ކ. މާލެ
|
3 ޖޫން 2024 | ހޯމަ 09:15
ރެއާލަށް ކުޅެމުން އަންނަ ވިނީޝިއުސް ޖޫނިއާ
ރެއާލަށް ކުޅެމުން އަންނަ ވިނީޝިއުސް ޖޫނިއާ
ރޮއިޓާސް
ރެއާލް މެޑްރިޑު
ވިނީޝިއުސް އަށް ބެލެންޑިއޯ ޙައްގު: އަންޗެލޮޓީ
ހުނަރުވެރި ފޯވާޑު ވަނީ މި ސީޒަންގައި ރެއާލަށް ކުޅެދިން 39 މެޗުގައި 24 ލަނޑު ޖަހާފައި

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އަށް، ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ޙައްގު ކަމަށް، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ބަލިކޮށް، ރެއާލުން 15 ވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ރެއާލް މޮޅުވި އެ މެޗުގައި ވިނީޝިއުސް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

އެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ވިނީޝިއުސް އަށް ބެލެންޑިއޯ އެވޯޑު ޙައްގު ކަމަށާއި، އެކަމާ މެދު އޭނާގެ އެއްވެސް ސުވާލެއް ނެތް ކަމަށެވެ. ރެއާލްގައި ވިނީޝިއުސް ދައްކަމުން އަންނަ ކުޅުމާއި، ޚާއްސަކޮށް މި ސީޒަންގައި އޭނާ ދެއްކި ކުޅުމަށް ބަލާއިރު ވެސް، އެވޯޑު އޭނާ އަށް ޙައްގު ކަމުގައި އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ، ވިނީޝިއުސް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއްކަން އޭނާ އަންނަނީ ސާބިތު ކޮށްދެމުން ކަމަށެވެ. ޚާއްސަކޮށް ރެއާލަށް އެންމެ ބޭނުންވާ ވަގުތުގައި ވިނީޝިއުސް އެންމެ ތަފާތު ދައްކަމުން އަންނަކަން އޭނާ ފާހަގަ ކުރި އެވެ. އަދި ކުަރިމަތިވާ އެހެނިހެން ދަތިތަކާއި، އުނދަގޫތަކާ އެކު ވެސް، ވިނީޝިއުސް ވަނީ ހުއްޓުމެއް ނެތި ކުރިއަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އުމުރުން 23 އަހަރުގެ ހުނަރުވެރި ފޯވާޑު ވަނީ މި ސީޒަންގައި ރެއާލަށް ކުޅެދިން 39 މެޗުގައި 24 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ސްޕެނިޝް ލީގުގައި އޭނާ ވަނީ ރެއާލަށް ކުޅެދިން، 26 މެޗުން 15 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި އޭނާާ ޖަހާފައިވާ ހަ ލަނޑު ވެސް ހިމެނެ އެވެ.

ވިނީޝިއުސް ވަނީ މި ސީޒަންގައި ރެއާލާ އެކު ތިން ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް