ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 08:47
ރެއާލަށް ކުޅެމުން އަންނަ ލޫކަސް ވަޒްކުއޭޒް
ރެއާލަށް ކުޅެމުން އަންނަ ލޫކަސް ވަޒްކުއޭޒް
ރޮއިޓާސް
ރެއާލް މެޑްރިޑު
ރެއާލްގެ އެއްބަސްވުން ވަޒްކުއޭޒް އައު ކުރަނީ!
ރެއާލުން ވަޒްކުއޭޒް އާއެކު އެއްބަސްވެފައި ވަނީ އިތުރު އެއް އަހަރަށް އޭނާގެ އެއްބަސްވުން އައު ކުރުމަށް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ލޫކަސް ވަޒްކުއޭޒް، އެ ކުލަބާއެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމަށް ނިންމައިފި އެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ރެއާލަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ އެންމެ ފަހުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި މަހުގެ ނިޔަލަށެވެ. ނަމަވެސް ރެއާލުން ބޭނުންވީ އޭނާ އިތުރު މުއްދަތަކަށް އެ ކުލަބުގައި ބެހެއްޓުމަށެވެ.

ވަޒްކުއޭޒް އާއެކު ރެއާލުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. އެގޮތުން، ރެއާލުން ވަޒްކުއޭޒް އާއެކު އެއްބަސްވެފައި ވަނީ އިތުރު އެއް އަހަރަށް އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑު ކުރާނެ އެވެ.

ރެއާލްގައި ހޭދަވި ނުވަ ސީޒަންގެ ތެރޭގައި ވަޒްކުއޭޒް ވަނީ އެ ކުލަބަށް 349 މެޗު ކުޅެދީ، 36 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ 18 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު، ކޮޕާ ޑެލް ރޭ އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

މި ނިމުނު ސީޒަންގައި ވެސް ވަޒްކުއޭޒް ވަނީ ރެއާލަށް ޖުމުލަ 38 މެޗު ކުޅެދީފަ އެވެ. އޭގެ ތެރެއިން 29 މެޗަކީ ސްޕެނިޝް ލީގުގައި އޭނާ ކުޅެފައިވާ މެޗުތަކެވެ. ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް ވަނީ، ވަޒްކުއޭޒް އެކުލަބުގައި މަޑު ކުރަން އެދޭ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އަދި އޭނާގެ ކުޅުމަށް ވެސް އަންޗެލޮޓީ ވަނީ ތައުރީފު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް