ކ. މާލެ
|
5 ޖޫން 2024 | ބުދަ 10:20
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ބާޒާރުމަތީގައި
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ބާޒާރުމަތީގައި
މުހައްމަދު ޝަރުހާން
ބިދޭސީންގެ ފީތައް
ބިދޭސީންގެ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް ސަސްޕެންޑްކުރަނީ
ޖޫން 18ގެ ނިޔަލަށް ފީތަކާއި ޖޫރިމަނާ ނުދައްކާ ފަރާތްތައް ސަސްޕެންޑް ކުރެވޭނެ
102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭކަމަށް ބެލެވޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި

ބިދޭސީންގެ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް ސަސްޕެންޑްކުރާނެ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ބުނީ ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި ޤަވާއިދު ނަންބަރު 2023/R-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ޤަވާއިދު) ގެ ދަށުން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާ ނުދައްކާ ހުރި އަދަދު ބިލިއަނަކަށް ވުރެ އިތުރުވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދެންނެވުނު ޤާނޫނާއި ޤަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭކަމަށް ބެލެވޭ 1،765،704،400 (އެއް ބިލިއަން ހަތްސަތޭކަ ފަސްދޮޅަސް ފަސް މިލިއަން ހަތްލައްކަ ހަތަރުހާސް ހަތަރުސަތޭކަ) ރުފިޔާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، 2024 ޖޫން 18 ވަނަ ދުވަހުގެ ކުރިން، ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ވަޒީފާދޭ ފަރާތައް ޤާނޫނުން ލާޒިމްކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ވަނީ އަންގާފައެވެ. އަދި 2024 ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިޢުލާނު ކުރުމާއިއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

- ކޮމެންޓް