ކ. މާލެ
|
3 ޖޫން 2024 | ހޯމަ 13:47
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރާއްޖެ އެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު
"ސޭޓު އެއްޗެއް ކަނޑާލެވޭކަށް ނެތްތަ؟"، "ރައީސް އެއްޗެއް ކަނޑުއްވާލެވެން ނެތްތޯ؟"
ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ކަރަންޓު ބިލް ބޮޑުވާ ސަބަބު ސާފުކޮށް ނުދިނުމާއި، ޕްރެޝަރ ކުރަން ފެށުމުން ރައީސްގެ ހެޔޮފުޅުކަމުންނޭ ބުނެ ޑިސްކައުންޓު ދޭ އުސޫލު ގެންގުޅުން

މުޅި ސޯޝަލް މީޑިއާ ގައި އޮތީ ކަރަންޓު ބިލު ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެވެ. ކަރަންޓު ބޭނުން ކޮށްފައިވާ މިންވަރު މަދުވި ނަމަވެސް، ބިލުގައި އޮންނަ އަދަދު އެއް މަހުން އަނެއް މަހަށް ބޮޑުވަމުންދާކަމުގެ ޝަކުވާއާ އެކު، ބައެއް އާންމު ރައްޔިތުން މަގު މައްޗަށް ވެސް ނިކުމެއްޖެ އެވެ. އެ ރައްޔިތުންގެ ކަންބޮޑުވުން ފާޅު ކުރުމަށާއި، ޝުޢޫރު ފާޅު ކުރުމަށް އެއްވުމުން، ސަރުކާރުން ވަނީ އެކަމަށް ވެސް ހުރަސް އަޅައިފަ އެވެ.

އެވާހަކަ އެހެން ވަގުތަކަށް ބާއްވާލާނަމެވެ. މިވަގުތަށް ދައްކާލަން މިއުޅެނީ ސަރުކާރުން ކަންތައް ކުރަމުން އަންނަ ގޮތާ ގުޅުވައި، ކުޑަ މިސާލެއް ދަންނަވާލެވޭތޯ އެވެ. މީގެ ކުރީ މަހުގައި ވެސް ކަރަންޓު ބިލު ބޮޑުވެއްޖެ އެވެ. އެއާއެކު ސްޓެލްކޯ އިން ބުނީ، ހޫނު ގަދަ ދުވަސް ވަރަކަށްވާތީ، ކަރަންޓު ބޭނުން ކުރެވޭ މިންވަރު އިތުރުވުމުގެ ސަބަބުން، ބިލު ބޮޑުވީ ކަމަށެވެ. ދެން ބުނީ ކުޑަކޮށް ހެއްވާ ޒާތުގެ ވާހަކަ އެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް މިދުވަސްވަރު ކަރަންޓު ބިލު ބޮޑު ކަމަށެވެ. މީހަކު އަޅެ އަޖައިބެއް ނުވާނެ ހެއްޔެވެ؟

ރުޅި އައިސް ރަތްވެފައި ތިބި ރައްޔިތުން ކުޑަކޮށް ހަމަޖައްސާލުމަށް ސަރުކާރުން ބޮލުގެ އެތިފަހަރެއް ހެދި އެވެ. ކުއްލި އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ބޮޑުވި ކަރަންޓު ބިލަށް ޑިސްކައުންޓު ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމެވި ކަމަށް އިއުލާން ކުރައްވައިފަ އެވެ. އަނެއްކާ އޭގެ އެއް މަސް ދުވަސް ފަހުން މިފަހަރުގެ ބިލު ވެސް ބޮޑުވެފައިވާއިރު، އަނެއްކާ ވެސް ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން ޑިސްކައުންޓު ދެއްވަން ނިންމަވާނީތޯ އެވެ؟

ދަންނަވަންތޯ އެވެ! ރައީސުލްޖުމްހޫރިއްޔާ ނިންމަވައިގެން ޑިސްކައުންޓު ދެއްވަންވީ އެއް ނޫނެވެ! ބިލުގައި އޮންނަ އަދަދު ކުޑަވާނެ ކޮންމެ ވެސް ގޮތެއް ހައްދަވާށެވެ. މި ކަންކަން ރައްޔިތުންނަށް ސާފުކޮށް ބުނެދޭށެވެ. ވައުދުވެގެން އުޅެނީ ޑިސްކައުންޓު ދެއްވާކަށެއް ނޫނެވެ. ކަރަންޓުގެ އަގު ހެޔޮ ކުރުމަށެވެ. އެހެންޏާފަހެ އަގު ހެޔޮ ކުރިޔަސް، ބިލުގައި އޮންނަ އަދަދަށް ބަދަލެއް ނާދެ އެވެ. އެ އަދަދު ވަނީ ހައްތަހާ ވެސް ބޮޑެވެ. މީހަކު އަޅެ އަޖައިބު ނުވެ ހިނގައިދާނެ ހެއްޔެވެ؟

ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު ނިންމަވާއިރު، އަޅުގަނޑު ހިތަށް އަރަ އެވެ. އެމަނިުފާނު އެއީ ފިހާރާގައި އިންނަ ބޮޑު ސޭޓުބާ އެވެ! މިއީ އެމަނިކުފާނުގެ އަމިއްލަ ވިޔަފާރި ހެއްޔެވެ؟ ނުވަތަ އަމިއްލަ ފިހާރައެއް ހެއްޔެވެ؟ ބޭނުންވީމާ ޑިސްކައުންޓު ދެއްވާފައި، ބޭނުންވީމާ ނުދެއްވަން، މިއީ ބޮޑު ފިހާރާއިގެ ސޭޓެއް ނޫންވިއްޔާ އެވެ!

ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު، ފިހާރައިގެ ސޭޓު ގާތު އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ބުނެ އުޅެ އެވެ. "ކޮބާ ސޭޓާ! ނެތްތަ ޑިސްކައުންޓެއް ދެވޭކަށް!" ނުވަތަ "އޭ ސޭޓާ! ނެތްތަ ކުޑަ ގޮތެއް ހަދާލެވޭކަށް!" މިހެންނެވެ. ބުނީމާ، ސޭޓު ހިތަށް އަރައިފިއްޔާ ޑިސްކައުންޓު ދޭނެ އެވެ. ސޭޓު ހިތްހަމަ ނުޖެހޭ ދުވަހެއް ވިއްޔާ ނުދީވެސްފާނެ އެވެ. ވާނީ އެހެންތާ އެވެ. އެއީ ސޭޓު އަމިއްލަ އަށް ޚަރަދު ކޮށްގެން ގަންނަ މުދަލެވެ. މުވައްޒަފުންނަށް މުސާރަ ދެނީ ސޭޓުގެ އަމިއްލަ ފައިސާ އިންނެވެ. ކަރަންޓު ބިލާއި، ދެން ވެސް ހުރި ޚަރަދުތައް ކުރަނީ ސޭޓަށް ލިބޭ ފައިސާ އިންނެވެ.

މިއަދު އަޅުގަނޑުމެން މި ޖެހުނީ، ކޮންމެ މަހެއްގެ ކަރަންޓު ބިލު އަތަށް ލިބުމާއެކު، ސޭޓު ގާތުގައި ޑިސްކައުންޓު ދިނުމަށް އެދޭ ފަދައިން، ކަރަންޓު ބިލުން ޑިސްކައުންޓު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދޭށެވެ. ބިލު އައުމާއެކު، "ކޮބާ ރައީސް! ނެތްތޯ ކަރަންޓު ބިލުން ޑިސްކައުންޓެއް ދެވޭކަށް!" ނުވަތަ "ބައްލަވާ ރައީސް! ކަރަންޓު ބިލަށް ކުޑަ ގޮތެއް ހައްދަވައި ދެއްވަންވީ ނޫންތޯ!" މިހެން ބުނާން ޖެހުނީ އެވެ.

ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރަނީ އަޅުގަނޑުމެން ރައްޔިތުންގެ އަތުން ވޯޓި ކަރުދާހުގައި ޖަހާ ފާހަގަ އިންނެވެ. އެމަނިކުފާނަށް މުސާރަ ދެއްވަނީ އަޅުގަނޑުމެން ރައްޔިތުންގެ ޓެކްސް ފައިސާ އިންނެވެ. އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ޚަރަދާއި، ފަރިއްކުޅުއްވާ ޚަރަދު ވެސް ބައްލަވަނީ ހަމަ އަޅުގަނޑުމެންގެ އަތުން ދައްކަމުން އަންނަ ޓެކްސް ފައިސާ އިންނެވެ.

އެހެންވިއްޔާ، ކަރަންޓު ބިލަށް ޑިސްކައުންޓު ހޯދަން ރައްޔިތުން އާދޭސް ކުރާކަށް ނުޖެހޭނެ އެވެ. ކަރަންޓުގެ ޔުނިޓަކަށް ނަގާ މިންވަރު އަގު ހެޔޮކޮށް، ރައްޔިތުންނަށް ލިބޭ ބިލުގައި އޮންނަ އަދަދު ކުޑަ ކޮށްދޭށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
20%
0%
0%
0%
80%
ކޮމެންޓް