ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 09:51
ޖަރުމަނު ޤައުމީ ޓީމަށް ކުޅެމުން އަންނަ ވާޓްޒް
ޖަރުމަނު ޤައުމީ ޓީމަށް ކުޅެމުން އަންނަ ވާޓްޒް
ރޮއިޓާސް
ބަޔާ ލެވަކޫސަން
އެއްބަސްވުމުގެ ވާހަކައިގެ ބަދަލު، ވާޓްޒްގެ ވިސްނުން އޮތީ ޔޫރޯ އަށް!
ޖަރުމަނުން ޔޫރޯ އަށް އެކުލަވާލި ސްކޮޑުގައި ވާޓްޒް ހިމަނަން ޤައުމީ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ ނިންމާފައި

ބަޔާ ލެވަކޫސަނާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، މިވަގުތު ވިސްނުން ހުރީ އަމިއްލަ ޤައުމުގައި މި މަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ކަމަށް ޖަރުމަނުގެ ފްލޯރިއަން ވާޓްޒް ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ވާޓްޒް، 2020 ވަނަ އަހަރު އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް ލެވަކޫސަން އިންނެވެ. އެ ކުލަބާއެކު ވާޓްޒް އެންމެ ފަހުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން، އެ އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބަ އޮތެވެ.

ވާޓްޒް ހޯދުމުގެ ޝައުޤުވެރިކަން ބައެއް ކުލަބުތަކުން ގެން ގުޅޭ ކަމުގައި މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވާޓްޒް ބުނީ، އަންނަ ސީޒަންގައި އޭނާ ކަންތައް ކުރާނެ ގޮތުގެ ސުވާލު ވަރަށް ބޮޑަށް ކުރެވެމުންދާ ކަމަށެވެ. ވާޓްޒް ފާހަގަ ކުރި ގޮތުގައި މިހާރު އޭނާގެ އެއްބަސްވުން އޮތް ގޮތް އެންމެނަށް ވެސް އިނގޭނެ އެވެ. އެހެންކަމުން މިއީ އެއްބަސްވުމުގެ ވާހަކަ ނުވަތަ މުސްތަޤުބަލުގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމުގައި ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ވާޓްޒް ބުނީ، ލެވަކޫސަންގައި އޭނާ ހުރީ އުފަލުން ކަމަަށެވެ. އަދި މިވީހާ ތަނަށް އެ ކުލަބުގައި އޭނާ ހޭދަކޮށްފައި ވަނީ އުފާވެރި ވަގުތުތަކެއް ކަމަށް ވެސް ވާޓްޒް ބުންޏެވެ. އެހެން ނަމަވެސް، މިވަގުތު އޭނާގެ މުޅި ވިސްނުންް ހުރީ ޔޫރޯ އަށް ކަމަށް ވެސް ވާޓްޒް ވަނީ ބުނެފަ އެވެ. މަސައްކަތް ކުރާނީ ޔޫރޯގައި ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށް އޭނާ ބުންޏެވެ.

ވާޓްޒް އަށް އެންމެ ފުރަތަމަ ޖަރުމަނު ޤައުމީ ޓީމުން ޖާގަ ލިބުނީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕަށް ޖަރުމަނުގެ ޓީމުގައި އޭނާ ހިމަނަން ކޯޗު ހަންސީ ފްލިކް ބޭނުންވި އެވެ. ނަމަވެސް ކަކުލުގެ އަނިޔާއެއްގެ ސަބަބުން ވާޓްޒް އަށް އެ މުބާރާތުގައި ނުކުޅެވުނެވެ. ޖަރުމަނުން ޔޫރޯ އަށް އެކުލަވާލި ސްކޮޑުގައި ވާޓްޒް ހިމަނަން ޤައުމީ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ ނިންމައިފަ އެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 17 މެޗު ކުޅެދީ، އެއް ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް