ކ. މާލެ
|
3 ޖޫން 2024 | ހޯމަ 15:49
ހައްޖުވެރިންތަކެއް ބަހަށް އަރަނީ
ހައްޖުވެރިންތަކެއް ބަހަށް އަރަނީ
ރާއްޖެ ހައްޖު މިޝަން
ހައްޖަށް މީހުން ގެންދިއުމަށް ނަގާ އަގު
ކުރިއަށް އޮތްތަނުގައި ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ނަގާ އަގު 50،000 ރުފިޔާއަށް ދަށް ކުރާނެ: ޝަކީލު
ކުރިއަށް އޮތްތަނުގައި ހައްޖު ކޯޕްރޭޝަންއަކީ ފައިދާވާ ކުންފުންޏަކަށް ހަދާނަން
ހައްޖު ކޯޕްރޭޝަން ކުރިއެރުވުމަށް ދަނީ ގިނަ މަސައްކަތްތައް ކުރަމުން
ހައްޖަށް މީހުން ގެންދިޔުމަށް މިހާރު ނަގަނީ 69,965 ރުފިޔާ

ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ނަގާ އަގު 50،000 ރުފިޔާއަށް ދަށް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން ކާމިޔާބުކުރާނެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝަކީލް ވިދާޅުވީ، ހައްޖަށް މީހުން ގެންދިޔުމަށް މިހާރު ނަގަނީ 69,965 ރުފިޔާ ކަމަށެވެ. އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުން އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލު ވިދާޅުވީ އަގު ދަށް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ތިން އަހަރު ތެރޭ ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ނަގާ އަގު 50،000 ރުފިޔާއަށް ދަށްކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޝާކީލު ވިދާޅުވީ ހައްޖު ކޯޕްރޭޝަން ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ހައްޖު ކޯޕްރޭޝަންއަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމަށެވެ.

އަޅުގަނޑުމެން މީހުން ހައްޖަށް ގެންދިއުމަށް މިހާރު މިނަގަނީ 69،965 ރ. މިއަގަކީ ރައީސް މުއިއްޒު ވިދާޅުވާ ގޮތުން ދިވެހި ރައްޔިތުންގެ އަތުން އަޅުކަމަށް ނަގަން އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއް. އެހެންވީމަ އެމަނިކުފާނުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ހައްޖަށް މީހުން ގެންދިއުމަށްޓަކައި މި ނަގާ އަގު ކުޑަކޮށްދިނުމަކީ. ހައްޖު ކޯޕްރޭޝަންގެ އެމްޑީ މަގާމަށް އެޕޮއެންޓް ކުރުމަށްޓަކައި އެންމެ ފުރަތަމަ ވެސް އަޅުގަނޑު ގެންގޮސްފައި އެދިވަޑައިގަތީ ހައްޖަށް މީހުން ގެންދާ އަގު ކުޑަ ކޮށްދިނުމަށްޓަކައި ހައްޖު ކޯޕްރޭޝަންއަކީ ފައިދާވާ ކުންފުންޏަކަށް ހައްދަވައިދެއްވާށޭ. ހަމައެގޮތުން ހައްޖު ކޯޕްރޭޝަންއަކީ އަމިއްލަފައިމައްޗަށް ކޮޅަށް ތެދުވެވިފައި ހުރި ފައިދާވާ ކުންފުންްޏަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މިދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް ރާއްޖެއަށް ލިބެނީ 1000 ހައްޖު ކޯޓާއެވެ. މީގެތެރެއިން 50 ކޯޓާ ކަނޑައަޅާފައިވަނީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ދާ ނިކަމެތިންނަށެވެ. ކުރިއަށް އޮތްތަނުގައި ހައްޖު ކޯޓާ އިތުރު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭން 17 ޑިސެންބަރ 2023ގައި ވަނީ ނިންމާފައެވެ. މީގެ ކުރިން އަމަލުކުރަމުން އައީ ދެބައިކުޅަ އެއްބައި މީހުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ގެންދިއުމަށްފަހު، ކޯޓާގެ އަނެއްބައި ދެނީ އަމިއްލަ ޖަމާއަތްތަކަށެވެ. ނަމަވެސް އަމިއްލަ ޖަމާއަތްތަކުން މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ހުއްދަދީފައިވާ މިންވަރަށްވުރެ ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ. ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު، ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިނުދޭ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ސަރުކާރުގެ މިނިންމުމާއެކު، ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން މީހުން ހައްޖަށް ގެންދިއުން ވަނީ ނިމުމަކަށް އައިސްފައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ ޖޫންމަހުގެ 16 ވަނަ ދުވަހެވެ. އޮފިޝަލުންނާއެކު މިއަހަރު ޖުމްލަ 1150 ހައްޖާޖީން ހައްޖަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް