ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 17:14
މަސްޖިދުލް ހަރާމް - ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރަނީ
މަސްޖިދުލް ހަރާމް - ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރަނީ
ހަރަމައިންއިންފޯ
މަގޭ ރިޕޯޓް
ހައްޖު ވެރިންނަށް ދިވެހި ރަހަތައް ލެއްވުން: އަލަށް ކުރާކަމެއްތަ؟
 
ދިވެހި ހައްޖުވެރިންނަށް ކުރިންވެސް ކައްކަނީ ދިވެހިން

މިސަރުކާރަކީ އިސްތިހާރުގެ ސަރުކާރެކެވެ. މާ ބޮޑަށް ކަންކަން މީހުންނަށް ދައްކައިދޭން މަސައްކަތް ކުރާ ސަރުކާރެކެވެ. އެމްއޯޔޫއެއްގައި ސޮއި ކުރިއަސް އެއީ ބޮޑު ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ފެށުންފަދަ އެއްޗެއްގެ ގޮތުގައި ދައްކުވައެވެ. މިނިސްޓަރަކު މިނިސްޓަރަކާ ބައްދަލު ކުރިއަސް އަދި ވަޒީރަކު އެވުޒާރާއެއްގެ އެތެރޭގެ ބައްދަލުވުމެއް ބޭއްވިއަސް ނޫސްތަކުގެ ފަލަ ސުރުހީއަށް އެހަބަރެއް އަރުވައެވެ.

އެބީދައިން މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން ފުރުމާއެކުވެސް އިވުނީ އެފަދަ ވާހަކަ ތަކެކެވެ. މާބޮޑު ކަމެއް ކުރަން ފަށާތީ އެކަމެވެ. "ދިވެހި ހައްޖު ވެރިންނަށް ދިވެހި ރަހަތައް ލައްވައި ދެނީއްޔޯލައެވެ."

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އަދި ހައްޖަށް ނުގޮސް ހުރި މީހަކަށް އެއީ ވަރަށް ބޮޑު ހަބަރަކަށް ވެދާނެއެވެ. މުޅިން އާ ކަމަކަށް ވެދާނެއެވެ. ހީވާ ހީވުމަށް އެއީ އެކޯޕަރޭޝަނުން މުޅިން އަލަށް ކުރާ ކަމަކަށްވެސް ވެދާނެއެވެ. އާ ސަރުކާރުގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައިވެސް ބަޔަކަށް ހީވެދާނެއެވެ. އެހާވަރަށް ސަރުކާރުން އެވާހަކަ ދައްކައިފިއެވެ.

އެކަމަކު ނިކަން ވިސްނާލަބަލާށެވެ. މިއީކީ މިސަރުކާރުން އަދި ނިމިދިޔަ ސަރުކާރުން އަލަށް ކުރާ ކަމެއް ނޫނެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސްހުރި މީހަކަށް މިކަންކަން ސާފުވާނެއެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުން އާއްމުކޮށް ތިބެނީ ހަރަމްފުޅާ ކައިރި ހޮޓަލެއްގައެވެ. ހަމަ ގައިމުވެސް މިދިޔައަހަރު ތިބީ އެފަދަ ހޮޓަލެއްގައެވެ. އެއީ ތަނަވަސް ބޮޑު ހޮޓަލެކެވެ. ލޮބީ ތެރޭގައި ޖަލްސާ ބާއްވާ ދީނީ އިލްމުވެރިންގެ ނަސޭހަތްތައް ކޮންމެ ރެއަކު ބާއްވައެވެ. ހަރަމްފުޅަށްދާން ދަތި ދެޖިންސުގެ މީހުންނަށް ނަމާދު ކުރެވޭނޭ ބޮޑު ހޯލެއް ހާއްސަ ކޮށްފައި އޮވެއެވެ. ހުރިހާ ވަގުތެއްގައި ޖަމާއަތުގައި ނަމާދުކޮށް ރޭގަނޑާ ހަވީރު ދީނީ ނަސޭހަތްދީ ހަދައެވެ.

ހޮޓަލަށް އަންނަ ހައްޖުވެރިއާއަށް މަރުހަބާ ކިއުމުގެ ގޮތުން މުސައްލައަކާއި ތަސްބީހައެއް ހިމެނޭ ހަދިޔާއެއް ފޯރުކޮށްދެއެވެ. މިއަހަރު އެކަންވެސް ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރިއަސް މިދިޔަ ސަރުކާރުގައި މިދިޔަ އަހަރުވެސް އެއީ ކަން ހިނގި ގޮތެވެ.

