އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
އިންޑިއާ ސަރުކާރުން ވަނީ އެ ރަސްމިއްޔާތަށް ރަސްމީކޮށް އެމަނިކުފާނަށް ދައުވަތު އަރުވާފައެވެ. މި ދަތުރުފުޅާޢި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ސަރުކާރުން ހާމައެއް ނުކުރައްވައެވެ.
މި ދަތުރުފުޅު ވެގެންދާނީ ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ރަސްމީ ހައިސިއްޔަތެއްގައި ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅަށެވެ.
މޯދީ ތިންވަނަ ދައުރެއް ކަށަވަރުކުރެއްވުމާއެކު އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ލީޑަރުންގެ ތެރޭގައި ވެސް ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ދެގައުމުގެ ހަމަޖެހުމާއި ތަރައްގީއާއި ހަމަޖެހުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސަށް ޝުކުރު އަދައިކުރައްވައި މޯދީވަނީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް އިންޑިއާގެ މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް، އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.