ކ. މާލެ
|
5 ޖޫން 2024 | ބުދަ 06:12
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ކެވިން ޑި ބްރޭނާ
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ކެވިން ޑި ބްރޭނާ
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
ސައުދީގެ ހުށަހެޅުމެއް އޮތް ކަމުގެ އަޑުތަކާއެކު، ޑި ބްރޭނާ ބުނީ ކުރިމަގާ މެދު ޖެހޭނީ ވިސްނަން ކަމަށް!
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޑި ބްރޭނާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައި ވަނީ ސައުދީގެ ދެ ކުލަބަކުން

ކުރިމަގާ މެދު ޖެހޭނީ ވިސްނަން ކަމަށް، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން ޑި ބްރޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، ޑި ބްރޭނާގެ ކުރިމަގާ މެދު އޭނާ މިހާތަނަށް ވަކި ނިންމުމެއް ނިންމާފައެއް ނެތެވެ. އަދި ޑި ބްރޭނާއާ މެދު ކަންތައް ކުރާނެ ވަކި ގޮތެއް ސިޓީން ވެސް ނުނިންމަ އެވެ.

އެހެން ނަމަވެސް އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ސިޓީން ޑި ބްރޭނާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ކުޑަ އެވެ. އޭގެ ބަދަލުގައި ސިޓީން ބޭނުން ވަނީ ޑި ބްރޭނާ ވިއްކާލަން ކަމަށް ވެސް ވަނީ މީޑިއާ ތަކުގައި ރިޕޯޓުކޮށްފަ އެވެ. އެހެން ނަމަވެސް، އެކަމުގައި ސިޓީން ގޮތެއް ނިންމާނީ ޑި ބްރޭނާ އާއެކު ވެސް މަޝްވަރާ ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެކަމާ ގުޅިގެން މީޑިއާއަކާ ވާހަކަ ދައްކަމުން ޑި ބްރޭނާ ބުނީ، ސައުދީ އަރަބިޔާގައި އޭނާ ދެ އަހަރު ވަންދެން ކުޅެފި ނަމަ، އާމްދަނީގެ ގޮތުގައި އޭނާ އަށް ބޮޑު އަދަދެއް ލިބޭނެ އެވެ. އެހެން ނަމަވެސް، އޭގެ ކުރިން 15 އަހަރު ވަންދެން އޭނާ ފުޓުބޯޅަ ކުޅެން ޖެހޭ ކަމަށާއި، އަދި އެ ހިސާބަށް ނުދެވިދާނެ ކަމަށް ވެސް ޑި ބްރޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޑި ބްރޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ކަންތައް ވާނެ ގޮތަކާމެދު ވިސްނަން ވެސް ޖެހޭނެ ކަމަށެވެ. ސައުދީން އޭނާ އަށް ހުށަހެޅުމެއް ލިބިފައިވޭތޯ ސުވާލު ކުރުމުން ޑި ބްރޭނާ ވަނީ އޭނާ އަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ މިހާރު ހުރި އުމުރުގައި، ގިނަ ކަންކަން އޮންނާނީ ހުޅުވާލެފައި ކަމަށް ވެސް ޑި ބްރޭނާ ބުންޏެވެ.

ޑި ބްރޭނާ ބުނީ، ކެރިއަރުގެ ފަހު ކޮޅަށް އައިއިރު، ދައްކަން ޖެހިފައި އޮތީ އެތައް ބައިވަރު ފައިސާތަކެއްގެ ވާހަކަ އެވެ. އެހެންކަމުން އެކަމާ މެދު ފުންކޮށް ވިސްނަން ޖެހޭނެ ކަމަށް ޑި ބްރޭނާ ބުންޏެވެ. އަދި ޑި ބްރޭނާ ބުނީ، އޭނާ އަށް ފައިދާއެއްވާ ނަމަ، އޭނާގެ އަންހެނުން ހުރީ އެކަމަކަށް އެއްބަސްވާ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް އޭނާގެ އާއިލާއާ ވާހަކަ ދައްކައިގެން ނިންމުމެއް ނިންމާނެ ކަމުގައި ވެސް ޑި ބްރޭނާ ވަނީ ބުނެފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޑި ބްރޭނާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައި ވަނީ ސައުދީގެ ދެ ކުލަބަކުންނެވެ. އެއީ ސައުދީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް ޙިލާލްގެ އިތުރުން، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސިޓީ އަށް ބަދަލުވި ފަހުން ޑި ބްރޭނާ އަންނަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ޑި ބްރޭނާ އަކީ ސިޓީގެ މެދު ތެރޭގައި ވަރަށް މުހިންމު ރޯލެއް އަދާ ކުރާ ކުޅުންތެރިޔެކެވެ. އޭނާ ވަނީ މިހާތަނަށް ސިޓީ އަށް ކުޅެދިން 382 މެޗުގައި 102 ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު ޑި ބްރޭނާ ވަނީ 16 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ހަ ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް