ވަނީ، މުސާރައިގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން މުސާރައިގެ ގޮތުގައި ހޭދަކޮށްފައި ވަނީ 4.8 ބިލިއަން ރުފިޔާ
މިއަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތުން ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާ، މިދިއަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ހޭދަކޮށްފައިވަނީ 4.8 ބިލިއަން ރުފިޔާ

ވަޢުދުވީ ސަރުކާރުގެ މަތި ލުއި ކުރުމަށެވެ. ވަޢުދަުވީ ސިޔާސީ މަޤާމުތަކުގެ އަދަދު މަދު ކުރުމަށެވެ. ވަޢުދުވީ ތަރައްޤީގެ މަޝްރޫޢުތައް އިންތިހާ ހަލުވި ދުވެލީގައި ކުރިއަށް ގެންދިޔުމަށެވެ. ރައްޔިތުންނަށް އުފާ، ފާގަތި ދުވަސްތަކެއް ހޯދައި ދިނުމަށެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް، އެންމެ ފުރިހަމަ މިނުގައި ޤާއިމު ކޮށްދިނުމަށެވެ. ޖުމުލަ ގޮތެއްގައި ވަޢުދުވީ، ރައްޔިތުންގެ ވެރިކަމެއް ކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ، މި ދެންނެވި ކަންކަމުގެ ވާހަކަ ނިކަން ހަރުކޮށް ދައްކަވަމުންނެވެ. ކެމްޕެއިންގައި އެމަނިކުފާނު ހުއްޓިވަޑައިގަންނަވާ ކޮންމެ ޕޯޑިއަމެއްގައި، ކަރުން ނާރު ހިލުވާލުމަށްފަހު، ދައްކަވާ ވާހަކަ އަކީ އެއީ އެވެ. ޤައުމުގައި ފައިސާ ނެތް ވާހަކަ އާއި، ޤައުމުގެ އިޤްތިސާދު ފުނޑުފުނޑުވަމުންދާ ވާހަކަ އެވެ. ޤައުމުގެ މިސްރާބު އޮތީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ހަޤީގަތުގައި އޮޅުވާލެއްވީ އެވެ.

ސަރުކާރަށް ހަ މަސް ފުރިގެން ދިޔައިރު، ޙާސިލު ކުރެވުނީ ކޮން ކަމެއްތޯ ރައްޔިތުން ބަލަން ޖެހެ އެވެ. "މުޢިއްޒު ސްޕީޑުގައި" ފެއްޓެވި ރަސްމާލެ ހިއްކުމުގެ މަޝްރޫޢު މަޑު ޖެހުނީ، އެއަށް ވުރެ ބާރު "މުޢިއްޒު ސްޕީޑެއް" ގައެވެ. މިއަދު އެ ވަނީ އެ މަޝްރޫޢު ހަވާލު ކުރި ކުންފުންޏަށް އެކަން ނުކުރެވުމުން، އެހެން ކުންފުންޏެއް ހޯދަން ޖެހޭ ވާހަކަ ސަރުކާރުން ހާމަކޮށްފަ އެވެ.

ސަރުކާރުގެ ޚަރަދުތައް އިންތިހާ އަށް ބޮޑެވެ. މާލީ ވަޒީރު ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ. ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުން އިސްރާފު ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވީ، މި ސަރުކާރުގެ މާލީ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަފީޤު އެވެ. އިތުރު ގޯހެއް ހަދައިގެން ކުރިއަށް ދެވޭނެ މާލީ ޤާބިލުކަން ނެތް ވާހަކަ ވިދާޅުވީ ވެސް ހަމަ އެމަނިކުފާނެވެ.

އެވާހަކަތައް އިހަށް ފަހަށް ޖައްސާލުމަށްފަހު، ކޮންމެހެން އަޅުގަނޑު ދައްކަން މި އުޅޭ ވާހަކަ ދައްކާލުން މުހިންމު ކަމަށް ދެކެމެވެ. ދައްކަން މި އުޅެނީ އަޅުގަނޑު އަމިއްލަ އަށް ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. ސަރުކާރުގެ މާލީ ވުޒާރާ އިން ހާމަކޮށްފައިވާ ހިސާބު ތަކުން ފެންނަން ހުރި ވާހަކަތަކެވެ. ހުސްވި މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ އާމްދަނީ އާއި ޚަރަދުތައް ހިމަނައިގެން އާންމު ކުރާ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ހުރި ވާހަކަ ތަކެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ނިމުނު މެއި މަހުގެ ނިޔަލަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ނޫން ނަމަ، ތަރައްޤީ އަށް ކުރެވޭ މަސައްކަތްތަކަށް ދައުލަތު ހޭދަކޮށްފައިވާ މިންވަރު ބޮޑުތަނުން ދަށްވެއްޖެ އެވެ. މިއަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތުން ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު، 2023 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ވަނީ ތަރައްޤީގެ މަޝްރޫޢުތަކަށް 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެހެންކަމުން މިއީ، 2.7 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އެ ރިޕޯޓުގައި ވާ ގޮތުން ދައުލަތުން މުސާރައިގެ ޚަރަދަށް ވަނީ ބޮޑު އަދަދެއް ހޭދަކޮށްފަ އެވެ. މިއަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތުން ވަނީ، މުސާރައިގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން މުސާރައިގެ ގޮތުގައި ހޭދަކޮށްފައި ވަނީ 4.8 ބިލިއަން ރުފިޔާ އެވެ. އެއީ، އޭރު އޮތް ސަރުކާރުގެ އެންމެ ފަހު އަހަރު ކަމަށްވާއިރު، އެހާ ތަނަށް ހުންނާނީ ސިޔާސީ ވަޒީފާ ވެސް ދޭން ބޭނުންވި އަދަދަށް ދެވިފަ އެވެ. އެހެން ނަމަވެސް، މި ސަރުކާރުގެ އެންމެ ފުރަތަމަ ހަ މަސް ދުވަހު ވެސް، މުސާރަ އަށް ކުރި ޚަރަދު މި ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު، 600 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.

ރައީސް މުޢިއްޒު ވަޢުދުވެ ވަޑައިގެންނެވީ، ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަށެވެ. އެހެން ނަމަވެސް، އެކި އެކި މައުލޫމާތުތަކަށް ބަލާއިރު، އެ އަދަދު ބޮޑުތަނުން އިތުރުވާނެ އެވެ. މިކަމުގައި ވެސް ސާފު މައުލޫމާތެއް ހޯދުމަށް އުނދަގޫވެފައި ވަނީ، ސަރުކާރުން އެ އަދަދުތަކުގެ ތަފްސީލު ހާމަ ނުކުރާތީ އެވެ. ބައެއް ވުޒާރާތަކުގައި 190 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިއިރު، އަނެއް ބައި ވުޒާރަތަކުގައި 50 އިން، 30 އިން ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ.

ރަށްރަށުގެ ތަރައްޤީ އަށް ސަރުކާރުން ކުރަމުން އަންނަ ހޭދަ ވެސް މި ވަނީ ބޮޑު ތަނުން ދަށްވެފަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، 2023 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ރަށް ރަށުގައި ނަރުދަމާ ޤާއިމު ކުރުމާއި، އަދި ފެން ޤާއިމު ކުރުމަށް ވަނީ 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފަ އެވެ. ހަމައެހެންމެ، ދަތުރުފަތުރުގެ ނިޒާމު ފުޅާކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ ނިޒާމެއް ޤާއިމު ކުރުމަށް އެ މުއްދަތުގައި ވަނީ 1.58 ބިލިއަން ރުފިޔާ ޚަރަދު ކޮށްފަ އެވެ.

އެހެން ނަމަވެސް، ރައީސް މުޢިއްޒުގެ ވެރިކަމުގެ މި މުއްދަތަށް ބަލާއިރު، ރަށް ރަށުގައި ނަރުދަމާ ޤާއިމު ކުރުމާއި، ފެނުގެ ނިޒާމު ޤާއިމު ކުރުމަށް ހޭދަކޮށްފައި ވަނީ 230 މިލިއަން ރުފިޔާ އެވެ. އަދި ދަތުރުފަތުރުގެ ނިޒާމަށް ހޭދަކޮށްފައިވާ ކަމަށް ދައްކަނީ، 321.1 މިލިއަން ރުފިޔާ އެވެ.

އަދަދުތައް މި ހުރީ ސާފުކޮށް ފެންނާށެވެ. ރައްްޔިތުންނަށް ފޮނި ހުވަފެނެއް ދައްކައިގެން ވެރިކަަމަށް އައިސް، މުޅިން ވެސް ކުރައްވަނީ ދެކޮޅު ނުޖެހޭ ކަންކަމެވެ. އެހެން ވިޔަސް، އެހެން ހިސާބެއްގައި އެ ވާހަކަތައް ދައްކާލަށް ޤަސްތުކުރާތީ، މިހިސާބުން ކުރުކޮށްލާނަމެވެ. އެކަމަކު ދަންނަވަން އޮތީ އެންމެ ވާހަކަ އެކެވެ. ތަރައްޤީ އަށް ކޮށްފައިވާ ހޭދަ ބިލިއަނުން ދަށްވެއްޖެ އެވެ. އެހެން ވިޔަސް، ސިޔާސީ މަޤާމުތަކާއި، ދައުލަތުގެ މުސާރަ އަށް ކޮށްފައިވާ ހޭދަ، މިލިއަނުން މަތިވެއްޖެ އެވެ.

ކޮމެންޓް