އާދައިގެ މަތިން މިރޭ ވެސް ޓްވިޓަރ ނުވަތަ މިހާރުގެ ނަމުން ނަމަ 'އެކްސް' ހާވާލީ، އާއްމުކޮށް ގައުމުގައި ހިނގާ ކަންކަން އެ މަސްދަރަކުން ފެންނަން ހުންނަ ޕްލެޓްފޯމަކަށް އެ ޕްލެޓްފޯމް ވާތީއެވެ. މިހާރު އެންމެ ބޮޑަށް ވައިގައި ހިފާފައި އޮތް ކަމަކީ ކޮބައިތޯ، އަދި ޤައުމުގައި އެންމެ ބާރަށް ދެކެވޭ ވާހަކަ އެއް ދެނެގަންނާނަމޭ ހިތައެވެެ. ކަމަކު ދާކަށް ނެތެވެ! އެންމެން ވެސް މި ދައްކަނީ ހަމަ އެއް ވާހަކައެކެވެ. ބައެއް މީހުން ބުނަނީ މިއީ ސަލާމަތްވުމެއް ނެތް ތުރާލެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ މިއީ ހޫނަކަސް ފިންޏަކަސް ސަލާމަތް ނުވާ ކަމެއް ކަމަށެވެ. އެންމެންވެސް މި ކުރާ ޝަކުވާ އަކީ ހަމަ އެއް ޝަކުވާއެކެވެ. އެއީ ކަރަންޓު ބިލު ބޮޑުވާ ވާހަކައެވެ. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ އާއި ފެނަކަ ޓެގްކޮށްފައި އާއްމުންގެ ކަންބޮޑުވުންތައް އެ ދަނީ އޮއްސާލަމުންނެވެ.
މި މަހުގެ ކަރަންޓު ބިލު ބޮޑު ކަމުން ޚަރަދުތައް ހަމަޖައްސާނެ ގޮތަކާއި މެދު ބައެއް މީހުން ތިބީ ކަންބޮޑުވެފައެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ގެއެއްގެ ކަރަންޓު ބިލް ހިއްސާކޮށް ހުސައިން ކިޔާ އާއްމު މީހަކު ބުނެފައި ވަނީ އެ ގޭގެ ކަރަންޓު ބިލަކީ ކުރިން 50 ރުފިޔާ އަރާ ބިލެއް ކަމަށެވެ. އެހެންކަމުން އެ ބިލަށް މި ފަހަރު 2000 ރުފިޔާ އެރުން ވެގެން ދިޔައީ އޭނާ އަށް ބޮޑު ޝޮކަކަށްވީ ކަމަކަށެވެ. އޭނާ ވަނީ އެ ސިޓީގައި ޚިދުމަތް ދެމުން އަންނަ ފެނަކަ އަށް ބިލްތައް ޕްރޮސެސްކުރާ އިރު ޑަބަލްޗެކް ކުރުމަށް ގޮވާލާފައެވެ.
މިއީ ހުސައިންގެ އެކަނި ހާލެއް ނޫނެވެ. ނޫނީ ފުވައްމުލައް ސީޓީގައި އެކަނި ދިމާވެފައި އޮތް ކަމެއް ވެސް ނޫނެވެ. މާލޭގައި ވެސް، އަތޮޅު ތެރޭގެ އެހެން ހިސާބުތަކުގައި ވެސް އެކަން އޮތީ ހަމައެހެންނެވެ. އެތައް ބަޔަކު ދަނީ ކަަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ ކުރަމުންނެވެ. އެކްސްގައި މަސްރަހު ކިޔާ މީހަކު ކުރި ޕޯސްޓެއްގައި ސްޓެލްކޯ އިިން ބިލު އެކުލަވާލާފައިވާ ގޮތާއި މެދު ވެސް ސުވާލު އުފައްދާފައެވެ. އޭނާ ހިއްސާ ކުރި ޕޯސްޓުގައި ވަނީ އެޕްރިލް މަހުގެ 11އިން މޭއި 9ގެ ނިޔަލަށް އެކުލަވާލައިވާ ބިލެކެވެ. ބިލަށް 1136 ރުފިޔާ އަރާފައި އޮތެވެ. އެކަން އެހާ ހައިރާންކުރުވަނިވިކަމަކަށް ވީ މިދިޔަ އެޕްރިލް އިން މިހާ ހިސާބަށް ވެސް، ބިލްކޮށްފައިވާ އެޕާޓްމެންޓުގައި މީހަކު ދިރިއުޅެމުން ނުދިއުމެވެ. އަދި އެއީ ފްރިޖެއް، ޓީވީ އެއް އަދި އޭސީ ޔުނިޓެއް ވެސް ހުރިތަނަކަށް ނުވުމެވެ. އެހެންކަމުން މަސްރަހު ސްޓެލްކޯގެ މި ޢަމަލު ސިފަކުރީ ބޮޑު މަކަރެއްގެ ގޮތުގައެވެ.
މިކަހަލަ ކިތަންމެ ޝަކުވާ އެއް މީސްމީޑިއާގައި ފުނިޖެހިފައި އެބައޮތެވެ. އޮޅުވާލުމާއި މަކަރާއި ހީލަތްތެރިކަމާއި އެކު ބިލްތައް އެކުލަވާލާ ކަމަށް އާއްމުން ދަނީ ތުހުމަތުކުރަމުންނެވެ. އެހެންނަމަވެސް ސްޓެލްކޯ އިން ތަކުރާރުކޮށް ދޭ ޖަވާބަކީ ބިލު ބޮޑު ވަނީ ބޭނުން ކުރެވޭ މިންވަރު އިތުރުވާތީކަމަށެވެ.
އެހެންނަމަވެސް މީހަކު ދިރި ނޫޅޭ އެޕާޓްމެންޓާއި، އެއްވެސް އިތުރު އާލާތެއް ބޭނުން ނުކުރާ ގޭބީސީތަކުގެ ކަރަންޓު ބިލު ހާހުން ދެހާހުން ބޮޑުވީމަ ސްޓެލްކޯގެ އެ ވާހަކަތައް ބަލައިގަންނަން އާއްމުންނަށް އުނދަނގޫވެއެވެ. ކުރިން ބުނަނީ ބިލު ބޮޑު ވަނީ ހޫނުވީމަ ކަމަށެވެ. ކަންދިމާކުރާ ގޮތުން މިއީ ވިއްސާރަ ދުވަސްވަރެކެވެ. އެހެންކަމުން މިހާރު ކަރަންޓު ބިލު ބޮޑުވާން ދިމާވި ސަބަބާ މެދު އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ. އެކަމަށް ވެސް ސްޓެލްކޯގެ ޖަވާބެއް އެބަ އޮތެވެ. އެއީ ރީޑީން ނަގާ ދުވަސްތައް ދިމާވަނީ ހަމައެކަނި ވިއްސާރަ ދުވަސްވަރަކަށް ނޫން ކަމަށް ބުނާ ވާހަކައެވެ. އެހެންކަމަށް ވާނަމަ އެ ބުނާ ވިއްސާރަ ދުވަސްވަރާއި ދިމާވާ ދުވަސްވަރުގެ ބިލްތައް ކުޑަ ނުވަނީ ކީއްވެތޯ އާއްމުން ސުވާލު އުފައްދައެވެ.
މިދިޔަ ރޯދަ މަހު ބޭނުންކުރާ ކަރަންޓާއި ފެނުން ޑިސްކައުންޓު ދޭން ސަރުކާރުން ނިންމިއެވެ. އެހެކަމުން މި އަހަރުގެ މާޗު މަހުގެ ބިލާއި އޭޕްރީލް މަހުގެ ބިލުން ވެސް ވަނީ ޑިސްކައުންޓު ދީފައެވެ. އެހެންކަމުން މިހާރު މި ޖެހި ޗައްކަރަކީ ޑިސްކައުންޓް ދިން ބައި އަލުން އިއާދަކޮށް އެ ފައިސާ ހޯދުމަށް ޖެހި އުކުޅެއް ނޫންތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. އެހެނީ ކުރިން ޑިސްކައުންޓް ދިން ބިލްތަކާ އަޅައިބަލާ ނަމަ، މިމަހުގެ ބިލް ބޮޑުކަން ފާހަގަކުރެވުމެވެ. އަދި މި ނޫނަަސް ކަރަންޓު ބިލު ބޮޑުވާ ސަބަބާއި މެދު ތަފާތު އެކި ނަޒަރިއްޔާތުތައް ދަނީ ފެތުރެމުންނެވެ. އެގޮތުން ކަރަންޓު ބިލުތައް ބޮޑުކުރަނީ ގަސްތުގައި ކަމަށް ބުނާ އާއްމުންވެސް މަދެއް ނޫނެވެ. އަދި ބޭނުންކުރާ މިންވަރަށް ވުރެ މާ ބޮޑުކޮށް ބިލްކުރާ ކަމަށް ތުހުމަތުކުރެއެވެ.
ކޮންމެއަކަސް ސްޓެލްކޯ އާއި ފެނަކަ އާއި މެދު އާއްމުންގެ ނުރުހުން އިންތިހާއަށް އެބައޮތެވެ. އާއްމުން ޤަބޫލުކުރާގޮތުން މިއީ އާއްމުން ފެލާލުމެވެ.