ހައްޖުވެރިންނަށް ކާންދެނީ ދިވެހި ކައްކާއިން ތައްޔާރުކުރާ ދިވެހި ރަހަތަކުގެ ދިވެހި ކެއުންތަކެވެ. ރިހާކުރާއި، ތެލުލި ފަތާއި، މަސްމިރުސް ފަދަ ތަކެތި މަދުނުވާވަރަށް ކޯޕަރޭޝަނުން ގެންގޮސް ހައްޖުވެރިންގެ ކެއުންތަކުގައި ހިމެނިއެވެ. ހަވީރު ސަޔަށް ކޮންމެ ދުވަހަކު ނޫނަސް ދިވެހި ރަހަތަކުގެ ހެދިކާތައް ހަދަނީ ކޯޕަރޭޝަނުން ގޮސްތިބޭ ދިވެހި ކައްކާއިންނެވެ. އެއީ މިދިޔަ އަހަރުވެސް އޭގެ ކުރީއަހަރު ތަކުގައިވެސް ކަންކުރާ ގޮތެވެ. މިނާގައިވެސް ކެއުން ތައްޔާރު ކުރުމަށް ހަވާލުކޮށްފައި ހުންނަ ކުންފުނިން ގެންނަ ކާއެއްޗެހީގެ އިތުރުން ރިހާކުރާއި، ވަޅޯމަހާއި، ތެލުލިފަތާއި، ފިޔާ މިރުސް ފަދަ ތަކެތި މަދުނުވާވަރަށް ހައްޖުވެރިންނަށް ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދެއެވެ.

ދެން އޮތީ މިސަރުކާރުން މިއަހަރު އަލަށް ކުރި ކަމެއްގެ ގޮތައް ސިފަވާގޮތައް މީޑިޔާތަކުގައި ވާހަކަ ދެއްކި ހައްޖުވެރިންގެ އަތުގައި އަޅުވާ "ޓެގު" ނުވަތަ ޓްރެކިންގ ޑިވައިސްއެވެ. ހައިރާނެއް އަޅެ ނުވާނެ ހެއްޔެވެ. އެއީވެސް މިދިޔައަހަރު ބޭނުންކުރި ޑިވައިސްއެކެވެ. މިނާއިން ގެއްލިގެން ހޯދަމުން ދަނިކޮށް މައްކާގެ ހޮސްޕިޓަލެއްގައި އޮއްވާ ފެނުނު ހައްޖުވެރިއާ ހޯދީވެސް އެ ޑިވައިސްގެ އެހީގައި އެހޮސްޕިޓަލަށް ކޯޕަރޭޝަންގެ އެހީތެރިން ގޮސްގެނެވެ. އޭގެ އިތުރުންވެސް އެތައް ބަޔަކު މަގުއޮޅި ހޮޓަލަށް އަންނަން ދަތިވެފައިވަނިކޮށް އެ ޑިވައިސްގެ އެހީގައި ހޯދާ އެހީތެރިންވަނީ އެމީހުން ހޮޓަލަށް ގެނެސްފައެވެ.

ކޮންމެއަކަސް ކިތައްމެ ސުރުހީ ފަލަކޮށްފައި ނޫސްތަކުގައި ލިޔުނަސް އަދި ދެއިރު ދެދަޅައަށް އިންޓަވިއުތައް ދިނަސް އެއީ މުޅިން އަލަށް ކުރާ ކަންކަމެއް ނޫނެވެ. މިހާރުވެސް ކޯޕަރޭޝަންގައި އެހިތެރިންގެ ގޮތުގައި ގޮސްތިބި މީހުންނަށާއި، ކުރީއަހަރު ތަކުގައި ގޮސްތިބި މީހުންނަށާއި، އެކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާކޮށް އައިސްތިބި ދިވެހި ހާޖީންނަކަށް މިއީ އާ ވާހަކައަކަށް ނުވާނެވެ. ބަޔަކަށް އާ ކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން އުޅުނަސް މިއީ އެންމެން ދަންނަ ބާ ވާހަކައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް