ކ. މާލެ
|
5 ޖޫން 2024 | ބުދަ 06:15
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި ކުރިން އެ ޓީމަށް ކުޅުނު އެމްބާޕޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި ކުރިން އެ ޓީމަށް ކުޅުނު އެމްބާޕޭ
ރޮއިޓާސް
ޕީއެސްޖީ
އެމްބާޕޭ ބުނީ، އޭނާ ސަލާމަތްކޮށްދިނީ އެންރީކޭ އަދި ކަމްޕޯސް ކަމަށް!
މިދިޔަ ސީޒަން ފެށުމާއެކު، ޕީއެސްޖީގެ އެއްވެސް މެޗެއްގައު އޭނާ އަށް ނުކުޅެވޭނެކަން ކުލަބުން އެންގި

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން ނިންމުމުން، ކުލަބުގެ ފަރާތުން އެތަކެއް އުނދަގޫތަކެއް ކުރިމަތިވި ކަމަށް، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާާޕޭ ބުނެފި އެވެ.

ޕީއެސްޖީ އާއެކު އެމްބާޕޭ ސޮއި ކޮށްފައި އޮތް އެއްބަސްވުން ނިމުނު ސީޒަންގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެއްބަސްވުން އައު ނުކުރާނެކަން ޕީއެސްޖީ އަށް އަންގައިފަ އެވެ. ޕީއެސްޖީގެ އެއްބަސްވުން އެމްބާޕޭ އައު ނުކުރުމުން، އެ ކުލަބުން ވަނީ އޭނާއާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އަޅައިފަ އެވެ.

އެގޮތުން ޕީއެސްޖީގެ ފުރަތަމަ ޓީމުގެ ފަރިތަކުރުންތަކުގައި އެމްބާޕޭ ބައިވެރި ނުކުރާން އެ ކުލަބުން ނިންމި އެވެ. އޭގެ ބަދަލުގައި އެމްބާޕޭ އައީ ޓީމާ ވަކިން ފަރިތަކުރަމުންނެވެ. ޕީއެސްޖީން އެމްބާޕޭ އަށް އެންގީ، އެ ކުލަބުގައި އިތުރަށް ކުޅެން ބޭނުންވާ ނަމަ، އެއްބަސްވުން އައު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޕީއެސްޖީ އާއި އެމްބާޕޭއާ ދެމެދު މަޝްވަރާ ކުރުމަށްފަހު ފަހުން ވަނީ މައްސަލަ ފިނި ކޮށްފަ އެވެ.

ޕީއެސްޖީ ދޫކޮށްލުމަށްފަހު އެމްބާޕޭ ވަނީ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމައިފަ އެވެ. ރެއާލުން ވަނީ އެމްބާޕޭ އެ ކުލަބަށް ސޮއި ކޮށްފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. ރެއާލްގައި އެމްބާޕޭ ކުޅޭނެ ފުރަތަމަ މެޗަކަށް ވާނީ، އަންނަ އޯގަސްޓު މަހު ކުޅޭ ޔުއެފާ ސުޕަ ކަޕްގެ ފައިނަލް އެވެ.

ރެއާލަށް ބަދަަލުވިކަން ރަސްމީކޮށް އިއުލާން ކުރުމަށްފަހު، މީޑިއާތަކާ ބައްދަލުކޮށް ދެއްކި ވާހަކައިގައި އެމްބާޕޭ ވަނީ ޕީއެސްޖީން އޭނާއާ މެދު ކަންތައް ކުރި ގޮތުގެ ވާހަކަ ދައްކައިފަ އެވެ. އެމްބާޕޭ ބުނީ، މިދިޔަ ސީޒަން ފެށުމާއެކު، ޕީއެސްޖީގެ އެއްވެސް މެޗެއްގައު އޭނާ އަށް ނުކުޅެވޭނެކަން ކުލަބުން އެންގި ކަމަށެވެ. އަދި އެ އެންގުން އެންގީ، ސީދާ އޭނާގެ މޫނު މައްޗަށް ކަމަށް ވެސް އެމްބާޕޭ ބުންޏެވެ.

މީގެ އިތުރުން އެމްބާޕޭ ބުނީ، އޭނާ އަށް ކުރިމަތި ކަންކަމުގައި އޭނާ އަށް އެހީތެރިވެދިނީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އާއި ސްޕޯޓިން ޑައިރެކްޓަރު ލުއިސް ކަމްޕޯސް އެވެ. އެންރީކޭ ބުނީ، އެ ދެ މީހުން ވެސް އޭނާ އަށް ވަރަސް ބޮޑަށް ހިތްވަރު ދިން ކަމަށާއި، އެމީހުން ބެހެއްޓި ގާތް ކަމަށް ޝުކުރު އަދާ ކުރަން ވެސް ބޭނުންވާ ކަމަށެވެ.

އެމްބާޕޭ އަކީ ޕީއެސްޖީގެ ތާރީޚުގައި ވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އެމްބާޕޭ ވަނީ އޭނާ ޕީއެސްޖީ އަށް ކުޅެދިން 308 މެޗުން 256 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ އާއެކު އެމްބާޕޭ ގިނަ ތަށިތަކެއް ކާމިޔާބު ކޮށްފައިވާއިރު، އޭނާ އެންމެ ބޭނުންވި، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވެ އެވެ. އެ މުބާރާތުގެ ފައިނަލްގައި ޕީއެސްޖީން ކުޅުނުއިރު، އެ އަހަރުގެ ފައިނަލްގައި ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް