ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 21:37
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ
އަލް ޖަޒީރާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ސްޕެއިންގެ ތާއީދު ފަލަސްތީނަށް، އިޒްރޭލްގެ އިންތިހާ ރުޅި ސްޕެއިނަށް
ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށްފަހު، އިޒްރޭލާ ދެކޮޅަށް އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށްވެސް ސްޕެއިން އިން ވަނީ ވަދެފަ

ސްޕެއިނުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށްފަހު، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ އާ މެޑްރިޑްގައި ބައްދަލު ކުރައްވައިފިއެވެ.

ދެ ބޮޑުވަޒީރުންގެ މި ބައްދަލު ކުރެއްވުމުގައި ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސޫދް އާއި ގަތަރުގެ ބޮޑު ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އައް ތާނީ ތުރުކީ ވިލާތާއި ޖޯޑްންގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި ފަލަސްތީންގެ ބޮޑުވަޒީރު ވަނީ ފަލަސްތީން ރައްޔިތުންގެ ނަމުގައި ސްޕެއިންގެ މި ތާރީޚީ ނިންމުމަށް މަރުހަބާ އާއި ޝުކުރު އަދާ ކުރައްވާފައެވެ. ބޮޑު ވަޒީރު މުސްތަފާ ވިދާޅުވީ، ސްޕެއިނުން ފަލަސްތީން ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ފަލަސްތީން ރައްޔިތުން އިންސާފާ ސުލްހަ ހޯދުމަށް ކުރަމުންދާ މަސައްކަތައް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ.

ފަލަސްތީންގެ މިނިވަން ކަމަށް ތާއީދު އިތުރުވާތީ އިޒްރޭލުގެ ނުރުހުމާ ރުޅި ހާމަ ކުރަމުން ދަނިކޮށް ސްޕެއިންގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ އަޔަލޭންޑާއި، ނޯވޭ އަދި ސްލޮވީނިއާ ވެސް ވަނީ ފަލަސްތީން ބަލައިގަތުމުގައި ސްޕެއިންއާ ބައިވެރިވެފައެވެ.

އިޒްރޭލްގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް ވަނީ ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް އަށް ޓެގް ކުރައްވާ "ހަމާސް އިން ތިޔަ ދިން ޚިދުމަތައް ވަރަށް ޝުކުރު އަދާކުރޭ" މިގޮތަށް "އެކްސް" ގައި ލިޔުއްވާފައިވެއެވެ.

ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސްޕެއިނުން ނިންމުން އެކަން އިޒްރޭލްގެ ޚާރިޖީ ވަޒީރު ސިފަ ކުރެއްވީ ސްޕެއިނުން ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށާއި، ޔަހޫދީ ނަސްލު ނައްތާލަން ވާގިވެރިވަނީ ކަމަށެވެ.

މިއަދު ޔަހޫދީންނަށް ވަނީ މިނިވަން މުސްތަގިއްލު ދައުލަތެއް ލިބިފައި، އެއްވެސް ފަރާތަކަށް އަހަރެމެންގެ ދީން ބަދަލު ކުރާކަށް މަޖުބޫރެއް ނުކުރެވޭނެ، އަހަރެމެން ދެމި ތިބުމަށް ނުރައްކަލެއް ނުކުރެވޭނެ، އަހަރެމެންނަށް އަނިޔާ އެއް ދީފި ކޮންމެ ފަރާތަކަށް އަހަރެމެންވެސް އަނިޔާވެރި ވާނަން.
އިޒްރޭލްގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް

ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސްޕެއިން އާއި އިޒްރޭލްގެ ގުޅުން ދުވަހަކުވެސް ނުދާހާ ދަށަށް މިހާރު ވަނީ ގޮސްފައިވައެވެ. ދެ ގައުމުގެ ގުޅުން ގޯސްވެ ދެ ގައުމުން ވެސް ވަނީ އެ ގައުމުތަކަށް ނިސްބަތްވާ ސަފީރުން އަނބުރާ ގައުމަށް ގެނެސްފައެވެ.

ސްޕެއިން އާ މެދު އޮތް ނުރުހުން ދެއްކުމުގެ ގޮތުން އިޒްރޭލުންވަނީ ޖެރުސަލަމް ގައި ހުންނަ ސްޕެއިންގެ ކޮންސިއުލޭޓުން ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ހުއްޓާލުމަށްވެސް އަންގާފައެވެ.

ޣައްޒާ-މިސްރު ބޯޑަރު އިސްރާއީލުން ހިފުމާއެކު ހަނގުރާމަ ވަނީ އިތުރަށް ވަރުގަދަ ކޮށްފައި

މިކަންކަން މިހެން ހިނގަމުން ދަނިކޮށް ސްޕެއިނުންވަނީ އިޒްރޭލުން ގާޒާގައި ގަތުލުއާއްމު ހިންގި ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނު އެފްރިކާ އިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް އިޒްރޭލާ ދެކޮޅަށް ވަކާލާތު ކުރުމަށް ބައިވެރިވި ކަން ބުރާސްފަތި ދުވަހު އިއުލާން ކޮށްފައެވެ. މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިކަމުގެ ސަބަބުން އިޒްރޭލުގެ ރުޅި އިތުރަށް ގަދަ ވެގެން ދާނެއެވެ.

ދެކުނު އެފްރިކާއިން އައިސީޖޭ އަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަތް ފުރަތަމަ ވިލާތުގެ ގައުމަކީ ސްޕެއިންއެވެ.

ސްޕެއިން ފާހަގަ ކުރެވިފައިވަނީ ފަލަސްތީންގެ މައްސަލައިގައި ފަލަސްތީނުގެ މިނިވަން ކަމަށް ވަކާލާތު ކުރަމުން އައިސްފައިވާ ގައުމެއްގެ ގޮތުގައެވެ.

ސްޕެއިންގެ ޚުދުމުޚުތާރު ވެރިޔާ ޖެނެރަލް ފްރޭންސިސްކޯ ފްރޭންކޯ 1975 ވަނަ އަހަރު މަރުވި ފަހުން އެގައުމުގައި އުފެދުނު ކޮންމެ ސަރުކާރަކުންވެސް އައީ ފަލަސްތީންގެ މިނިވަން ކަމަށް ތާއީދު ކުރަމުންކަން ފާހަގަ ކުރެވެއެވެ.

ސްޕެއިންގެ އާއްމު ރައްޔިތުން ފަލަސްތީން މައްސަލައިގައި ދެކޭ ގޮތް ބެލުމަށް ހެދި ސާވޭ އަކުން އެގައުމުގެ 78 އިން ސައްތަ މީހުން ފަލަސްތީންގެ މިނިވަން ކަމަށް ތާއީދު ކޮށްފައިވެއެވެ. ނުފެންނަ ކަމަށް ބުނެފައިވަނީ 18 އިން ސައްތަ މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް