ކ. މާލެ
|
7 ޖޫން 2024 | ހުކުރު 11:52
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގެ ތެރެއިން
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގެ ތެރެއިން
ގޫގުލް
ޔޫރޯ 2024
ހެންރީ ޑެލައުނޭ ހިޔާލުގައި ކުލަޖެހި، ބަލާމީހުންގެ އަދަދު 5 ބިލިއަނަށް
ޑެލައުނޭ ނިޔާވީ ވުޖޫދުކުރި ހިޔާލުގައި ކުލަޖެހުމުގެ ކުރިން

ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ގިނަ ބަޔަކަށް މިނީ ވޯލްޑްކަޕެކެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 1960 ވަނަ އަހަރު އެވެ. ބައިވެރިވީ ހަތަރު ގައުމަކުންނެވެ. އެއީ ޗެކްސްލޮވާކިޔާ އާއި ފްރާންސް އަދި ސޯވިއެޓް ޔޫނިއަން އާއި ޔޫގޯސްލާވިޔާއިންނެވެ. މިއަށްފަހު 1980 ވަނަ އަހަރު މުބާރާތުގައި ކުޅޭ ގައުމުތައް އަށަކަށް އިތުރުވި އެވެ. މިހާރު މުބާރާތުގައި ކުޅެނީ ކޮލިފައިވެގެން އަންނަ 24 ގައުމަކުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް 1960ގައި ފެށި ނަމަވެސް މި ހިޔާލު އޮތީ މާކުރީގަ އެވެ. ޔޫރަޕުގެ ގައުމުތަކުގެ މެދުގައި މުބާރާތެއް ބޭއްވުމުގެ ހިޔާލު ފުރަތަމަ ހުށަހެޅީ ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ސެކްރެޓަރީ ހެންރީ ޑެލައުނޭ އެވެ. އެއިރު ތަރުހީބުކުޑަވިޔަސް ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ކަމަށް އޭނާ އައްޔަންކުރި ހިސާބުން މި ހިޔާލު ވަރަށް ބޮޑަށް ތަރައްގީކުރި އެވެ. އެކަމަކު ފުރަތަމަ މުބާރާތް ފެށުމުގެ ކުރިން އޭނާ ނިޔާވެއްޖެ އެވެ. މިހެންވެ އޭނާގެ ހަނދާނުގައި ޔޫރޯގެ ޗެމްޕިއަން ޓްރޮފީގެ ނަމަކީ ހެންރީ ޑެލައުނޭ ޓްރޮފީ ކަމުގައި ހަމަޖެއްސި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބާނީ ހެންރީ ޑެލައުނޭ - ގޫގުލް

މިކަން ބަދަލުކޮށް، ޔޫރަޕުގެ ޗެމްޕިއަނުންގެ ތަށި، މި ނަމަށް ބަދަލުކުރީ 2008 ވަނަ އަހަރުގެ މުބާރާތާ ހަމައިން، ތަށި އަލުން ފަރުމާކޮށްގެންނެވެ. މިއީ ޔޫއޭފާއިން އިންތިޒާމްކުރާ މުބާރާތްތަކަށްވުރެ ޔޫރޯ ތަށީގެ ހައިބަތު ކުޑަވާތީވެ ގެންނަން ނިންމި ބަދަލެކެވެ. ކުރި ކަމަކީ ތަށީގެ ސައިޒު ބޮޑުކޮށް، ބަރުދަން އިތުރުކުރީ އެވެ. މިހާރު ދެމުން އަންނަ ތަށި ތައްޔާރުކޮށްފައިވަނީ ސްޓާލިން ސިލްވާއިންނެވެ. ބަރުދަމުގައި 8 ކިލޯ ހުރެ އެވެ. ދިގު މިނަކީ 60 ސެންޓި މީޓަރެވެ. މުބާރާތުގ ޗެމްޕިއަންކަން ހޯދާ ކޮންމެ ގައުމެއްގެ ނަން ތަށީގެ ފުލުގައި ވަނީ ކަނޑައި ނަގައިފަ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ދެ ގައުމަކީ ޖަރުމަނާއި ސްޕޭނެވެ. ކޮންމެ ގައުމަކުން ވެސް ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފި އެވެ. އެކަމަކު ސްޕޭނަކީ ތަށި ދިފާއުކުރި ހަމައެކަނި ގައުމެވެ. ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ބާއްވާ މުބާރާތް އެ ގައުމުން ދިފާއު ކުރީ 2008ގައި ތަށި ހޯދުމަށްފަހު 2012ގަ އެވެ. މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނައިން މޮޅުވީ ޖަރުމަނެވެ. އެއީ 53 މެޗު ކުޅެ 28 މެޗަކުން މޮޅުވެގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގެ ތެރެއިން - ގޫގުލް

ކައިރި މާޒީގައިގައި ޔޫރޯ އަށް އައި އެންމެ ބޮޑު ބަދަލަކީ މުބާރާތުގެ މަގުބޫލުކަން ބޮޑުވުމެވެ. ޓީވީ ކަވަރޭޖް އިތުރުވުމެވެ. މުބާރާތަށް ލިބޭ ފައިސާގެ އަދަދު އިތުރުވުމެވެ. 2016 ވަނަ އަހަރު ބޭއްވި މުބާރާތް އެކަނި ވެސް 2 ބިލިއަން މީހުން ބެލި އެވެ. ދުވަހުން ދުވަހަށް މުބާރާތުގެ މަގުބޫލުކަން ބޮޑުވާ ސަބަބަކީ ދެކުނު އެމެރިކާ އާއި އޭޝިޔާގެ މީހުން ޔޫރޯ އަށް ދެމުން އަންނަ ސަމާލުކަމެވެ. އަންނަ ހުކުރުން ފެށިގެން ޖުލައި 14ގައި ނިންމަން ޖަރުމަނުގައި ފަށާ މުބާރާތް ފަސް ބިލިއަން މީހުން ބަލާނެ ކަމަށް އަންދާޒާކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް