ކ. މާލެ
|
5 ޖޫން 2024 | ބުދަ 06:07
ޗެލްސީގެ ކޯޗުކަމާ ހަވާލުވި މަރެސްކާ
ޗެލްސީގެ ކޯޗުކަމާ ހަވާލުވި މަރެސްކާ
ރޮއިޓާރސް
ޗެލްސީ
ޗެލްސީއާ ގުޅުމަކީ ކޮންމެ ކޯޗަކު ވެސް ބޭނުން ވާނެ ކަމެއް: މަރެސްކާ
ޗެލްސީގައި ތިބި ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއްކަން ފާހަގަކޮށް މަރެސްކާ ބުނީ، އެ ކުޅުންތެރިން އަދި ޗެލްސީގެ އޮފިޝަލުންނާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށް

އިމގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއާ ހަވާލުވުމަކީ ކޮންމެ ކޯޗަކު ވެސް ބޭނުން ވާނެ ކަަމެއް ކަމަށް، ޗެލްސީގެ ކޯޗުކަމާ ހަވާލުވި އެންޒޯ މަރެސްކާ ބުނެފި އެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ، މި ސީޒަނަށްފަހު މަގާމުން ވަކިވާން ނިންމުމުންނެވެ. ޗެލްސީގެ ކޯޗުކަމުން އޭނާ ވަކިވެފައި ވަނީ އެ ކުލަބުގެ ނަތީޖާތައް ދަށްވެ، އޭނާ އަށް ޕްރެޝަރު ބޮޑުވަމުން ދިޔަ ވަގުތެއްގަ އެވެ.

ޗެލްސީގެ ކޯޗުކަމާ އުމުރުން 44 އަހަރުގެ މަރެސްކާ ހަވާލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަަބަށް އިރުޝާދު ދޭނެ އެވެ. މަރެސްކާގެ އިރުޝާދުގެ ދަށުން ޗެލްސީގެ ނަތީޖާތައް ރަނގަޅުވެއްޖެ ނަމަ އިތުރު އެއް ސީޒަނަށް، 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ޗެލްސީއާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން މަރެސްކާ ބުނީ، ޗެލްސީ ކަހަލަ ދުނިޔޭގެ ބޮޑު ކުލަބަކާ ގުޅުމަކީ ކޮންމެ ކޯޗަކު ވެސް ބޭނުން ވާނެ ކަމެއް ކަމަށެވެ. ޗެލްސީގައި ތިބި ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއްކަން ފާހަގަކޮށް މަރެސްކާ ބުނީ، އެ ކުޅުންތެރިން އަދި ޗެލްސީގެ އޮފިޝަލުންނާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށެވެ.

މީގެ އިތުރުން މަރެސްކާ ބުނީ، އޭނާ ބޭނުން ވަނީ ޗެލްސީ ކުރިއަށް އޮތް ހިސާބަށް ގެންދަން ކަމަށާއި، އެންމެން އެކުވެގެން ކުރާ މަސައްކަތުން އެކަން ހާސިލުވާނެ ކަމަށެވެ. މީގެ ކުރިން ޗެލްސީން އެ ކުލަބުގެ ފެންވަރު ދައްކާފައި ވާނެ ކަމަށާއި، ކުރިއަަށް ދާނީ އެ އަޒުމުގައި ކަމަށް ވެސް މަރެސްކާ ބުންޏެވެ. މަރެސްކާ ޤަބޫލު ކުރާ ގޮތުގައި ޗެލްސީގެ ނަތީޖާތައް ރަނގަޅުކޮށް، ކުލަބުގެ އިސްވެރިން އަދި ކުޅުންތެރިން ބޭނުންވާ މިސްރާބުގައި އެ ކުލަބަށް ދަތުރު ކުރެވޭނެ އެވެ.

މަރެސްކާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2021 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭނާ އިރުޝާދު ދިނީ އިޓަލީގެ ޕާމާ އަށެވެ. އެ ކުލަބުގައި ދެ އަހަރު މަސައްކަތް ކުރުމަށްފަހު، ދެން އޭނާ ހަވާލުވީ ލެއިސްޓަރއާ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ލެއިސްޓަރ އަށް އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް