ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 08:48
ޗެލްސީގެ ކޯޗުކަމާ ހަވާލުވި މަރެސްކާ
ޗެލްސީގެ ކޯޗުކަމާ ހަވާލުވި މަރެސްކާ
ރޮއިޓާސް
ޗެލްސީ
ޗެލްސީގެ ކޯޗުކަމާ މަރެސްކާ ހަވާލުވެއްޖެ
ޗެލްސީގެ ކޯޗުކަމާ އުމުރުން 44 އަހަރުގެ މަރެސްކާ ހަވާލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމުގެ މަގާމަށް އިޓަލީގެ އެންޒޯ މަރެސްކާ ހަވާލުވެއްޖެ އެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ، މި ސީޒަނަށްފަހު މަގާމުން ވަކިވާން ނިންމުމުންނެވެ. ޗެލްސީގެ ކޯޗުކަމުން އޭނާ ވަކިވެފައި ވަނީ އެ ކުލަބުގެ ނަތީޖާތައް ދަށްވެ، އޭނާ އަށް ޕްރެޝަރު ބޮޑުވަމުން ދިޔަ ވަގުތެއްގަ އެވެ.

ޗެލްސީގެ ކޯޗުކަމާ އުމުރުން 44 އަހަރުގެ މަރެސްކާ ހަވާލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަަބަށް އިރުޝާދު ދޭނެ އެވެ. މަރެސްކާގެ އިރުޝާދުގެ ދަށުން ޗެލްސީގެ ނަތީޖާތައް ރަނގަޅުވެއްޖެ ނަމަ އިތުރު އެއް ސީޒަނަށް، 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ޗެލްސީން ވަނީ މަރެސްކާ އެ ކުލަބުގެ ކޯޗުކަމާ ހަވާލުވެފައިވާކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

ޗެލްސީއާ ހަވާލުވުމުގެ ކުރިން މަރެސްކާ އިރުޝާދު ދެމުން އައީ ލެއިސްޓަރ ސިޓީ އަށެވެ. އެ ޓީމުގެ ކޯޗުކަމުގެ މަގާމާ އޭނާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން އުވާލުމަށް ޗެލްސީން ވަނީ 10 މިލިއަން ޔޫރޯ ދައްކައިފަ އެވެ.

މަރެސްކާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2021 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭނާ އިރުޝާދު ދިނީ އިޓަލީގެ ޕާމާ އަށެވެ. އެ ކުލަބުގައި ދެ އަހަރު މަސައްކަތް ކުރުމަށްފަހު، ދެން އޭނާ ހަވާލުވީ ލެއިސްޓަރއާ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ލެއިސްޓަރ އަށް އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް