ހއ. ހޯރަފުށީގައި ހިންގަމުންދިޔަ ހާފްވޭ ހައުސް އުވާލުމަށްފަހު އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.
އެކަން ހާމަކޮށް މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު މުވައްޒަފުންނަށް ފޮނުވި ސިޓީ އެއް ރާއްޖެ އެމްވީ އަށް ވެސް ވަނީ ލިބިފައެވެ.
އެ ސިޓީގައި ބުނެފައިވަނީ ހޯރަފުށީގެ ހާފްވޭ ހައުސް އުވާލީ އެ ހިދުމަތް ދޭނެ ކުދިން ނެތުމުން ކަމަށެވެ. މީގެއިތުރުން، މީގެ ކުރިން ހާފްވޭހައުސް ހިންގި އިމާރާތް ޖުވެނައިލް ރެޒިޑެންޝިއަލް ސެންޓަރަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެތަނުގެ މުވައްޒަފުން ވަކި ކުރަނީ ސިވިލް ސަރވިސް ކޮމިޝަންގެ ލަފާގެ މަތިން ކަމަށެވެ. އެހެންކަމުން ހާފްވޭ ހައުސްގެ ދާއިމީ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ސިވިލް ސަރވިސް ގަވާއިދު 2014 ގެ 223 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކަމަށް ވަނީ ބުނެފައެވެ. ސީއެސްސީގެ ލަފަޔާއި އެކު މުވައްޒަފުން ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު އެއް އަހަރަށް ވުރެ މަދުނަމަ، އެއް މަސްދުވަހުގެ ނޯޓިސް އަކާއި އެކު ވަކިކުރުމަށް ވަނީ ނިންމާފައެވެ.
އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ ހޯމް މިނިސްޓަރީގެ ޑިރެކްޓަރ ޖެނެރަލް (އެކްޓިން ޕާމަނަންޓު ސެކްރެޓަރީ) އަހުމަދު ޝަރީފް ނަފީސްއެވެ.
ހޯރަފުށީ ހާފްވޭހައުސްއަކީ މާލެއިން ބޭރުގައި ގާއިމުކުރި އެފަދަ ފުރަތަމަ މަރުކަޒުކަން ފާހަގަކޮށްލެވެއެވެ.
ޚިދުމަތް ދޭނެ ކުދިން ނެތިގެން އެތަން އުވާލާކަމަށް ސަރުކާރުން ބުނި ނަމަވެސް ރާއްޖޭގައި ހުންނަ ހަމައެކަނި ހާފްވޭހައުސް، ހުޅުމާލޭގައި ހުރުމުން ގިނަ ގޮންޖެހުންތަކެއް ދިމާވެއެވެ.